ގޯލްޑަން ފުޓްސަލް ޗެލެންޖް

"ތިމަރަފުއްޓަށް އޮތީ ބުރަކޮށް މަސައްކަތް ކުރުން، އަމާޒަށް ވާސިލުވެވޭނެ"

ތ. ތިމަރަފުށީގެ ޓީމަށް ކުރަން އޮތް އެންމެ ބޮޑު ކަމަކީ ބުރަކޮށް މަސައްކަތް ކުރުން ކަމަށާއި، މަސައްކަތް ކުރެވިއްޖެނަމަ ކުރިއަށް ދެވޭނެ ކަމަށް އިބްރާހީމް އަސްވަދު (ގަބޭ) ބުނެފިއެވެ.

ތިމަރަފުއްޓަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން މިހާތަނަށް މުބާރާތް ތިން ފަހަރު ނަގާފައިވާ އިރު، އެޓީމުން ވަނީ 2016، 2019 ގެ އިތުރުން 2022 ވަނަ އަހަރު ތަށި ނަގާފައެވެ. މިފަހަރު މުބާރާތަށް ނުކުތީ ހަތަރު ވަނަ ތަށްޓެއް ހޯދުމަށެވެ.

އަތޮޅު ޗެމްޕިއަންކަމާއެކު ޒޯން ބުރަށް ނުކުމެ، ތިމަރަފުށިން ލ. ގަން ކައިރިން 1-0 އިން ބަލިވި ނަމަވެސް، އެންމެފަހުން ހިރިލަންދުއާ ދެކޮޅަށް ކުޅުނު މެޗު ބޮޑު ތަފާތަކުން ކާމިޔާބުކުރިއެވެ.

"އަލްހަމްދުﷲ މޮޅުވީމަ މެޗުން. މެޗު ނަގައިގެން ފައިނަލަށް ދާން ވިޔަސް ފައިދާ ގޯލުތަކެއް ބޭނުންވޭ. އެއީ ގެއްލުން ގޯލަކާއެކު ހިރިލަންދޫ ކައިރިން ނުކުތީ. އެހެންވީމަ ގިނަ ގޯލުތަކެއް ޖެހުން މުހިއްމުވެފައި އޮވެގެން މެޗަށް ނުކުތީ. އެހެންވީމަ އެކަން ހާސިލްވުމަކީ ވަރަށް މުހިއްމު ކަމެއް. ދެން އޮތީ ބޮޑު އިމްތިހާނެއް. އެއީ އިސްދޫ މެޗަކީ ވަރަށް ވަރުގަދަ މެޗެއް. އެކަމަކު މި ލެވެލްގައި މަސައްކަތް ކޮޮށްފިއްޔާ ނަތީޖާ ނެރެވޭނެ،" ގަބޭ ބުންޏެވެ.

ގަބޭ ބުނީ ގަމާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމު ބަލިވީ ނުކުޅެވިގެން ނޫން ކަމަށާއި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"ގަން މެޗުގައި ފެންނާނެ އެންމެންނަށްވެސް. ވަރަށް ރަނގަޅަށް ކުޅެމުން ދިޔަ ވަގުތުތައް ދިޔަ ނަމަވެސް ކަން ދިމާކުރި ގޮތުން ކޮޅަށް ގޯލަށް ވަނީ. ގޯލެއް ވަނުމަކީ އެކަހަލަ މެޗެއްގައި ކަން ވާނެވެސް ގޮތް. އެއީ އެހާ ޓަފް ދެޓީމު ކުޅޭއިރު، އެންމެ މިސްޓޭކަކުން ކަހަލަ ގޮތަކަށް ކޮޅަށް ގޯލެއް ވަންނާނީ،" ގަބޭ ބުންޏެވެ.

ތިމަރަފުށިން ޒޯންގެ ލީގު ބުރުގައި މިރޭ އިސްދުއާ ދެކޮޅަށް ނުކުންނަ އިރު، އެމެޗު އޮންނާނީ މިރޭ 11:00 ގައެވެ.