ރާނީ މުކަރްޖީ އަދި އަބީޝެކް ބަޗަން ލީޑުން ފެނިގެންދިޔަ ފިލްމު ބަންޓީ އޯރު ބަބްލީ އަކީ ހިޓް ފިލްމެއްގެ އިތުރުން އެތައް ބަޔެއްގެ ލޯބި ލިބިގެންދިޔަ ފިލްމެކެވެ.
އެ ފިލްމަށް 14 އަހަރު ވެފައިވާއިރު އޭގެ ސީކުއިލެއް ހަދަން ނިންމާފައިވާ ކަމަށް ފިލްމު އުފެއްދި ފަރާތުން މިވަނީ ބުނެފައެވެ. ފިލްމުގެ ސީކުއިލަށް ކިޔާގޮތަށް އޮތީ ބަންޓީ އޯރު ބަބްލީއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ޝޫޓިން އަންނަ މަހު ފެށުމަށް މުމްބާއީގައި ފިލްމުގެ ސެޓެއްވެސް ވަނީ ހަދަންފަށައިފައެވެ.
ފިލްމު ތަފާތުވެގެން ދާނެ އެންމެ ބޮޑު ކަމެއްގެ ގޮތުގައި ވަނީ ފިލްމުން ވިދާލި ތަރިން ކަމުގައިވާ ރާނީ އަދި އަބީޝެކް ސީކުއިލުން ފެނިގެން ނުދާނެތީއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެން ދާނީ ޒުވާން ދެތަރިންނެވެ. ނަމަވެސް އެއީ ކޮން ތަރިންނެއް ކަމެއް އަދި ނޭނގެ އެވެ.
ފުރަތަމަ ފިލްމުން ފެނިގެން ދިޔަ އަމީތާބް، ސީކުއިލުން ވެސް ފެނިގެން ދާނެތޯ މިއީވެސް ސުވާލު އުފެދޭ ކަމެކެވެ. ފިލްމުގެ ފަރާތުން ބުނެފައިވާ ގޮތުގައި މިދުވަސްވަރު އަދި މަސައްކަތް ކުރަމުން އަންނަނީ ފިލްމުގެ ލީޑް ތަރިން ފައިނަލް ކުރުމަށެވެ. އެހެން ކަމުން އިތުރު ތަފްސީލު އަދި ހާމަ ކުރެވެން ނެތީއެވެ.