އިބްރާހިމް ޒަކީ
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ހައްޖަށްދާން އެދޭ ފަރާތްތަކަށް ދޫކުރެވޭނީ، ހައްޖަށްދާން ނަގާ އަގުގެ ފަންސާސް ޕަސެންޓް ކަމަށް ކަނޑައަޅައި، ގަވާއިދު ގެޒެޓުކޮށްފިއެވެ.
"ފަރުލު ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު" ނަމުގައި ގެޒެޓްކޮށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގަވައިދަށް އަމަލު ކުރަން ފަށާފައިވާއިރު، ގަވާއިދުގައި ކަނޑައަޅާފައިވަނީ، އެކަމަށް ފައިސާ ދޫކުރެވޭނީ، ރިޓަޔަރމަންޓް ސޭވިންގ އެކައުންޓު ބެލެންސްގެ ގޮތުގައި 336,000 ޖަމާކުރެވިފައިވާ މީހުންނަށް ކަމަށާއި، ދޫ ކުރެވޭނެ މިންވަރަކީ އެ އަހަރެއްގައި ހައްޖަށް ދިއުމަށް ދައްކަންޖެހޭ އަގުކަމުގައި ސަރުކާރުން ކަނޑައަޅާ އަގުގެ ފަންސާސް ޕަސެންޓް ކަމަށެވެ.
މީގެ އިތުރުން ހައްޖަށް ދިޔުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހުށަހަޅާފަރާތަކީ ގަވާއިދުގައި ބުނެފައިވާގޮތުގެމަތިން، މީހުން ހައްޖަށް ގެންދިޔުމަށް އެއޮފީހާއެކު އެއްބަސްވުން ގާއިމުކޮށްފައިވާ ފަރާތަކުން ހައްޖަށް ދިއުމަށް ކޯޓާ ހަމަޖެހިފައިވާ މީހަކަށްވުމާއި ގެދޮރުގަތުމަށް ޕެންޝަން އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ ކޮލެޓަރަލައިޒު ކުރުމުން، ނުވަތަ އެނޫންވެސް ސަބަބަކާ ހެދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރިފައިސާ ހިފެހެއްޓިފައި ނުވާ މީހަކަށް ވާންޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ.
ގަވާއިދުގައި ބުނާގޮތުން ހައްޖަށް ދިޔުމަށް ޕެންޝަން ފައިސާ ބޭނުން ކުރުމަށް އެދި ހުށަހަޅާނީ އެމީހަކު ހައްޖަށް ގެންދާ ޖަމާއަތް، ނުވަތަ ކުންފުނިން އެކަމަށް ކަނޑައަޅާ ފޯމު މެދުވެރިކޮށް އެތަނަކަށެވެ. އަދި އެޖަމާއަތް، ނުވަތަ ކުންފުނިން އެ މައުލޫމާތު ޕެންޝަން އޮފީހާ ހިއްސާކުރުމުން ކަނޑައެޅިފައިވާ ގޮތުގެ މަތިން ހައްޖަށް ދިޔުމަށް ޝަރުތު ހަމަވާ މެންބަރެއްތޯ ކަށަވަރުކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތެއްނަމަ ހައްޖަށް ދިޔުމަށް ދައްކަންޖެހޭ އަގުކަމުގައި ސަރުކާރުން ކަނޑައަޅާފައިވާ އަގުގެ ފަންސާސް ޕަސެންޓް އެ މެންބަރަކު ހައްޖަށް ގެންދާ ފަރާތާ ހަވާލުކުރެވޭނެއެވެ.
ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން އެ އޮފީހާއެކު އެއްބަސްވުން ގާއިމުކޮށް ހައްޖުވުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ވަނީ ހުޅުވާލެވިފައެވެ.
އަދި ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބިފައިވާ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ސިޓީ ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ހައްޖު އޮފީހަށް އެންގުމަށް ވެސް އެ އޮފީހުން ވަނީ އެދިފައެވެ.
ހައްޖު އޮފީހުން ބުނީ ހައްޖަށް ގެންދާ ފަރާތްތަކާއެކު އެއްބަސްވުން ގާއިމް ކުރެވުނުހާ އަވަހަކަށް، ޕެންޝަން ފަންޑުން ހައްޖަށް ދިޔުމަށް އެދި ހުށަހެޅުމުގެ ފުރިސަތު ހުޅުވައިލާނެ ކަމަށެވެ.
ހައްޖު އޮފީހުން ބުނީ، ހައްޖަށް ދިޔުމަށް ޕެންޝަން ސްކީމުގެ މެންބަރުންނަށް ބޭނުންކުރެވެން ހުރި އަދަދު އެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓު ސްޓޭޓްމަންޓުންނާއި ޕެންޝަން އޮފީހުގެ މޯބައި އެޕްލިކޭޝަނުން ބަލައިލެވޭނެކަމަށެވެ. އަދި މި ސްކީމުގެ ދަށުން މީހުން ހައްޖަށް ގެންދިޔުމަށް ހައްޖު އޮފީހާއެކު އެއްބަސްވުން ގާއިމުކޮށްފައިވާ ފަރާތްތަކުގެ ނަންތައް އެ އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރާނެ ކަމަށެވެ.
ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން ހައްޖަށް ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމަކީ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދު ފުޅެކެވެ.