އަހްމަދު އަދީބު އަބްދުލްގަފޫރު

އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރުމުން، އަދީބު މިނިވަން ވެއްޖެ

3

ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ތަންފީޒުކުރަމުން ދިޔަ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލްކުރުމުން، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް ކުރި ހުރިހާ ހުކުމަކުން މިއަދު މިނިވަން ވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި، 2016 ވަނަ އަހަރުގެ ޖޫން މަހުުގެ 23 ގައި، ދަށު ކޯޓުން އަދީބުގެ މައްޗަށް އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރީ، ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ކަމަށްބުނާ ފަސް މިލިއަން ޑޮލަރުގެ މައްސަލައެއްގައެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި އަށް އަހަރު ދުވަހުގެ ހުކުމް ބާތިލް ކުރުމަށްފަހު، އެ މައްސަލަ އަލުން ބަލަން ވެސް ވަނީ ހުކުމްކޮށްފަ އެވެ.

ފެބްރުއަރީ 1 2018 ގަ އޭރު ޖަލު ބަންދުގައި ތިބި ސިޔާސށީ ބައެއް އިސް ލީޑަރުން ދޫކޮށްލުމަށް ސުްޕރީމް ކޯޓުން ކުރި އަމުރަށްވެސް ހައިކޯޓުގެ މިއަދުގެ ހުކުމްގައި އަލިއަޅުވާލާފައިވެއެވެ.

ހުކުމްގައި ބުނެފައިވަނީ، އަދީބު ޖަލަށް ލާން ހުކުމްކުރި ފަހުން 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބައެއް ފަރާތްތައް ދޫކޮށްލަން އެންގިމީޙުންގެ ތެރޭގައި އަދީބު ވެސް ހިމެނޭ ކަމަށެވެ. އަދި އެ އަމުރުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ފަހުން ބާތިލް ކުރިޔަސް، ނުފޫޒު ފޯރުވައިގެން އިޖްރާއާތުތަކާ ހިލާފަށް ކޮށްފައިވާ ހުކުމްތައް ކަމަށް ބުނެ އަމުރުގައި އޮތް ބައި ބާތިލް ކޮށްފައި ނެތް ކަމަށް ހުކުމުގައިބުނެފައިވެއެވެ.

އަށް އަހަރުގެ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލް ކޮށްފައިވާއިރު، ފިސްތޯލައެއް ގެންގުނު މައްސަލއެއްގައި، ޓެރަރިޒަމްގެ ދައުވާކޮށް، އަދީބުގެ މައްޗަށްކުރި 10 އަހަރު ދުވަހުގެ ޖަލު ހުކުމް ވެސް މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފަވެ.

މި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވަނީ، ދަށު ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައި ވަނިކޮށެވެ.

ފިސްތޯލައެއް ގެންގުޅުނު ކަމަށް އަދީބުގެ މައްޗަށް ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރުގެ ޖޫން 5 ގައެެވެ.

ފިސްތޯލަ ގެންގުޅުމުގެ އިތުރުން، ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ވެސް ޓެރަރިޒަމްގެ ދައުވާ ކޮށް ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް 15 އަހަރު ދުވަހުގެ ހުކުމެއް އިއްވިއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން އެ ކޯޓްގެ މައްޗަށް ހައިކޯޓުން މިމަހުގެ ވިހިވަނަ ދުވަހު ވަނީ އަމުރު ކޮށްފައެވެ. އެހެންކަމުން އަދީބުގެ މައްޗަށް މިހާތަނަށް ކޮށްފައިވާ ހުރިހާ ހުކުމެއް މިހާރު މިވަނީ ބާތިލްވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟