އިނގިރޭސި ޝާހީ އާއިލާއާ ގުޅޭ ގޮތުން މުހިންމު ގިނަ ހަބަރުތަކެއް މިދުވަސްވަރު ފެތުރެމުންދެއެވެ. އެންމެ ފަހުގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމެޒޯން ޕްރައިމް އިން ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްގެ އަމިއްލަފުޅު ދިރިއުޅުއްވުމާ ބެހޭ ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. މި ޕްރޮޖެކްޓަށް ރަސްގެފާނުގެ ހުއްދަ ލިބިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
ހޮލީވުޑުގެ ރިޕޯޓުތަކުގައިވާ ގޮތުން، މި ފިލްމު ނެގުމުގެ މަސައްކަތް ވަނީ ސްކޮޓްލޭންޑުގައި ފާއިތުވި މަހު ފަށައިފައެވެ. މި ފިލްމު ބަލާ މީހުންނަށް ރަސްގެފާނު ޗާލްސް، މުހިންމު މެސެޖެއް ހިއްސާކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ އިންސާނުންނަށް އެކުގައި މަސައްކަތްކޮށްގެން ދުނިޔެ ސަލާމަތްކޮށް، ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅުކުރައްވާ ގޮތުގެ މައްޗަށް ބިނާކޮށް ދެއްވާ މެސެޖެއް ކަމަށްވެސް ފަހުގެ ރިޕޯޓުތައް ބުނެއެވެ.
މި ފިލްމުގައި ރަސްގެފާނު ޗާލްސް 2010 ވަނަ އަހަރު ލިޔުއްވި "ހާމަނީ: އަ ނިއު ވޭ އޮފް ލުކިން އެޓް އަވަ ވޯލްޑް" މި ފޮތުގައި ބަޔާންކޮށްފައިވާ ފިލޯސަފީ ހިމެނޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޝާހީ އާއިލާއާ ގާތް ގުޅުމެއް އޮންނަ ފަރާތަކުން މީޑިއާތަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ، އެމެޒޯން ޕްރޮޑަކްޝަންގެ މި ފިލްމު ނެގުމުގެ މަސައްކަތް ވަނީ ފެށިފައި ކަމަށާއި، ފިލްމު ނަގާ ފަރާތްތަކުން ވަނީ ރަސްގެފާނާއެކު ވެސް ވަގުތުކޮޅެއް ހޭދަކޮށްފައި ކަމަށެވެ. މީގެ ކުރިން އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެހެން އެއްވެސް ޑޮކިއުމެންޓަރީއަކަށްވުރެ ބޮޑަށް، މި ފިލްމުގެ މަގުސަދަކީ ރަސްގެފާނު އުޅުއްވާ ގޮތާއި އެ މަނިކުފާނުގެ ޝަހުސިއްޔަތު ދުނިޔެއަށް ދެއްކުން ކަމަށް ބެލެވޭ ކަމަށްވެސް މި އިންޓަވިއުގައި ބުނެފައިވެއެވެ.
މި ފިލްމު ދެއްކުމަށް ގިނަ ޕްލެޓްފޯމުތަކެއް ބެލިނަމަވެސް، ރަސްގެފާނުގެ ހުއްދަ ލިބިފައިވަނީ އެމެޒޯން ޕްރައިމްއަށެވެ. އިތުރު މައުލޫމާތުތަކުން އެނގޭ ގޮތުގައި ރަސްގެފާނުގެ އާއިލާއިން ވަނީ ކުރިން ބީބީސީ އާއި އައިޓީވީ ފަދަ މަޝްހޫރު ބްރިޓިޝް ބްރޯޑްކާސްޓަރުންނާއެކު ވެސް މަސައްކަތް ކުރައްވައިފައެވެ.
ރަސްގެފާނު ޗާލްސްގެ ދަރިކަލުން ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ކުރީން ވަނީ ނެޓްފްލިކްސްއާއެކު މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. މި ސްޓްރީމިން ޕްލެޓްފޯމަކީ އެމެޒޯން ޕްރައިމްގެ ވާދަވެރިއެކެވެ.
މި ދެމަފިރިން ނެޓްފްލިކްސްއާއެކު އެއްބަސްވުމުގައި ސޮއިކުރެއްވީ 5 އަހަރު ކުރީން، އެ ދެ ބޭފުޅުންގެ އަމިއްލަ ދިރިއުޅުއްވުމުގެ ތަފްސީލުތައް ހިމެނޭ ޑޮކިއުމެންޓަރީ ސިލްސިލާއެއް އުފެއްދުމަށެވެ.