ގޯލްޑަން ފުޓްސަލް ޗެލެންޖް

ޒޯން ފައިނަލުން ޖާގަ ހޯދައި، ދުވާފަރާއި އިނގުރައިދޫ ގަދަ 16 އަށް

މުޙައްމަދު ޝަމްޢޫން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ދެއަކުން ރ. އިނގުރައިދުއާއި އެ އަތޮޅުގެ ދުވާފަރުން ގަދަ 16 ޔަގީން ކޮށްފިއެވެ.

މިއަހަރު މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ޒޯން ބުރުގެ މެޗުތައް ދަނީ ފޯރިގަދަވަމުންނެވެ. ޒޯން ދޭއްގެ ތިންވަނަ ރޭގެ މެޗުތައް ރޭ ކުރިއަށް ގެންގޮސްފައިވާ އިރު، އެ ޒޯނުގައި ވާދަކުރަނީ ށ. އަތޮޅުގެ ޗެމްޕިއަން މިލަންދޫއާއި އެ އަތޮޅުގެ ރަނަރަޕް ކަނޑިތީމުގެ އިތުރުން ރ. އަތޮޅުގެ ޗެމްޕިއަން އިނގުރައިދޫއާއި ރަނަރަޕް ދުވާފަރު އަދި ނ. އަތޮޅުގެ ޗެމްޕިއަން މިލަންދޫ އެވެ.

އިނގުރައިދުއާއި ދުވާފަރުންވެސް ރޭ ދެޓީމުގެ ތިންވަނަ މެޗަށް ނުކުތީ ކުރިން ކުޅެފައި އޮތް ދެމެޗުންވެސް މޮޅުވެފައި އޮވެގެންނެވެ. ރޭ އިނގުރައިދޫ މިލަންދޫ ކައިރިން 4-3 އިން މޮޅުވި އިރު، ދުވާފަރުން މިލަދޫ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

އެ ދެޓީމަށް އަދި ބާކީ މެޗެއް އޮއްވާ، ފައިނަލު ޔަގީންވީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ.

އިނގުރައިދޫ މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ހަތަރު ގޯލު ޖެހިއެވެ. އަހުމަދު އައިހަމް (އައިހު) ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖެހީ އަލީ ހާފިޒް (ހާއްޕެ) އަދި މުހައްމަދު މަމްދޫހެވެ.

ދެވަނަ ހާފަށް ނުކުމެ، މިލަންދޫން ކުޅުން ރަނގަޅުކުރި އިރު، އެޓީމުގެ ހުސައިން ޝާފީ ދެ ގޯލު އަދި އަހުމަދު އިނަފް އަބްދުﷲ ގޯލެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ޕޮއިންޓެއް ނުހޯދި ކެޓީއެވެ.

ދުވާފަރަށް ރޭ ގޯލުތައް ޖަހައިދިނީ މުހައްމަދު އިސާމް (ޝަންޓެ) އާއި އިބްރާހީމް އަނާނެވެ.

ޒޯން ދޭއްގައި އަދި ކަނޑިތީމާއި މިލަދޫ ވާދަކުރާ މެޗާއި އިނގުރައިދުއާއި ދުވާފަރު ވާދަކުރާ މެޗު ލީގު ބުރުގައި ބާކީ އެބައޮތެވެ. މިލަންދުއަށް މެޗު ހަމަވި އިރު، އެޓީމަށް ހަތަރު މެޗުން ހޯދުނީ އެންމެ ޕޮއިންޓެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިއަދު ހަވީރާއި މިރޭވެސް ކުރިއަށް ދާނެއެވެ.

މިއަހަރު މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.

މިއަދު ހަވީރާއި މިރޭ އޮންނަ މެޗުތައް

16:00
ގްރައުން 1: ޏ. ދަނޑިމަގު - ސ. ފޭދޫ (ޒޯން 7/ ސެމީ ފައިނަލް)
ގްރައުންޑް 2: ސ. ހިތަދޫ - ގދ. ވާދޫ (ޒޯން 7/ ސެމީ ފައިނަލް)

20:00
ގްރައުންޑް 1: ބ. އޭދަފުށި - ކ. ކާށިދޫ (ޒޯން 3)
ގްރައުންޑް 2: ޅ. ކުރެންދޫ - ކ. މާފުށި (ޒޯން 3)

21:00
ގްރައުންޑް 1: ވިލިމާލެ - މާފަންނު (ޒޯން 8)
ގްރައުންޑް 2: ހުޅުމާލެ - މައްޗަންގޯޅި (ޒޯން 8)

22:00
ގްރައުންޑް 1: މ. މުލަށް - މ. ދިއްގަރު (ޒޯން 5)
ގްރައުންޑް 2: ދ. ކުޑަހުވަދޫ - ފ. ދަރަނބޫދޫ (ޒޯން 5)

23:00
ގްރައުންޑް 1: ލ. އިސްދޫ - ތ. ތިމަރަފުށި (ޒޯން 6)
ގްރައުންޑް 2: ތ. ހިރިލަންދޫ - ލ. ގަން (ޒޯން 6)