ވަޅީގެ ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ސައިފް އާންމު ތަނަކުން ފެނުނީ ނެޓްފްލިކްސްގެ 'ނެކްސްޓް އޮން ނެޓްފްލިކްސް' ހަފުލާގައެވެ. އެތަނުގައި އޭނާގެ ކުރިއަށް އޮތް ފިލްމު 'ޖުވެލް ތީފް - ދަ ހައިސްޓް ބިގިންސް' ރަސްމީކޮށް ތައާރަފު ކުރިއެވެ.
ސިދާތް އާނަންދު ޑައިރެކްޓްކުރާ މި ފިލްމުގައި ސައިފާއި ޖައިދީޕް އަހްލަވާޓް ފީޗަރކޮށްފައިވާ އިޝްތިހާރު މިހާރުވެސް ވަނީ ބެލުންތެރިންގެ މެދުގައި މަގުބޫލުވެފައެވެ.
ނަމަވެސް، އެންމެންގެ ސަމާލުކަން ހުއްޓުނީ ހަމަލާގެ ސަބަބުން ސައިފްގެ ކަރުގެ އަރިމަތީން ފެންނަން ހުރި ނިޝާންތަކަށެވެ. އޭނާގެ ކަންފަތާ ދިމާގައި، ހުރި ކެނޑިފައިވާ ތަނަކާއި ހުދު ބޭންޑޭޖެއް ފާހަގަކުރެވިފައިވެއެވެ. އެ ފޮޓޯ ތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އަންނަނީ ވައިރަލްވަމުންނެވެ.
ސައިފްގެ ކަރުގައި ހުރި ނިޝާން ބޮޑަށް ވައިރަލް ވީ އޭނާއަށް އަމާޒުވި މި ހަމަލާއަކީ ފިލްމު ޕްރޮމޯޓް ކުރުމަށް ޖެއްސި ސްޓަންޓެއް ކަމަށް ބުނެ ބަޔަކު ވާހަކަ ފެތުރުމުގެ ސަބަބުންނެވެ. އަދި އެހާ ބޮޑު ހަމަލާއަކަށްފަހު އެހާ އަވަހަށް ރަނގޅުވެގެން ހަފުލާއަކަށް ދެވިދާނެކަމާމެދު ބައެއް މީހުން ޝައްކު އުފައްދާފައިވެއެވެ.
އެކަމާ ގުޅިގެން ސައިފްގެ ސަޕޯޓަރުން ވަނީ އޭނާގެ ކަރުގައި ހުރި ނިޝާންގެ ފޮޓޯ ވައިރަލް ކޮށް ސައިފްގެ ދިފާއުގައި ނުކުމެފައެވެ.
'ޖުވެލް ތީފް - ދަ ހައިސްޓް ބިގިންސް' ގެ 1 މިނެޓާއި 7 ސިކުންތުގެ ޕްރިވިއުއިން ދައްކައިދެނީ ސައިފް އާއި ޖައިދީޕް 'ރެޑް ސަން' ނަމަކަށް ކިޔާ އެއްޗެއް ވަގަށް ނަގަން ފަށާ ހަލަބޮލި މިޝަނެއްގެ ކުޑަ ތަސައްވުރެކެވެ. ސައިފް ތަފާތު އެކި ސިފަތަކުގައި ފެނުމުން، ފިލްމަށް އިތުރު ޝައުގުވެރިކަމެއް ގެނުވައެވެ.
މި އިޝްތިހާރުގައި ކުނާލް ކަޕޫރާއި ނިކިތާ ދައްތާ ވެސް ފެނެއެވެ. އަދި ހަލަބޮލި އެކްޝަން މަންޒަރުތަކާއި، ފޯރިގަދަ ދުވުންތަކާއި، ފައްކާ ޑާންސް ޕަރފޯމަންސެއް ފާހަގަކޮށްލެވެއެވެ. ހިތްގައިމު ބެކްގްރައުންޑް މިޔުޒިކާއެކު، މި ފިލްމުން ވަރަށް ފޯރިގަދަ ސިނަމާއީ ތަޖުރިބާއެއް ލިބިދޭނެކަމުގެ އުންމީދު ގިނަ ބަޔަކު ކުރެއެވެ.
ކޫކީ ގުލާޓީ އަދި ރޮބީ ގްރީވާލް ޑައިރެކްޓްކުރާ މި ފިލްމަކީ ސިއްދާތު އާނަންދް ޕްރޮޑިއުސަރެއްގެ ގޮތުގައި ސްޓްރީމިން ދާއިރާގައި ކުރާ ފުރަތަމަ މަސައްކަތެވެ. 'ޖުވެލް ތީފް - ދަ ހައިސްޓް ބިގިންސް' ނެޓްފްލިކްސްގައި ދައްކާން ހަމަޖެހިފައިފައިވާއިރު، ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.