މުނިފޫހިފިލުވުން

އާރާދްޔާ ބަޗަން ގޫގުލް އަދި އޮންލައިން ޕްލެޓްފޯމްތަކުގެ މައްޗަށް ދައުވާ ކޮށްފި

މަޝްހޫރު ފަންނާނުން ކަމުގައިވާ އައިޝްވަރިޔާ ރާއި ބައްޗަން އާއި އަބިޝެކް ބައްޗަންގެ ދަރިފުޅު އާރާދިޔާ ބައްޗަން، އޮންލައިންކޮށް ފަތުރާ ދޮގު ޚަބަރުތައް ހުއްޓުވުމަށް މައްސަލައެއް ހުށަހަޅައިފިއެވެ، ބާރ އެންޑް ބެންޗްގެ ރިޕޯޓެއްގައިވާ ގޮތުން، 13 އަހަރުގެ އާރާދިޔާ އާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރުމާ ގުޅިގެން ހުށަހެޅި މައްސަލައަށް ދިއްލީ ހައިކޯޓުން ނޯޓިސް ނެރެފައިވެއެވެ.

ގޫގުލް، ބޮލީވުޑް ޓައިމްސް، އަދި އެހެން ބައެއް އޮންލައިން ޕްލެޓްފޯމްތައް ހިމެނޭ ގޮތުން ގިނަ ދައުވާތަކެއްގެ ހިމެނޭ ނޯޓިސްތަކެއްވެސް ފޮނުވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން ތާވަލުކޮށްފައިވަނީ މާޗް 17 ވަނަ ދުވަހަށެވެ. އެއީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ދިއްލީ ހައިކޯޓުން ނެރުނު ކުރީގެ ހުކުމަކާ ގުޅިގެންނެވެ. އެ ހުކުމުގައި އާރާދިޔާ 'ނުރައްކާތެރި ބައްޔެއްގައި' ނުވަތަ 'މަރުވެފައިވާ' ކަމަށްބުނެ ދޮގު މައުލޫމާތު ދީ، އޮޅުވާލާފައިވާ ވީޑިއޯތައް ނައްތާލުމަށް ގޫގުލްއަށް އަމުރުކޮށްފައިވެއެވެ.

2023 ވަނަ އަހަރުގެ ޝަރީއަތުގައި، ފަނޑިޔާރު، ޖަސްޓިސް ސީ ހަރި ޝަންކަރު މިފަދަ މައުލޫމާތު ފެތުރުން ވަރަށް ބޮޑަށް ކުށްވެރިކުރެއްވިއެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ގަދަރާއި އިހުތިރާމް ލިބެން ޖެހޭނެކަން ފާހަގަކުރެއްވިއެވެ. ކުޑަކުއްޖެއްގެ ސިއްހަތާ ބެހޭގޮތުން އޮޅުވާލައިގެން މައުލޫމާތު ފެތުރުމަކީ "ގާނޫނީ ގޮތުން އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން" ކަމަށް ވިދާޅުވިއެވެ.

ކުރިން ކޯޓުން ގޫގުލްއަށް އަންގާފައިވަނީ މިފަދަ މައުލޫމާތު އަޕްލޯޑު ކުރި ފަރާތްތަކުގެ ތަފްސީލުތައް ހާމަކުރުމަށާއި، އޮޅުވާލައިގެން އުފައްދާ ވީޑިއޯތައް ވަގުތުން ފާހަގަކޮށް ނައްތާލުމަށެވެ. މީގެ އިތުރުން، މިފަދަ މައުލޫމާތުތަކަށް ވާސިލުވުން ހުއްޓުވުމަށް މަރުކަޒީ ސަރުކާރަށް އަންގާފައިވެއެވެ. އަދި ގޫގުލްއަށް ގާނޫނީ އޮނިގަނޑަށް ތަބާވުމުގެ ގާނޫނީ ޒިންމާ ހަނދާންކޮށްދީފައިވެއެވެ.