ކޮޕާ ޑެލް ރޭ

ފަހުވަގުތު ޖެހި ގޯލުން ސަލާމަތްވެ، ރެއާލް ސެމީއަށް

ސްޕެނިޝް ކޮޕާ ޑެލް ރޭގެ ކުއާޓާ ފައިނަލުގައި 3-2 ގެ ނަތީޖާއަކުން ލެގާނޭސް ބަލިކޮށް، ރެއާލް މެޑްރިޑުން ސެމީ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފިއެވެ.

ރެއާލްގެ އިތުރުން އެތުލެޓިކޯ މެޑްރިޑުންވެސް ސެމީ ޔަގީންކޮށްފައިވާ އިރު، އެޓީމުން ސެމީގައި ނުކުންނަން ޖެހޭނީ އެތުލެޓިކޯއާ ދެކޮޅަށެވެ.

ރެއާލުން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ދެ ގޯލު ޖެހިއެވެ. މެޗުގެ 18 ވަނަ މިނެޓުގައި ރެއާލަށް ގޯލު ޖަހައިދިނީ ލޫކާ މޮޑްރިޗެވެ. އޭގެ އިރުކޮޅެއްފަހުން ރެއާލުން ލީޑު ފުޅާވެސް ކުރިއެވެ. 25 ވަނަ މިނެޓުގައި ލެގާނޭސްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، އެ ގޯލު ޖެހީ އެންޑްރިކެވެ.

މެޗުގެ ތެރެއަށް އަނބުރާވަނުމަށް ލެގާނޭސްއިން ކުރި މަސައްކަތުގައި ހާފު ނިމުމުގެ ކުރިން އެޓީމު ގޯލެއް ޖެހިއެވެ. އެއީ 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި ޖުއާން ކްރޫޒް ކާމިޔާބުކޮށްދިން ގޯލެކެވެ.

ދެވަނަ ހާފަށް ނުކުމެ، ޖުއާން ކްރޫޒްގެ އިތުރު ގޯލަކާއެކު ލެގާނޭސް މެޗު އެއްވަރުކުރި އިރު، އެ ގޯލާއެކު މެޗު ފޯރިގަދަވިއެވެ. އޭގެ އިރުކޮޅެއްފަހުން ބްރަހީމް ޑިއާޒްގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، ރެއާލުން މެޗު ކާމިޔާބުކުރީ އިތުރު ވަގުތުގައި އުމުރުން 20 އަހަރުގެ ގޮންޒާލޯ ގާސިއާ ޖެހި ގޯލުންނެވެ.

ގާސިއާއަކީ އާއްމުކޮށް ރެއާލްގެ ބީ ޓީމުގައި ކުޅޭ ކުޅުންތެރިއެއް ނަމަވެސް، ރޭ އޭނާ ވަނީ ސީނިއާ ސްކޮޑުގައި ހިމެނިފައެވެ.