ގޯލްޑަން ފުޓްސަލް ޗެލެންޖް

ދިއްދޫގެ އަމާޒު ޒޯން ތަށްޓަށް: "ވާދަކުރެވޭނެ ފެންވަރު އަބަހުރި"

ހއ. ދިއްދުއަކީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް ބުރަށް ދެވޭނެ ފެންވަރުގެ ޓީމެއް ކަމަށާއި، އެކަމަށް ޓީމު އޮތީ ތައްޔާރަށް ކަމަށް ކެޕްޓަން ހުސައިން ޝިފާހް ބުނެފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ ޒޯން އެކެއްގެ ކުޅުން ފަށައިފައެވެ. އެ ޒޯނުގައި ވާދަކުރަނީ ހއ. އަތޮޅުގެ ޗެޕިއަން ވަށަފަރާއި ރަނަރަޕް ދިއްދޫގެ އިތުރުން ހދ. އަތޮޅުގެ ޗެމްޕިއަން ނައިވާދޫ އަދި ރަނަރަޕް ނޭކުރެންދުއެވެ.

ދިއްދޫން ރޭ ޒޯން ފެށީ 5-1 އިން ނޭކުރެންދޫ ބަލިކޮށްގެންނެވެ. އެ މެޗަށްފަހު ވާހަކަދައްކަމުން ޝިފާހު ބުނީ އަތޮޅު ތަށި ދިފާއުކުރަން ނުކުމެ، އެ ފުރުސަތު ގެއްލުނު ނަމަވެސް މިހާރު ޓާގެޓަކީ ޒޯން ތަށި ކަމަށެވެ.

"ޓީމު ވަރަށް ފިޓްކޮށް މިހާރު މިއޮތީ، އަތޮޅު ތަށި ނުލިބުނަސް، އުންމީދަކީ ޒޯން ތަށި. އިރާދަކުރެއްވިއްޔާ މެޗަކަށްފަހު މެޗެއް ދަނީ ރަނގަޅަށް. ޒޯން ތަށި ނެގުން އެއީ މިހާރު އެންމެ ބޮޑު ޓާގެޓަކީ. އިރާދަކުރެއްވިއްޔާ ރަށުގެ ރައްޔިތުން ހެއްވާލާނަން،" ޝިފާހް "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ޝިފާހް ބުނީ ޒޯނު ބުރަށް ނުކުންނަ އިރު، ޓީމަށް ދިމާވާ އެންމެ ބޮޑު ޗެލެންޖަކީ އެއްކޮށް ފަރިތަކޮށްލަން ލިބޭ ފުރުސަތު މަދުވުން ކަމަށެވެ.

"ދިއްދުއަށް ވަކި ހިސާބަކުން އުނދަގޫތައް މި ދިމާވަނީ ފަރިތަކުރުންތަކުގެ މައްސަލަތަކުގެ ސަބަބުން. ގިނަ ޕްރެކްޓިސްތަކެއް ނުކޮތް ފުރަތަމަ މުބާރާތަށް އައިސް މެޗު ކުޅެލަން މި ޖެހެނީ. އެއީ ގިނަ ކުޅުންތެރިންތަކެއް މި ތިބެނީ ރިސޯޓުތަކުގައި. އަތޮޅު ބުރު ނިންމާފައި ޒޯނަށް މިފަހަރު ނުކުތީ ރަނގަޅު ޕްރެކްޓިސްތަކަކާއެކު. އެހެންވެ ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެގެން،" އޭނާ ބުންޏެވެ.

ޝިފާހް ބުނީ ގޯލްޑަންގެ ފެންވަރު ކުރިއަށްވުރެ ވަރުގަދަވެފައި އޮތް ނަމަވެސް، ދިއްދުއަކީ ވާދަކުރެވޭނެ ފެންވަރުގެ ޓީމެއް ކަމަށެވެ.

"ގޯލްޑަންގެ ފެންވަރު މަތިވި ނަމަވެސް، ހަމަ ވާދަކޮށްލެވޭނެ ފެންވަރުގައި ދިއްދޫ ޓީމުވެސް މިއޮތީ. އަހަރެމެންނަށް ހަމަ ވާދަކޮށްލެވޭނެ ރަނގަޅަށް،" ޝިފާހް ފާހަގަކުރިއެވެ.