ބޮލީވުޑްގެ ޅެންވެރިޔާ، ޖާވެދް އަޚްތަރު ހުށަހަޅާފައިވާ، އަބުރު ގެއްލުވައިލުމުގެ މައްސަލައިގައި އެކްޓަރު އަދި ބީޖޭޕީގެ އެމްޕީ ކަންގަނާ ރަނާއުތު ބަންދު ކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރު ނެރުމުގެ ކުރިން މުމްބާއީ ކޯޓަކުން ކަންގަނާއަށް ފަހު ފުރުސަތެއް ދީފިއެވެ.
ރިޕޯޓުތަކުގައިވާ ގޮތުން، މި މައްސަލަ ހައްލުކުރުމަށް ކަނޑައެޅިފައިވާ ބައްދަލުވުމަށް ކަންގަނާ ހާޒިރުވެފައެއް ނުވެއެވެ. އޭނާގެ ވަކީލު، ރިޒްވާން ސިއްދީޤީ، ބާންދްރާ ކޯޓަށް އަންގާފައިވަނީ އޭނާއަށް ހާޒިރުވެވެން ނެތީ 'ޕާލިމެންޓްގެ މަސްއޫލިއްޔަތުތަކާ ގުޅިގެން' ކަމަށެވެ. ނަމަވެސް، ޖާވިދު ތަމްސީލުކުރާ ވަކީލު، ޖޭ ކޭ ބަރްދްވާޖް، ކޯޓަށް ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އެއީ އެ އެކްޓަރު ބަންދު ކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެދިނުމެވެ. މި ހުށަހެޅުމުގައި ބަޔާންކޮށްފައިވަނީ ކަންގަނާ ގާތްގަނޑަކަށް 40 ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށެވެ.
ކޯޓުން ކަންގަނާގެ ވަކީލަށް އަންގާފައިވަނީ މި ހުށަހެޅުމަށް ޖަވާބުދާރީވުމަށެވެ. އެންމެ ފަހުން، ކޯޓުން ނިންމީ އިތުރު ފިޔަވަޅެއް އެޅުމުގެ ކުރިން ކަންގަނާއަށް "އެންމެ ފަހު" ފުރުސަތެއް ދިނުމަށެވެ.
ކަންގަނާ އާއި ޖާވިދުގެ މެދުގައި މި ގާނޫނީ މައްސަލަ ފެށުނީ 2020 ގައެވެ. މިއީ ކަންގަނާ ޓީވީ އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.
2024 ގެ ޑިސެމްބަރު މަހު، ދެފަރާތުން ވެސް އެއްބަސްވެފައިވަނީ ދެފަރާތުން އެއްބަސް ވެވޭ ގޮތަކަށް މައްސަލަ ހައްލުކުރުމަށެވެ. ނަމަވެސް އެކަން އަދި ކުރިއަށް ގޮސްފައެއް ނުވެއެވެ. މި ބައްދަލުވުން ހަމަޖެހިފައި އޮތީ އިއްޔެއަށެވެ. ޖާވިދު ކޯޓަށް ހާޒިރުވި ނަމަވެސް ކަންގަނާ ހާޒިރު ނުވުމުގެ ސަބަބުން މި މައްސަލަ އިތުރަށް ލަސްވެގެން ދިޔައީއެވެ.