ގޯލްޑަން ފުޓްސަލް ޗެލެންޖް

ދަރަނބޫދޫން ޒޯން ފެށީ ދިއްގަރު ބަލިކޮށްގެން، މުލަކުން ކުޑަހުވަދޫ ހިފަހައްޓައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ފަހެއްގައި ފ. ދަރަނބޫދޫން މ. ދިއްގަރު ބަލިކުރި އިރު، ދ. ކުޑަހުވަދޫއާއި މ. މުލައް އެއްވަރު ވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރު ނިމި، ޒޯން ބުރު ފަށާފައިވާ އިރު، ޒޯން ފަހެއްގެ ކުޅުން ފެށީ ރޭގައެވެ. އެ ޒޯނުގައި ވާދަކުރަނީ، މ. އަތޮޅު ޗެމްޕިއަން ދިއްގަރާއި އެ އަތޮޅުގެ ރަނަރަޕް މުލަކުގެ އިތުރުން ދ. އަތޮޅު ޗެމްޕިއަން ކުޑަހުވަދޫ އަދި ފ. އަތޮޅުގެ ޗެމްޕިއަން ދަރަނބޫދުއެވެ.

ރޭ މުލަކާއި ކުޑަހުވަދޫ ވާދަކުރި މެޗު 2-2 އިން އެއްވަރުވި އިރު، އެ ޕޮއިންޓަކީ މުލަކަށް މުހިއްމު ޕޮއިންޓެކެވެ. އެއީ ކުޑަހުވަދޫއަކީ މިދިޔަ ހަތަރު ވަރަކަށް އަހަރުގެ މުބާރާތުގައިވެސް ތަފާތު ދައްކައި، ފައިނަލް ބުރުގައި ދުރަށް ގޮސްފައިވާ ޓީމަކަށް ވާތީއެވެ.

މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވަރުގަދަކޮށް ފެށި ކުޑަހުވަދޫންނެވެ. އެ ގޯލު ޖެހީ ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. ކުޑަހުވަދޫން އޭގެފަހުންވެސް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ދެވަނަ ގޯލެއް ނުޖެހިގެން އުޅެނިކޮށް، މުލަކަށް އެއްވަރު ކޮށްދިނީ މުހައްމަދު ހުސައިނެވެ.

ދެވަނަ ހާފަށް ނުކުމެ ކުޑަހުވަދޫން ހާރޫން އިބްރާހީމް (ހާންޑޯ) ޖެހި ގޯލުން ދެވަނަ ފަހަރަށް ލީޑު ނެގި ނަމަވެސް، މެޗު ނިމެން ސިކުންތުކޮޅެއް އޮއްވާ، މުލަކުން އެއްވަރުކުރިއެވެ. އެއީ އަހުމަދު އިބްރާހީމްގެ ހިލޭ ޖެހުމަކުންނެވެ.

އެ ޒޯނުގައި ދަރަނބޫދޫން ރޭ ދިއްގަރު ބަލިކުރީ 3-1 އިންނެވެ. ދަރަނބޫދޫގެ މުޒްދާން ހަސަން ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ މުއައްލިމް އުމަރެވެ. ދިއްގަރުގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު އަލީއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.

މި ފަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ ވަން ސްޕޯޓްސް އެވެ.

މިރޭ އޮންނަ މެޗުތައް

20:00
ގްރައުންޑް 1: ގދ. ގައްދޫ - ސ. ހިތަދޫ (ޒޯން 7)

21:00
ގްރައުންޑް 1: ތ. ހިރިލަންދޫ - ލ. އިސްދޫ (ޒޯން 6)
ގްރައުންޑް 2: ލ. ގަން - ތ. ތިމަރަފުށި (ޒޯން 6)

22:00
ގްރައުންޑް 1: ގދ. ދެއްވަދޫ - ޏ. ދަނޑިމަގު (ޒޯން 7)
ގްރައުންޑް 2: ގދ. ވާދޫ - ގދ. ވިލިނގިލި (ޒޯން 7)

23:00
ގްރައުންޑް 1: އދ. މަހިބަދޫ - ވ. ކެޔޮދޫ (ޒޯން 4)
ގްރައުންޑް 2: އދ. މަންދޫ - އއ. މަތިވެރި (ޒޯން 4)