މުޙައްމަދު ޝަމްޢޫން
ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކޮންމެ އަތޮޅު ތަށްޓަކީވެސް ރަށެއްގެ ތާރީހު ބަދަލުކޮށްލާނެ ކާމިޔާބީއެކެވެ. އަތޮޅު ކުޅިވަރުގައި އޮންނަ ވާދަވެރިކަން އަތޮޅު ބުރުން ފެނިގެންދާ އިރު، އަތޮޅު ޗެމްޕިއަންކަމަކީ ކޮންމެ ޓީމެއްގެވެސް އެންމެ ފުރަތަމަ ޓާގެޓެވެ. އެ ޓާގެޓަށް މަސައްކަތް ނުކުރާ، "ނަމެއްގައި ބައިވެރިވެލާ" އެއްވެސް ޓީމެއް މިފަހަރުގެ މުބާރާތުން ނުވެސް ފެނެއެވެ.
ޓީމުތަކުން އަތޮޅު ތަށްޓަށް ކުރާ އުންމީދު ބޮޑުވެފައިވާ މިންވަރު މިހާތަނަށް ކުޅުނު އަތޮޅު ބުރުގެ ކޮންމެ މެޗަކުންވެސް ފެނުނެވެ. ފައިނަލްތައް ހަމަހަމަކަން ބޮޑެވެ. އޮތީ ކުޑަ ފަރަގެކެވެ. ގިނަ ފަހަރު ނަތީޖާ ނެރެން ޖެހުނީވެސް ޕެނަލްޓީ ޖަހައިގެންނެވެ. އެ ހާއްސަކަން އަތޮޅު ބުރަށް ދެވެނީ، ޒަމާނުއްސުރެ އޮންނަ ރަށު ފޯރި، ރަށު ލޯބި ގޯލްޑަން ފުޓްސަލް ޗެލެންޖަށް އައުމުންނެވެ.
ޓީމުތަކުގެ ފަހަތުގައި ސަޕޯޓަރުންގެ ފޯރި ފުރިހަމަވެފައި ރަށު ލޯބި ބޮޑެވެ. ގޯލްޑަންގެ އަތޮޅު ތަށްޓާއެކު އެރަށަކަށް، އެއް އަހަރު ވާންދެން އަތޮޅުގެ ފުޓްސަލް ރަސްގެފާނުންގެ މަގާމު ލިބުމަކީ، އެ ތަށި ބީވެދާން ނޭދޭ އެންމެ ބޮޑު ސަބަބެވެ. ކުޅުންތެރީންގެ ނަޒަރުގައިވެސް ރައްޔިތުން އެއް އަހަރު ވާންދެން، ޖޯލިފަތިތަކާއި ސައި ހޮޓާތަކުގައި ދައްކާނެ އެންމެ ބޮޑު ވާހަކައަކީ ގޯލްޑަންގެ އަތޮޅު ތަށީގެ ވާހަކައެވެ. ހާއްސަކޮށް، އެ ތަށި ލިބިއްޖެނަމަ، ފަހުރުވެރިކަމާއެކު ކޮންމެ ރައްޔިތަކަށްވެސް އެވާހަކަ ބުނެލެވެއެވެ.
އާ ޗެމްޕިއަނުންތަކެއްވެސް ފެނިގެން ހިނއްގައްޖެއެވެ. އަތޮޅު ތަށި ހޯދަން އެޓީމުތަކުން ކުރި މަސައްކަތަކީ އެތައް އަހަރެއްގެ މަސައްކަތެވެ. އެތައް ރައްޔިތުންނެއްގެ ހިތްވަރާއެކު ގޯލްޑަންގެ ފުރަތަމަ އަތޮޅު ތަށި އުފުލައިލެވުމަކީވެސް މުޅި ރަށަށް އަންނަ އުފާވެރިކަމެކެވެ. ސިޔާސީ ކުލައެއްގެ ތަފާތެއް އެ އުފަލުގައި ބައިވެރިވާކަށް ނާދެއެވެ. ރަށުގައި ތިބިއްޔާ ތިބި ބަޔަކު ޓީމުތަކަށް މަރުހަބާ ކިޔަން ނުކުމެއެވެ. ޓީމަށް އިންތިހާއަށް ލޯބި ބަންޑުން ކޮށްލައެވެ.
"ށ. މިލަންދޫން ހޯދީ ވަރަށް ގިނަ ދުވަހުގެ މަސައްކަތުން ލިބުނު ތަށްޓެއް. އެހެންވެ މިއީ ހުރިހާ ރައްޔިތުންނަށްވެސް ހަމަ ބޮޑު އީދެއް އައުން ކަހަލަ ކަމެއް. އަސްލު އެގޮތަށް މަރުހަބާ ކިޔާނެކަމެއް ޓީމަކަށް ނުވެސް އެނގޭނެ. ފުރަތަމަ ލޯންޗް ކައިރިއަށް އިތުރު ދޯނިތަކުގައި ގޮސް، ސަގާފީ ހެދުމުގައި ތިބި ރަށުގެ ބައެއް މީހުން ޓީމަށް މަރުހަބާ ކިޔައި، ދެން އުފާފާޅުކުރުންތައް ދިގުލައިގެން ދިޔަ. ރައްޔިތު އެންމެން މިކަމުގަ ބައިވެރިވި،" ށ. މިލަންދޫން ފުރަތަމަ އަތޮޅު ތަށްޓާއެކު އުފާފާޅުކުރި ގޮތުގެ ވާހަކަ ކިޔައިދެމުން މިލަންދޫ ސްޕޯޓްސް ކްލަބުގެ ނައިބު ރައީސް އަހުމަދު ސަމީހު "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
ސަމީހު ވިދާޅުވީ މަރުހަބާ ރޭވީ މުއައްސަސާތައް ގުޅިގެން ކަމަށާއި، މަރުހަބާ ކިޔުން ދިޔައީ ވަރަށް ޖޯޝާއި ފޯރީގައި ކަމަށެވެ. ހާއްސަކޮށް ޓީމު އައިސް ރަށަށް ބަނދަރުކުރި ވަގުތު ރައްޔިތުން އުފަލާއި ޖޯޝުން ކެކި އަރަމުން ދިޔަކަމަށް ސަމީހު ވިދާޅުވިއެވެ.
އެއީ ހަމައެކަނި މިލަންދޫގައި އެކަން އޮތް ގޮތެއް ނޫނެވެ. ލ. އިސްދޫގެ ތަށްޓާއެކު އިސްދޫ ޔޫތު ޑެވަލޮޕްމަންޓް (އައިވއިޑީ) ގެ ފަރާތުންވެސް ޓީމު ރަށަށް ގެންގޮސް، ރައްޔިތުންނަށް ތަފާތު މާހައުލެއް ފަހިކޮށްދީފައިވެއެވެ. ކުޅުންތެރިންގެ ކަރުގައި ފައިސާ ފަތިތައް އަޅުވައި އިސްދޫން އުފާފާޅުކުރި އިރު، ޖެހިޖެހިގެން ތިންވަނަ ތަށްޓާއެކު ރަށަށް ދިޔަ ޅ. ކުރެންދޫ ޓީމަށްވެސް ކިޔާފައި ވަނީ ހޫނު މަރުހަބާއެކެވެ. ސަގާފީ ރީތި ފަރި ހަރަކާތްތަކާއެކު ކުރެންދޫއަށް ބޮޑު އީދެއް އައިސްފައިވެއެވެ.
އއ. އަތޮޅު ޗެމްޕިއަން ޓްރޮފީއާއެކު މަތިވެރީގެ ރައްޔިތުންވެސް އުފަލާއި ފޯރި ދައްކާލާފައިވާ އިރު، މުޅިން އަލަށް ފ. އަތޮޅުގެ ރަސްކަން ހޯދި ދަރަނބޫދޫގެ ޓީމަށްވެސް، އެޓީމުގެ ބެލެނިވެރި ފަރާތް، ފުއްޓަރު ސްޕޯޓްސް ކްލަބުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
"ދަރަނބޫދޫ މަޝްހޫރުވެފައި މި އޮންނަނީ ޓާޓަލް އައިލެންޑެއްގެ ގޮތުގައި. އެ ރަމްޒު ލޯގޯއިންވެސް ފެންނާނެ. ކޯން ކޮންޖީރާހޭ؟ ދަރަނބޫދޫ ކާ ޖަޒީރާހޭ. މިއީ ދަރަނބޫދޫ މަގުބޫލުވެފައި މި އޮންނަ ޝިޔާރަކީ. މި ރަށަކީ ދަ ޖަޒީރާ އައިލެންޑް. އެގޮތަށް އެކުވެރިކަމާއެކު ޓީމަށް މަރުހަބާ ކިޔާފަ ވަނީ. ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް އުފަލުގަ ބައިވެރިވެ، ޓީމަށް ތަފާތު މަރުހަބާއެއް ކިޔާފަ ވަނީ. އަދި ހުކުރު ދުވަހު ހުކުރަށްފަހު ރައްޔިތުން އެއްވެ، ޓީމަށް ކެއުމެއް ތައްޔާރުކުރި. މިއީ އަސްލު މިވީ 30 އަހަރު ދުވަހުގެ ތެރޭގައިވެސް މިހާ ގިނަ ބަޔަކު އެއްވެ ކަމަކަށް ތައްޔާރު ވެ، އެކުގަ އުފާފާޅުކުރި ފުރަތަމަ ފަހަރު،" ދަރަނބޫދޫ ފުއްޓަރު ސްޕޯޓްސް ކްލަބުގެ ރައީސް އިމްރާން އަހުމަދު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ގޯލްޑަންގެ އަތޮޅު ތަށީގެ ހާއްސަކަން ބޮޑު ނުވާ އެއްވެސް ރަށެއް މިހާރަކު ނެތެވެ. މާފުށިން ފައިނަލް ނިންމާލި ގޮތަށް ރަށަށް ދިޔައިރުވެސް ރައްޔިތުން އޮތީ ބަނދަރުމަތި ފުރާލައިފައެވެ. ވަކި ފިކުރެއް، ވަކި ހިޔާލެއްގެ މީހަކު ޓީމާމެދު ދެގޮތެއް ނުވެއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށްޓާއެކު މުޅި ރަށް އެކުވެ، ބޮޑު އީދެއްގައި އުފާފާޅުކުރެއެވެ. ތަށީގެ ހައިބަތާއި ތަށީގެ މުހިއްމުކަން މަންޒަރުތަކުން ސާފެވެ.