ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފުތާގައި ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފުތާގައި ފަށަން ނިންމައިފި އެވެ.

"ވަން އޮންލައިން" އަށް މީގެ ކުޑަ އިރުކޮޅެއް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ހޯމަ ދުވަހު ޖަލްސާ ބޭއްވޭތޯ ކަމަށެވެ.

މޫސަ ވިދާޅުވީ ހުއްޓިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑު އިއްޔެ މަޖިލީހުގެ ރައީސާ ބައްދަލުކޮށް ވަރަށް ދިގުކޮށް ވާހަކަދެއްކިން. މަސީހު ވިދާޅުވި މޫސަ ޖަލްސާތައް ކުރިޔަށް ގެންދިއުމުގެ މަސައްކަތް ކުރައްވާށޭ. އެބާރުލުން ދެއްވާނަމޭ. އެހެންވީމަ އިރާދަކުރެއްވިއްޔާ އަންނަ ހަފުތާގަ ޖަލްސާތައް ފެށޭނެ." މޫސަ ވިދާޅުވި އެވެ.

މިއަދު ހެނދުނު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ ޖަލްސާތައް ފެއްޓުމަށް ވަގުތުކޮޅެއް ނަގަނީ މިހާ ދުވަހު ޖަލްސާތައް ހުއްޓިފައި އޮވެފައި އަލުން ފަށާއިރު ހަމަޖައްސަން ޖެހޭ ކަންކަން ހުރުމުގެ އިތުރުން ގިނަ މެންބަރުން ތަކެއް ޗުއްޓީގައި ރަށުން ބޭރުގައި ވެސް އުޅުއްވާނެތީ ކަމަށެވެ.

ނަިއބު ރައީސް މޫސަގެ ރިޔާސަތުގެ ދަށުން މަޖިލީހުގެ ޖަލްސާތައް ފަށަން ތައްޔާރުވާ އިރު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ އިއްޔެ މަޖިލީހަށް ވައްދައިފަ އެވެ. މަސިހުގެ އިތުބާރު ނެތް ކަމުގެ މައްސަލަަ 51 މެންބަރުންގެ ސޮޔާ އެކު ވެއްދި އިރު އެ ލިޔުމުގައި މަސީހު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ވެސް ވަނީ ސޮއިކުރައްވައިފަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހަށް އެޖެންޑާ ކުރައްވައި މެންބަރުންނަށް ނޯޓިސް ވެސް ވަނީ އިއްޔެ ފޮނުއްވައިފަ އެވެ.