މުމްބާއީގައި ބޭއްވި "ނެކްސްޓް އޮން ނެޓްފްލިކްސް" ހަފުލާގައި އެކްޓަރު ޝާހުރުކް ޚާން އޭނާގެ ދަރީން ކަމުގައިވާ އާރްޔާން ޚާން އަދި ސުހާނާ ޚާންގެ ވާހަކަ ދެއްކިއެވެ. ދަރިފުޅު ފުރަތަމަ ޑައިރެކްޓަރުކަން ކުރި ފިލްމު "ދަ ބޭޑްސް އޮފް ބޮލީވުޑް" އާ ބެހޭގޮތުން ވާހަކަދައްކަމުން، ޝާހު ބުނީ އޭނާގެ ދަރީންނަށް ކުރީން ހީވެފައި އޮންނަނީ އެންމެންވެސް ޓީވީގައި އެކްޓް ކުރާ ކަމަށެވެ.
ޝާހު ބުނިގޮތުގައި އާރްޔާން އާއި ސުހާނާ އޭނާގެ އެކުވެރިންނާއި މަސައްކަތުގެ އެކުވެރިން ގެއަށް އައިސް ފެނި، އެމީހުން ޓީވީގައިވެސް ފެންނަ ހިނދު އެކުދީން ހައިރާންވާ ކަމަށެވެ.
"އާރްޔާން އާއި ސުހާނާ ބޮޑުވަމުން އައިއިރު، އަހަރެންގެ އެކުވެރިން ގެއަށް އަންނާނެ، އޭގެ ތެރޭގައި ކަރަން (ޖޯހަރް)، އަދި (ތިޔާ ޗޯޕްރާ)، އަދި އެކްޓަރުން ވެސް އަންނާނެ، މިސާލަކަށް ރިތިކް (ރޯޝަން). ދެން އަހަރެއް ނުވަތަ ދެ އަހަރު ފަހުން، މި ހުރިހާ މީހުން ގެއިން ދުށުމަށްފަހު، އެކުދީން ކުރި ސުވާލަކީ ދުނިޔޭގެ ހުރިހާ މީހުންވެސް ޓީވީގަ އެކްޓްކުރޭތޯ، އެއީ އެ ކުދީންނަށް މި ފެންނަ އެންމެންވެސް އެކްޓްކުރާތީ. އެކުދީން ބޮޑުވީ އެފަދަ މާހައުލެއްގަ ވީމަ." އިވެންޓްގައި ޝާހު ބުންޏެވެ.
މަޝްހޫރު ގިނަ މީހުން މި ޝޯގައި ބައިވެރިވުމަށް އެއްބަސްވެފައިވަނީ 'އާރްޔާން ދެކެ ލޯބިވާތީ' ކަމަށާއި އެ އެންމެނަށް ޝުކުރު އަދާކުރަން ބޭނުން ކަމަށް ޝާހް ބުންޏެވެ. ޝޯގައި ބައިވެރިވި ގިނަ މީހުން ބައިވެރިވީ އޭނާ އެދިގެން ނޫން ކަމަށާއި އާރްޔާން އެދިފައިވާތީ އެއީ ކޮން ބައެއްކަންވެސް ހާމަ ކުރެވެން ނެތް ކަމަށް ޝާހު އިތުރަށް ބުންޏެވެ. އަދި އެޕިސޯޑުތައް ބެލުމުގެ ފުރުސަތު ލިބުނު ކަމަށާއި އެ އެޕިސޯޑުތައް ވަރަށް މަޖާ ކަމަށްވެސް ބުނިއެވެ.
“ދަ ބޭޑްސް އޮފް ބޮލީވުޑް" ގެ ހުލާސާގައި ބުނެފައިވަނީ، ބޮލީވުޑްގެ ގްލެމާގެ ފަހަތުގައި އޮންނަނީ ފިލްމުތަކެކޭ އެއްފަދައިން ޑްރާމާ ގިނަ ދުނިޔެއެއް ކަމަށެވެ. އަދި އެއީ ނެޓްފްލިކްސްގެ ސީރީސް، ދަ ބޭޑްސް އޮފް ބޮލީވުޑް، ފެށޭ ތަނެވެ. އާރްޔާން ޚާންގެ ވަކި ހާއްސަ ނަޒަރަކުން، މި ސީރީސްއިން ދައްކައިދެނީ ހުވަފެންތަކުގެ މައްޗަށް ބިނާވެފައިވާ ސިނާއަތެއްގެ ގްލިޓްޒް، ހަމަނުޖެހުމާއި، މަޖާ އަދި ލަގްޒަރީއެވެ.