ގޯލްޑަން ފުޓްސަލް ޗެލެންޖް

"ޗެމްޕިއަނުންނަށް ވީތީ ޕްރެޝަރު ބޮޑެއް ނޫން، ވިސްނަނީ މެޗަކަށްފަހު މެޗަކަށް"

ޗެމްޕިއަނުންނަށް ވެގެން އަންނަ ޕްރެޝަރެއް ޓީމަކަށް ނެތް ކަމަށާއި، އަބަދުވެސް ކުޅުންތެރިން ވިސްނަނީ މެޗަކަށްފަހު މެޗަކަށް ކަމަށް އޭދަފުށީގެ މުހައްމަދު ފާސިރު (ފާއްޓެ) ބުނެފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރު ފެށިގެން ކުރިއަށްދާ އިރު، ރޭ ވަނީ ޒޯން ތިނެއްގެ މެޗުތައް ފަށައިފައެވެ. އެ ޒޯނުގައި ވާދަކުރަނީ ކ. އަތޮޅުގެ ޗެމްޕިއަން މާފުއްޓާއި ރަނަރަޕް ކާށިދޫގެ އިތުރުން ބ. އަތޮޅުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން އޭދަފުށީގެ އިތުރުން ޅ. އަތޮޅުގެ ޗެމްޕިއަން ކުރެންދޫއެވެ.

އޭދަފުށިން ޖެހިޖެހިގެން ހަވަނަ ފަހަރަށް އަތޮޅު ތަށި ހޯދައިގެން ޒޯނަށް ނުކުމެ، ރޭ ކުރެންދޫ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މުހައްމަދު ފާސިރު (ފާއްޓެ)ގެ ދެ ގޯލުގެ އިތުރުން ދެން އޭދަފުށިން ކާމިޔާބުކުރި ގޯލަކީ ކުރެންދޫގެ މުހައްމަދު ރަފްހާން އަބްދުލް ގައްޔޫމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކުރެންދޫގެ ގޯލު ޖެހީ މުހައްމަދު ނަބީހެވެ.

ރޭގެ މެޗުގައި ދެ ގޯލު ޖެހި ފާއްޓެ ބުނީ ކުރީ އަހަރުތަކަށްވުރެ އިދިކޮޅު ޓީމުތައް ވަރުގަދަ ކަމަށާއި، މޮޅެއް ހޯދުމުން އަބަދުވެސް ހިތްހަމަ ޖެހޭ ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް ޒޯން ބުރުގައި މިހުރީ ވަރަށް ވަރުގަދަ ޓީމުތައް. ދެން ކުރެންދޫ މެޗު ނަގައިގެން ނޫން ގޮތަކަށް ހިއެއް ނުވޭ ފަސޭހަ ގޮތެއް ޒޯނުގައި އޮތް ހެނެއްވެސް. ޒޯން ވަރަށް އުނދަގޫކޮށް އަސްލު މިއޮތީ. މިހާރު މެޗަކުން މޮޅުވުން އެއީ އެހާ ފަސޭހަ ކަމެއްވެސް ނޫން. ހުރިހާ ޓީމަކުންވެސް ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައި މި ހުންނަނީ. އަހަރެމެންވެސް ޒޯނަށް ވަރަށް ރަނގަޅަށް ތައްޔާރުވިން،" ފާއްޓެ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ފާއްޓެ ބުނީ ޒޯނަށް އޭދަފުށިން ފުރިހަމައަށް ތައްޔާރުވި ނަމަވެސް، އަނިޔާގެ މައްސަލަތައް އަދިވެސް އެބަހުރި ކަމަށާއި، އެކަންކަމާ ލައިގެންވެސް ދެއްކި ކުޅުމަށް އުފާކުރާ ކަމަށެވެ.

އޭދަފުއްޓަށް ޗެމްޕިއަނުންގެ ޕްރެޝަރާ ކުރިމަތިވަނީ ކިހާވަރަކަށްތޯ އެހުމުން ފާއްޓެ ބުނީ އެ ޕްރެޝަރު ޓީމުން ނުފެންނަ ކަމަށާއި، ބޮޑަށް ވިސްނަނީ މެޗަކަށްފަހު މެޗެއް ނަގަން ކަމަށެވެ.

"އަސްލު ވަރަށް ގިނަ މީހުން ބުނޭ، ތަށި ދިފާއުކުރަން ނުކުންނަ އިރު، ވަރަށް ބޮޑު ޕްރެޝަރެއް އިންނާނެ. އެކަމަކު ޓީމު ތެރޭގައި އެކަންތައް މާ އުނދަގޫވެގެން، އެކަންތައް ބޮލަށް ލައިގެން ކުޅޭތަނެއް އަސްލު ނުފެނޭ. ހަމަ މެޗަކަށްފަހު މެޗެއް ރަނގަޅުކުރަން ހުރިހާ ކުޅުންތެރިންވެސް ވިސްނައިގެން ނުކުންނަނީ. ކޮންމެހެން މިއީ އެންމެފަހުގެ ޗެމްޕިއަނުންނޭ، ޗެމްޕިއަނުން ސްޓައިލްގައި ކުޅެ، ޗެމްޕިއަނުންގެ ޕާފޮމަންސް ދައްކަން ޖެހޭނޭ ކިޔައިގެން ނޫން މަސައްކަތް ކުރަނީ. އިނގޭ މެޗަކުން މޮޅުވުން އެއީ މިހާރު އުނދަގޫ ކަމެއްކަން،" ފާއްޓެ އިތުރަށް ބުންޏެވެ.

އޭދަފުށިން ދެން ޒޯނު ބުރުގެ ލީގު ބުރުގައި ކުޅެން ޖެހޭނީ ކ. އަތޮޅުގެ ޗެމްޕިއަން މާފުށީގެ އިތުރުން އެ އަތޮޅުގެ ރަނަރަޕް ކާށިދުއާ ދެކޮޅަށެވެ.