ގޯލްޑަން ފުޓްސަލް ޗެލެންޖް

ތަފާތު ވާދަވެރި އަތޮޅު ބުރެއް، އާ ޗެމްޕިއަނުންނާ އެކު ޒޯނުގައި މުޅީންވެސް މަރުގެ ގުރޫޕުތައް

މުޙައްމަދު ޝަމްޢޫން

ރާއްޖޭގެ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ފޯރިގަދަ އަތޮޅު ބުރު ނިމިއްޖެއެވެ. ސަޕޯޓަރުންގެ ތަފާތު ފޯރިއެއް ދައްކުވައިދިނެވެ. ޓީމުތަކުން ތަފާތު ވާދަވެރިކަމެއް ދެއްކިއެވެ. މިއީ މުބާރާތުގެ ކާމިޔާބު ތާރީހުގައިވެސް އަތޮޅު ބުރުގެ ފޯރި އެންމެ ގަދަވި ފަހަރެވެ. ސަޕޯޓަރުންގެ އަދަދަށް ބެލިޔަސް، ލައިވް ބެލުންތެރިންގެ އަދަދަށް ބެލިޔަސް މެއެވެ. އޭގެ އިތުރުން ހުރިހާ ޓީމަކުންވެސް މުބާރާތަށް ވަރުގަދައަށް ވަމުން އަންނަ ތައްޔާރީތަކުން އާ ޗެމްޕިއަނުންވެސް ފެނިގެން ގޮސްފިިއެވެ.

ތާރީހު ލިޔެލި އަތޮޅު ބުރުގެ ކޮންމެ މެޗެއް ބެލުމަށްވެސް ހުޅުމާލޭގެ ރެހެންދި ދަނޑުތައް އޮތީ ފުރިފައެވެ. ބެރު ދުންމާރީގެ އަޑާއެކު ސަޕޯޓަރުން ދިޔައީ ދަނޑު ކައްކަމުންނެވެ. ފައިނަލްތަކާ ހަމައަށް ނުދިޔަސް، މިފަހަރުގެ އަތޮޅު ބުރަށް ސަމާލުކަން ބޮޑެވެ. ޔޫޓިއުބާއި ފޭސްބުކް ލައިވް ވިއުސްގެ އަދަދު ގާތްގަނޑަކަށް 50 މިލިއަނަށް އަރާފައިވާ އިރު، އެއީ ގޯލްޑަންގެ ތާރީހުގައި ރެކޯޑެކެވެ. ރާއްޖޭގެ ކުޅިވަރު އިވެންޓެއްގެވެސް ރެކޯޑެއް މެއެވެ.

ހިތްގައިމު ގޯލުތަކާއި ހޫނު ރަތް ކާޑުތަކުގެ އިތުރުން ޒުވާން ހުނަރުވެރި ކުޅުންތެރިންވެސް ދައްކުވައިދިން އަތޮޅު ބުރެކެވެ. އަތޮޅު ތަށި ޓީމުތަކަށް ހޯދައިދިނުމުގައި ޒުވާން ކުޅުންތެރިންގެ ދައުރުވެސް ބޮޑުވި އިރު، ބައެއް ރަށްރަށުން ކާމިޔާބީގެ ސިލްސިލާ ދެމެހެއްޓިއެވެ. އަނެއްބައި ރަށްރަށަށް މިއީ ތާރީހު ލިޔެލި މުޅިން އާ ކަމެއް ހާސިލުވި ފަހަރެކެވެ.

އާ ޗެމްޕިއަނުންތަކެއް: ތަފާތު ޖަޒުބާތީ މަންޒަރުތަކެއް

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގައި މުޅިން އާ ހަ ޗެމްޕިއަނުން ފެނިގެން ދިޔައެވެ. އަތޮޅު ތަށްޓަށް އެތައް ދުވަހެއް ވާންދެން ވި ގުރުބާނީއަށްފަހު އެ ކާމިޔާބީ ހޯދުމުން، އެ ހުރިހާ ޗެމްޕިއަނުންގެ ފަރާތުންވެސް ފެނުނީ ޖަޒުބާތީ މަންޒަރުތަކެކެވެ. އުފަލުން ރޮވި، އެ ރުއިން ހުއްޓާލަން އުނދަގޫވިތަން ފެނިގެން ދިޔައެވެ. ރަށު ރައްޔިތުން އެކުގައި އުފާފާޅުކުރުމުގެ ތަފާތު ހިތްގައިމު މަންޒަރުތައް ފެނިގެން ދިޔައެވެ.

އާ ޗެމްޕިއަނުން ފައިނަލްތައް ހޯދީވެސް ވާދަވެރިކޮށެވެ. އެއީ މިފަހަރު ހުރިހާ ފައިނަލަކުން ކަހަލަ ގޮތަކަށް ފެނުނު މަންޒަރެކެވެ. ށ. އަތޮޅުން މުޅިން އާ ޗެމްޕިއަނެއް ފެނިގެން ދިޔަ އިރު، މިލަންދޫން އަހަރުތަކެއްގެ ހުވަފެން ހަގީގަތަކަށް ހެދީ ޕެނަލްޓީގައި ވަރުގަދަ ކަނޑިތީމު ބަލިކޮށްގެންނެވެ. އެ ފައިނަލުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީއަށް ގޮސް، މިލަންދޫން ކަނޑިތީމު ބަލިކުރީ 4-2 އިންނެވެ.

އދ. އަތޮޅުގައިވެސް ފެނުނީ ހަމަ ތާރީހީ މަންޒަރެކެވެ. ފައިނަލުގައި އަލަށް ވާދަކޮށް މަންދޫން އަތޮޅު ތަށި ނެގީ މިދިޔަ އަހަރުގެވެސް ޗެމްޕިއަން މަހިބަދޫ ބަލިކޮށްގެންނެވެ. އެއީ 2-1 ގެ ނަތީޖާއަކުންނެވެ.

އެންމެ ސްކޯގެ ފަރަގު ބޮޑުކޮށް ފެނުނު އަތޮޅު ފައިނަލަކީ ގއ. އަތޮޅު ފައިނަލެވެ. އެ ފައިނަލުގައި ދެއްވަދޫން ވިލިނގިލި ބަލިކުރީ 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެހެން ނަމަވެސް އެއީ އާ ޗެމްޕިއަނެއް ފެނުނު ފައިނަލެކެވެ. އޭގެ އިތުރުން ވިލިނގިލިންވެސް ފައިނަލް ކުޅުނީ މުޅިން އަލަށެވެ.

ދެން އެންމެ ފާހަގަކޮށްލެވުނު ކާމިޔާބީއަކީ ވަރުގަދަ ލ. ގަމުގެ "ޑޮމިނޭޝަން"އަށް އިސްދޫން ނިމުން ގެނައުމެވެ. ލ. އަތޮޅުގެ ގަދަ ބާރު ގަން ފައިނަލުގައި ބަލިކޮށް، އިސްދޫން އަލަށް އަތޮޅު ތަށި ނެގީ ޕެނަލްޓީއަށް ގޮސް ކާމިޔާބު ހޯދައިގެންނެވެ. އިސްދޫން ހަތަރު ފަހަރަށް އަތޮޅު ފައިނަލަށް ނުކުމެ ގަން ބަލިކުރި އިރު، އިސްދޫއަކީ ގަން ފިޔަވައި، ލ. އަތޮޅު ތަށި ނެގި ހަމައެކަނި ޓީމެވެ. އިސްދޫ ޕެނަލްޓީގައި ކާމިޔާބު ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

ނ. އަތޮޅުގެ މުޅިން އާ ޗެމްޕިއަނަކީ މިލަދޫއެވެ. އަދި ދަރަނބޫދޫވެސް ވަނީ ފ. އަތޮޅުގެ ރަސްކަމަށް އަރައިފައެވެ. އެއީވެސް ޒަމާންވީ އިންތިޒާރެއްގެ ނިމުމެވެ. ދަރަނބޫދޫން އަލަށް އަތޮޅު ތަށި ނެގީ މަގޫދޫ ކައިރިން 2-1 މޮޅުވެގެންނެވެ. މޮޅުވި ގޯލު ފެނުނީ ފަހު ވަގުތުގައެވެ.

ވަރުގަދަ ޓީމުތަކެއް ކާމިޔާބީގެ ސިލްސިލާ ދެމެހެއްޓި

މިފަހަރުވެސް ޒަމާންވީ ގަދަބާރުތަކުން އަތޮޅު ތަށި ދިފާއުކުރިއެވެ. އެހެންނަމަވެސް، ހަމަ ޗެލެންޖްތަކަކާ އެކުގައެވެ. ޖުމުލަ ފަސް ފައިނަލެއް ޕެނަލްޓީއަށް ދިޔަ އިރު، ޒަމާންވީ ވަރުގަދަ ބާރުތަކުން މޮޅުވުވުމުގެ ސިލްސިލާ ދެމެހެއްޓީވެސް ފަސޭހަކޮށެއް ނޫނެވެ.

އއ. އަތޮޅު ފައިނަލުގައި މަތިވެރިން ތޮއްޑޫ ބަލިކުރީ ޕެނަލްޓީގައެވެ. މުޅިން އަލަށް އަތޮޅު ފައިނަލަށް ނުކުތް ތޮއްޑޫ ކައިރިން ޕެނަލްޓީގައި މަތިވެރިން މޮޅުވީ 4-2 އިންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ 0-0 އިން އެއްވަރުވެގެންނެވެ. މަތިވެރިން ޖުމުލަ ތިން ފަހަރު އަތޮޅު ތަށި ހޯދާފައިވާ އިރު، އެޓީމަކީ ކާމިޔާބީ ދެމެހެއްޓި އެއް ޓީމެވެ.

ކެޔޮދޫން 1-0 ފެލިދޫ ބަލިކޮށް، ތަށި ދިފާއުކުރި އިރު، ގދ. އަތޮޅު ފައިނަލުގައި ވާދޫން ގައްދޫ ބަލިކުރީ 3-0 އިންނެވެ. އެއީ ވާދޫން ޖެހިޖެހިގެން އަތޮޅު ތަށި ހޯދި ހަތަރުވަނަ ފަހަރެވެ. އެޓީމުން ވަނީ މިފަހަރު ފައިނަލާއެކު 2022، 2023ގެ އިތުރުން 2024 އަދި 2025 ވަނަ އަހަރުވެސް ގދ. އަތޮޅު ތަށި ހޯދައިފައެވެ.

ތ. ތިމަރަފުށްޓާއި ބ. އޭދަފުއްޓަށްވެސް މިފަހަރުގެ އަތޮޅު ބުރު ކާމިޔާބެވެ. ތިމަރަފުށިން ހަތްވަނަ ފަހަރަށް އަތޮޅު ތަށި ނެގީ ހިރިލަންދޫ ކައިރިން 2-1 އިން މޮޅުވެގެންނެވެ. އޭދަފުށި ހަވަނަ ފަހަރަށް އަތޮޅު ތަށި ނެގީ ތުޅާދޫ ބަލިކޮށްގެންނެވެ. އޭގެ އިތުރުން ކުރެންދޫން ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް އަތޮޅު ތަށި ހޯދައިފައެވެ. ނައިފަރު ބަލިކޮށް ހޯދި ކާމިޔާބީ ރަށުގައި ފާހަގަކުރީވެސް ކުލަ ގަދަކޮށެވެ.

އޭގެ އިތުރުން ހދ. އަތޮޅުގެ ރަސްކަން ނައިވަދޫ އަތުންވެސް ގެއްލިގެނެއް ނުދިޔައެވެ. އެޓީމުން ވަނީ ނޭކުރެންދޫ ކައިރިން 3-0 އިން މޮޅުވެ، ހަތްވަނަ ފަހަރަށް އަތޮޅު ތަށި ހޯދައިފައެވެ. އަދި ކުޑަހުވަދޫ ޖެހިޖެހިގެން ހަތަރުވަނަ އަތޮޅު ތަށި ނެގި އިރު، ކުޑަހުވަދޫން ވާދަވެރި މާއެނބޫދޫ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ތަށި ދިފާއުކުރަން ނުކުތް ޗެމްޕިއަނުންނަށްވެސް ނާކާމިޔާބީއާ ކުރިމަތިވި

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް އަތޮޅު ފައިނަލްތަކުގައިވެސް، ކުރިން ފެނުނު ޓީމުތައް ފެނުނެވެ. އެހެން ނަމަވެސް، ތަށި ދިފާއުކުރަން ނުކުމެ ދިފާއު ނުކުރެވި ވެސް ދިޔައެވެ. އޭގެ ބައެއް ރަށްތައް ކުރިންވެސް ހިމެނިފައި ވާނެއެވެ. އެހެންނަމަވެސް، ހާއްސަކޮށް އެ މަންޒަރު ބޮޑަށް ފެނިގެން ދިޔަ ފައިނަލްތައް ފާހަގަކޮށްލުން މުހިއްމެވެ.

މީގެ ކުރިން އަލަށް ތަށި ހޯދި އަތޮޅުތަކުގެ ތެރޭގައި ފާހަގަވި، ލ. ގަމާއި ށ. ކަނޑިތީމުގެ އިތުރުން އދ. މަހިބަދޫއަކީވެސް ތަށި ދިފާއު ނުކުރެވުނު ޓީމުތަކެވެ. އޭގެ އިތުރުން އައްޑޫއާއި، ރ. އަތޮޅުގެ އިތުރުން މ. އަތޮޅާއި ހއ. އަތޮޅުގެވެސް މިދިޔަ އަހަރު ޗެމްޕިއަނުންނަށް ފައިނަލުގައި ކުޅެ ތަށި ދިފާއު ނުކުރެވުނެވެ.

އައްޑު އަތޮޅު ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން ހިތަދޫއާއި ފޭދޫ ވާދަކޮށްފައިވާ އިރު، މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ފޭދޫން މެޗު ކާމިޔާބުކުރީ 7-6 ގެ ނަތީޖާއަކުންނެވެ.

ރ. އަތޮޅުގެ ފައިނަލަށް އެތައް ގޮތަކުން މީހުންގެ ލޯތައް އަމާޒުވެފައި އޮތް އިރު، ފައިނަލުގައި އިނގުރައިދޫ ނުކުތީ ވާދަވެރި ދުވާފަރާ ދެކޮޅަށެވެ.

މީގެ ކުރިން 2023 ވަނަ އަހަރު އަތޮޅު ތަށި ނެގި އިނގުރައިދޫއަށް މިދިޔަ އަހަރު ދަށްކޮށް ދިޔަ އިރު، އެ ފަހަރު ފައިނަލުގައި ދުވާފަރު ކުޅުނީ އަލިފުއްޓާ އެކުގައެވެ. ރ. އަތޮޅުގެ ފައިނަލުގައި އިނގުރައިދޫން ފަހަތުން އަރައި ދުވާފަރު ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ދިއްގަރުން ފަސްވަނަ ފަހަރަށް އަތޮޅު ތަށި ނެގީ، ޕެނަލްޓީގައި އެންމެފަހުގެ ޗެމްޕިއަން މުލައް ބަލިކޮށްގެންނެވެ. އޭގެ އިތުރުން ރޭ ވަށަފަރުންވެސް މިދިޔަ އަހަރުގެ އަތޮޅު ޗެމްޕިއަން ދިއްދޫ ބަލިކުރީ ޕެނަލްޓީގައެވެ.

ޗެމްޕިއަނުންގެ ނާކާމިޔާބީގެ ވާހަކަ ދައްކާ އިރު، އެންމެ ބޮޑަށް ގިނަ ބަޔަކު އަޅައިގަތީ ވަރުގަދަ ކ. ގާފަރުގެ އަލްވަދާއެވެ. ގޯލްޑަންގެ ތާރީހުގައިވެސް ގަދަ ބާރެއްގެ ގޮތުގައި ސިފަކުރި ގާފަރު މުބާރާތުން ކެޓީ ކ. އަތޮޅު ސެމީފައި ކާށިދޫ ކައިރިން ބަލިވެގެންނެވެ.

މިދިޔަ އަހަރުވެސް ފައިނަލަށް ދިޔަ ކާށިދޫ މިފަހަރު ފައިނަލަށް ގޮސް މާފުއްޓާ ދެކޮޅަށް ނުކުމެ ބަލިވީ 1-0 އިންނެވެ. އެއީ މާފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތަށި ނެގި ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން އަތޮޅު ޗެމްޕިއަންކަން ހޯދީ 2018 ވަނަ އަހަރުއެވެ.

ޒޯން އޮތީ ކިހިނެއް؟

އަތޮޅު ބުރުގެ ތަފާތު ފޯރިއާއެކު ޒޯނަށް ޓީމުތައް ނުކުންނަ އިރު، ޒޯނުގެ ވާދަވެރިކަން ބޮޑުވާ ސަބަބަކީ އަތޮޅު ބުރުގެ ފައިނަލްތަކުގެވެސް ފޯރިގަދަވުމެވެ. ޒޯނަށް ޓީމުތައް ބެހިފައި އޮތް ގޮތުން، މަރުގެ މެޗެއް ނޫން އެހެން އެއްވެސް މެޗެއް ނެތެވެ.

ޒޯން 1

  • ހއ. ދިއްދޫ (އަތޮޅު ރަނަރަޕް)
  • ހދ. ނޭކުރެންދޫ (އަތޮޅު ރަނަރަޕް)
  • ހދ. ނައިވާދޫ (އަތޮޅު ޗެމްޕިއަން)
  • ހއ. ވަށަފަރު (އަތޮޅޫ ޗެމްޕިއަން)

ޒޯން 2

  • ށ. މިލަންދޫ (އަތޮޅު ޗެމްޕިއަން)
  • ރ. އިނގުރައިދޫ (އަތޮޅު ޗެމްޕިއަން)
  • ރ. ދުވާފަރު (އަތޮޅު ރަނަރަޕް)
  • ށ. ކަނޑިތީމު (އަތޮޅު ރަނަރަޕް)
  • ނ. މިލަދޫ (އަތޮޅު ޗެމްޕިއަން)

ޒޯން 3

  • ޅ. ކުރެންދޫ (އަތޮޅު ޗެމްޕިއަން)
  • ބ. އޭދަފުށި (އަތޮޅު ޗެމްޕިއަން)
  • ކ. ކާށިދޫ (އަތޮޅު ރަނަރަޕް)
  • ކ. މާފުށި (އަތޮޅު ޗެމްޕިއަން)

ޒޯން 4

  • ވ. ކެޔޮދޫ (އަތޮޅު ޗެމްޕިއަން)
  • އއ. މަތިވެރި (އަތޮޅު ޗެމްޕިއަން)
  • އއ. ތޮއްޑޫ (އަތޮޅު ރަނަރަޕް)
  • އދ. މަންދޫ (އަތޮޅު ޗެމްޕިއަން)
  • އދ. މަހިބަދޫ (އަތޮޅު ރަނަރަޕް)

ޒޯން 5

  • ދ. ކުޑަހުވަދޫ (އަތޮޅު ޗެމްޕިއަން)
  • ފ. ދަރަނބޫދޫ (އަތޮޅު ޗެމްޕިއަން)
  • މ. ދިއްގަރު (އަތޮޅު ޗެމްޕިއަން)
  • މ. މުލައް (އަތޮޅު ރަނަރަޕް)

ޒޯން 6

  • ލ. ގަން (އަތޮޅު ރަނަރަޕް)
  • ތ. ހިރިލަންދޫ (އަތޮޅު ރަނަރަޕް)
  • ތ. ތިމަރަފުށި (އަތޮޅު ޗެމްޕިއަން)
  • ލ. އިސްދޫ (އަތޮޅު ޗެމްޕިއަން)

ޒޯން 7 (ގްރޫޕް އޭ)

  • ގއ.. ވިލިނގިލި (އަތޮޅު ރަނަރަޕް)
  • ގއ. ދެއްވަދޫ (އަތޮޅު ޗެމްޕިއަން)
  • ޏ. ދަނޑިމަގު
  • ގދ. ވާދޫ (އަތޮޅު ޗެމްޕިއަން)

ޒޯން 7 (ގްރޫޕް ބީ)

  • ސ. ފޭދޫ (އަތޮޅު ޗެމްޕިއަން)
  • ސ. ހިތަދޫ (އަތޮޅު ރަނަރަޕް)
  • ގދ. ގައްދޫ (އަތޮޅު ރަނަރަޕް)

ޒޯން 8 (މާލެ)

  • ވިލިމާލެ
  • މާފަންނު
  • މައްޗަންގޯޅި
  • ހުޅުމާލެ