މުހައްމަދު އައުޒަމް
ފައިސާއާއި ބެހޭ ކުށްތަކާއި މަނީ ލޯންޑްރިންގެ މައްސަލަތަކާ ބެހޭ އެކްސްޕާޓުންގެ ޓީމެއް އިންޑިއާއިން ރާއްޖެ ފޮނުވަން ނިންމައިފިއެވެ.
އިންޑިއާގެ އިކޮނޮމިކް ޓައިމްސް ގައި ވާގޮތުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ރާއްޖެ ފޮނުވަން ހަމަޖެހިފައިވާ ޓީމްގައި ތިބޭނީ ފައިސާއާއި ބެހޭ ކުށްތަކާއި މަނީ ލޯންޑްރިންގެ މައްސަލަތައް ތަހުގީގު ކުރުމަށް އެހީ ތެރިވެދޭނެ އެކްސްޕާޓުން ކަމަށެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެނޫހުން ބުނެފައިވަނީ އިންޑިއާއިން މިފޮނުވާ ޓީމްގެ އެކްސްޕާޓުން ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރާނެކަމަށާއި އަދި ބޭރުގެ އެޖެންސީ ތަކުގެ އެހީގައި ތަހުގީގުތަކަށް ބޭނުންވާނެ މައުލޫމާތު އެއްކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.
އިންޑިއާއިން ފޮނުވާ އެކްސްޕާޓުންގެ ޓީމުން ކަމާބެހޭފަރާތްތަކާއި ބޭރުގެ ބޮޑެތި އެޖެންސީތަކާ ގުޅުވައިދޭނެކަމަށް އޮފިޝަލު ވަނީ ބުނެފައެވެ. އެގޮތުން އިންޓަޕޯލް، އެފްބީއައި ފަދަ ފަރާތްތަކާ ގުޅުވައިދިނުމުގެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލު އިތުރަށް ބުނެފައިވަނީ ފޮނުވަން ހަމަޖެހިފައިވާ ޓީމުން ތަފާތު އެކި ޕްލެޓްފޯމްތަކުގެ ޑޭޓާ އަށް އެކްސެސް ވެގެން ތަހުގީގު ކުރާނެކަމަށެވެ. އޭގެތެރޭގައި ސޯޝަލްމީޑިއާ މެދުވެރިކޮށް ތަހުގީގަށް މައުލޫމާތު ހޯދުމުގެ ގާބިލުކަން މި ޓީމަށް ލިބިގެން ވާ ކަމަށް ވަނީ ބުނެފައެވެ.
އިންޑިއާއިން މީގެ ކުރިންވެސް އަވައްޓެރި ގައުމުތަކަށް މިބާވަތުގެ އެކްސްޕާޓުން ވަނީ ފޮނުވާފައެވެ. އެގޮތުން މޮރިޝަސް، ސިންގަޕޫރު ފަދަ ގައުމުތަކުގައި އިންޑިއާގެ ޓީމުތައް ވަނީ ހަރަކާތްތެރިވެފައެވެ.