ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ލ. އަތޮޅު ތަށި އިސްދޫން ފުރަތަމަ ފަހަރަށް ހޯދީ ރޭގައެވެ. އެ ޓީމުން އެ ކާމިޔާބީ ހާސިލުކުރީ 2023 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަން ޓީމު، ވަރުގަދަ ގަން ބަލިކޮށްފައެވެ.
ރާއްޖޭގެ ފުޓްސަލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ތަރިންތަކެއްގެ މައްޗަށް އެކުލެވޭ ގަމަކީ ލ. އަތޮޅުގެ ރަސްކަން ކުރަމުން އައި ވަރުގަދަ ޓީމެކެވެ. މިއަހަރު ޗެރިޓީ ޝީލްޑްވެސް ގަމުން ކާމިޔާބުކުރި އިރު، އެ ޓީމާ މަޑުމަޑުން ވާދަކުރަމުން އައިސް، ރޭ އިސްދުއަށް ހޯދުނީ ހާއްސަ ކާމިޔާބީއެކެވެ. އެތައް އަހަރެއްގެ މަސައްކަތުން، އެތައް އަހަރެއްގެ ކެތްތެރިކަމާއެކު މަޑުމަޑުން ޓީމެއް ބިނާކުރަމުން އައިސް ހޯދި ކާމިޔާބީއެކެވެ.
ރޭ ކުޅުނު ލ. އަތޮޅު ފައިނަލުގައި އިސްދޫން ގަން ބަލިކުރީ ޕެނަލްޓީގައެވެ. އެއީ 1-1 އިން އެއްވަރުމުން ޖެހި ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
އިސްދޫން ފަސްވަނަ ފަހަރަށް އަތޮޅު ފައިނަލަށް ނުކުމެ ގަން ބަލިކުރި އިރު، އިސްދުއަކީ ގަން ފިޔަވައި ލ. އަތޮޅު ތަށި ނެގި ހަމައެކަނި ޓީމެވެ.
ކޯޗު ހަސަން ހަމީދު (ޑަކޭ) އިސްދޫ ޓީމާ ހަވާލުވެ، ޓީމުގެ ގޭމް ބަދަލުކޮށް، ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ގޯލްޑަންއަށް ނެރެދިނެވެ. އެކަމުގެ ނަތީޖާ ޓީމާއި އޭނައަށްވެސް ހާއްސަވި އިރު، ލ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ ހުމޭޒަށްވެސް ތަށި ހާއްސަވީ، އިސްދޫން ކުރި ބުރަ މަސައްކަތުންނެވެ.
"ފުރަތަމަ ކަމަކަށްވެސް ހަމަ އަލްހަމްދުﷲ ޝުކުރު. މިއީ ގޯލްޑަންގައި އަހަރެމެން އެންމެ ބޮޑަށް ބޭނުންވި ކަންތައް. ހަޔާތުގައި އަލަށް ގޯލްޑަންގެ އަތޮޅު މި ލިބުނީ. ދެން ގަން ފިޔަވައި އިތުރު ޓީމަކަށްވެސް އެ ކާމިޔާބީ މި ހޯދުނީ އަލަށް. މިއީ ވަރަށް ބުރަ މަސައްކަތެއް. ކުޅުންތެރިންނާއި ސަޕޯޓަރުންނާއި މެނޭޖުމަންޓުގެ އިތުރުން މުޅި ރަށުގެ ރައްޔިތުން ކުރި މަސައްކަތް މިއީ،" ހުމޭޒް ރޭގެ މެޗަށްފަހު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ހުމޭޒް ބުނީ ގަން ބަލިކުރުމަކީ ލިބޭ ޝަރަފެއް ކަމަށާއި، ގަމުގެ ކާމިޔާބީގެ މައްޗަށް އިސްދުއަށް ލ. އަތޮޅު ތަށި ގެންދިއުމަކީ އެތައް ދުވަހެއްގެ އިންތިޒާރެއް ކަމަށެވެ.
"ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރު ދުވަހުގެ މަސައްކަތް. ތިން އަހަރު ޖެހިޖެހިގެން ފައިނަލް ކުޅެފައި ބަލިވެގެން މިކަން މި ހާސިލުކުރެވުނީ. އެހެން ދަމުން ގޮސް ތަށި ލިބުނީމަ ވަރަށް އުފާވޭ އަސްލު. ޒޯން ބުރުގައި އަހަރެމެން ތަފާތު ދައްކަން މަސައްކަތް ކުރާނަން. އެ ބުރަށް މިދަނީ އެންމެ ބޭނުންވި ކަންތައް ކޮށްގެން،" ހުމޭޒް ބުންޏެވެ.
އިސްދޫން ޒޯނުގައި ވާދަކުރާނީ ތ. އަތޮޅުގެ ޗެމްޕިއަން، ތިމަރަފުށްޓާއި ރަނަރަޕް ހިރިލަންދޫގެ އިތުރުން ލ. އަތޮޅު ރަނަރަޕް ގަމާ ދެކޮޅަށެވެ.