ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2025ގެ ލ. އަތޮޅު ތަށި މުޅިން އަލަށް އިސްދޫން އުފުލާލައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ފައިނަލްތައް މިހާރު ކުރިއަށްދާ އިރު، ރޭ ކުޅުނު ލ. އަތޮޅު ފައިނަލުގައި އިސްދޫން ގަން ބަލިކުރީ ޕެނަލްޓީގައެވެ. އެއީ 1-1 އިން އެއްވަރުމުން ޖެހި ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
އިސްދޫން ފަސްވަނަ ފަހަރަށް އަތޮޅު ފައިނަލަށް ނުކުމެ ގަން ބަލިކުރި އިރު، އިސްދުއަކީ ގަން ފިޔަވާ، ލ. އަތޮޅު ތަށި ނެގި ހަމައެކަނި ޓީމެވެ. އެޓީމުން މިދިޔަ އަހަރު ކުޅުނު ފައިނަލުގައި ގަން ކައިރިން ހަނި ގޮތަކަށް ބަލިވި ނަމަވެސް، އެފަހަރު ޒޯން ބުރުގައި ގަމާ އެއްވަރުވެސް ކުރިއެވެ.
އެ މަސައްކަތް ކުރަމުން ގޮސް، ރޭ ތަށި ލިބުމާއެކު ޓީމުގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
މެޗުގެ ކުރީކޮޅުގައި ގަމުގެ އަހުމަދު ހަލީމް (އަންމަޑޭ) ޖެހި ގޯލުން ގަން ލީޑު ނެގި އިރު، އިސްދުއަށް ދެވަނަ ހާފުގައި އެއްވަރު ކޮށްދިނީ އަލީ ހުމޭޒެވެ. ޕެނަލްޓީގައި އިސްދޫގެ ހުމޭޒާއި ހުސައިން އަފްހާން އަދި ލޫތު އަހުމަދު ފަތުހީގެ ޕެނަލްޓީތައް ކާމިޔާބުކުރި އިރު، ގަމަށް ކާމިޔާބުކުރެވުނީ މުހައްމަދު ރަޒާނާއި މުހައްމަދު މުސްލިހް ޖެހި ޕެނަލްޓީއެވެ.
ލ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އިސްދޫގެ ހުމޭޒެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ގަމުގެ އަންމަޑޭއެވެ.