މުނިފޫހިފިލުވުން

މިއަހަރުގެ ގްރެމީ އެވޯޑްސް ޕްރެޒެންޓަރެއްގެ ގޮތުގައި ޓޭލަރ ސްވިފްޓް

ޕޮޕް މިޔުޒިކުގެ ގާބިލު ލަވަކިޔުންތެރިޔާ ޓޭލަރ ސްވިފްޓް، ކުރިއަށް އޮތް 67 ވަނަ ގްރެމީ އެވޯޑްސް ހުށަހަޅަން ހަމަޖެހިއްޖެއެވެ. މި އިވެންޓް މާދަމާ އެވެ. މިކަން ބުރާސްފަތި ދުވަހު ރެކޯޑް އެކަޑަމީން ވަނީ އިއުލާނުކޮށްފައެވެ.

އޭނާ ހުށަހަޅާނެ އެވޯޑުގެ ކެޓަގަރީ އަދި އިއުލާނުކޮށްފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ކަމަކީ، ޓޭލަރގެ 11 ވަނަ އަލްބަމް "ދަ ޓޯޗަރޑް ޕޯއެޓްސް ޑިޕާޓްމަންޓް" ވެސް މިއަހަރު 6 ކެޓަގަރީއަކަށް ނޮމިނޭޓްވެފައިވާކަމެވެ.

ޓޭލަރ ވަނީ "އަލްބަމް އޮފް ދަ އިޔަރ" އަށް ނޮމިނޭޓް ވެފައެވެ. މި މަތީ ދަރަޖައިގެ އެވޯޑު މިއަހަރު 5 ވަނަ ފަހަރަށް ލިބިއްޖެ ނަމަ، އޭނާގެ އަމިއްލަ ރެކޯޑު މުގުރާލައި، ތާރީހު ލިޔެވިގެންދާނެއެވެ. ކުރިން މި ރެކޯޑު އޭނާ ގާއިމުކުރީ ފާއިތުވި އަހަރު، 10 ވަނަ އަލްބަމް "މިޑްނައިޓްސް" އަށް އެވޯޑު ލިބުމުންނެވެ.

މި ލަވަކިޔުންތެރިޔާ ވަނީ 67 ވަނަ ގްރެމީ އެވޯޑްސްގެ "ބެސްޓް ޕޮޕް ވޯކަލް އަލްބަމް"، "ރެކޯޑް އޮފް ދަ އިޔަރ"، "ސޯންގ އޮފް ދަ އިޔަރ"، "ބެސްޓް މިޔުޒިކް ވީޑިއޯ" އަދި "ބެސްޓް ޕޮޕް ޑުއޯ / ގްރޫޕް ޕަރފޯމަންސް" (ގްރޭސީ އޭބްރަމްސްއާއެކު) ގެ ކެޓަގަރީތަކަށްވެސް ނޮމިނޭޓް ވެފައެވެ.

މިހާރު ދުނިޔޭގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޓޭލަރ ވަނީ ގްރެމީ އެވޯޑްސްގެ "އަލްބަމް އޮފް ދަ އިޔަރ" 4 ފަހަރު ކާމިޔާބުކޮށްފައެވެ. މި އެވޯޑުތައް އޭނާއަށް ލިބިފައިވަނީ "މިޑްނައިޓްސް"، "ފޯކްލޯ"، "1989" އަދި "ފިއަލެސް" އަލްބަމްތަކަށެވެ. އޭނާ ވަނީ ފްރޭންކް ސިނާޓްރާ، ސްޓީވީ ވަންޑަރ އަދި ޕޯލް ސައިމަންއާއެކު 3 ގްރެމީ އެވޯޑާ އެއްވަރުވެފައެވެ. ނަމަވެސް އެންމެ ގިނަ "އަލްބަމް އޮފް ދަ އިޔަރ" ޓްރޮފީ ކާމިޔާބުކުރުމުގެ ރެކޯޑު އޭނާ އަންނަނީ ދަމަހައްޓަމުންނެވެ.

މިއަހަރު، "އޯލް ޓޫ ވެލް" ގެ ލަވަކިޔުންތެރިޔާ ވާދަކުރާނީ "އަލްބަމް އޮފް ދަ އިޔަރ" ގެ ކެޓަގަރީގައި ބިޔޮންސޭގެ "ކައުބޯއި ކާޓަރ"، ސަބްރީނާ ކާޕެންޓަރގެ "ޝޯޓް އެންޑް ސްވީޓް" އަދި ބިލީ އައިލިޝްގެ "ހިޓް މީ ހާޑް އެންޑް ސޮފްޓް" އާ އެކުގައެވެ. ހޮލީވުޑް ހަބަރުތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސްވިފްޓް، ކާޕެންޓަރ އަދި އައިލިޝް ވެސް "ސޯންގ އޮފް ދަ އިޔަރ" އަދި "ރެކޯޑް އޮފް ދަ އިޔަރ" ގެ ގްރެމަފޯން ޓްރޮފީތަކަށް ވާދަކުރާނެއެވެ.

ޑިސެމްބަރު މަހު، "ފޯޓްނައިޓް" މި ގެ ލަވަކިޔުންތެރިޔާ ނިންމާލީ އޭނާގެ އެންމެ ބޮޑު މަޝްރޫއު - އެއް އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް މުޅި ދުނިޔޭގެ ސިޓީތަކަށް ޒިޔާރަތްކޮށް "އީރޯސް" ޓުއާއާ އެކުގައެވެ.

މި އަހަރުގެ ގްރެމީ އެވޯޑްސް އޮންނާނީ ލޮސް އެންޖެލެސްގެ ކްރިޕްޓޯ.ކޮމް އެރީނާގައެވެ. ޓްރެވަރ ނޯއާ ވަނީ ވިދިވިދިގެން 5 ވަނަ ފަހަރަށް މި އިވެންޓް ހޯސްޓްކުރުމަށް ހަމަޖެހިފައެވެ. 67 ވަނަ ގްރެމީ އެވޯޑްސްގައި ފުރަތަމަ ބުރުގައި ޕަރފޯމްކުރުމަށް ކަށަވަރުކުރެވިފައިވާ ފަންނާނުންގެ ތެރޭގައި ޗެޕެލް ރޯން، ބިލީ އައިލިޝް، ޗާލީ އެކްސްސީއެކްސް، ޑޯއީޗީ، ރޭ، ބެންސަން ބޫން، ޓެޑީ ސްވިމްސް، ސަބްރީނާ ކާޕެންޓަރ އަދި ޝަކީރާ ފަދަ ފަންނާނުން ވެސް ހިމެނެއެވެ.