މުނިފޫހިފިލުވުން

ސައިފު އަދި އަމްރިތާގެ ދަރިފުޅު އިބްރާހީމް ވެސް ފިލްމީ ދާއިރާއަށް

ފިލްމް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ވަނީ އިބްރާހިމް އަލީ ޚާން އަކީ ބޮލީވުޑްގެ 'ދެން އަންނާނެ އެންމެ ބޮޑު ކަމެއް' ގެ ގޮތުގައި ހޮވައިފައެވެ.

އޭނާ ވަނީ އިއްޔެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާ ކޮށް، ބޮލީވުޑްގެ ތަރިން ކަމުގައިވާ ސައިފް އަލީ ޚާން އަދި އަމްރިތާ ސިންގްގެ ދަރިފުޅު އިބްރާހިމްގެ ތައާރަފު ރަސްމީކޮށް އިއުލާނުކޮށްފައެވެ.

އެ ޕޯސްޓުގައި ވަނީ އަލަށް ފިލްމީ ދުނިޔެއަށް ނުކުންނަ އެ ޒުވާނާގެ ފޮޓޯތަކެއް ހިއްސާކޮށް، އިބްރާހިމްގެ އާއިލާއާއެކު 40 އަހަރުގެ ދިގު މުއްދަތަކަށް އޮތް ގުޅުމަށް ރިއާޔަތްކޮށް، އޭނާ ފިލްމީ ދާއިރާއަށް ވަނުމާ ގުޅޭގޮތުން އުފާވެރިކަން ފާޅުކޮށްފައެވެ.

ދިގު ނޯޓެއްގައި، ކަރަން ވަނީ އޭނާ އަމްރިތާއާ ފުރަތަމަ ބައްދަލުކުރި ދުވަސް ހަނދާންކޮށް، އޭނާގެ މޮޅުކަމާއި، ހުނަރުވެރިކަމާއި، އޯގާތެރިކަން ފާހަގަކޮށްފައެވެ. އަދި ހަމައެއާއެކު ސައިފުގެ ފުރަތަމަ އިމްޕްރެޝަން "ޒުވާން، ފަންވަރުހުރި، ގަދަރުވެރި އަދި ހީވާގި" މީހެއްގެ ގޮތުގައި ވެސް ބަޔާންކޮށްފައެވެ.

'ދުނިޔާ' ފިލްމުގައި އަމްރިތާއާއެކު މަސައްކަތްކުރި ޖޯހަރު ބުނެފައިވަނީ، ބައްދަލުވި ދެވަނަ ވަގުތުން ފެށިގެން އަމްރިތާ އޭނާއާމެދު ކަންތައް ކުރީ އަމިއްލަ ދަރިއެއް ފަދައިން ކަމަށެވެ. އެއީ އޭނާގެ މޮޅުކަމުގެ ބާރު ކަމަށާއި އެ ބާރު އޭނާ އަދި އޭނާގެ ދަރީންގެ ކިބައިން މިއަދުވެސް ފެންނަކަން ފާހަގަކުރިއެވެ.

'ކަލް ހޯ ނާ ހޯ' އަދި 'ޤުރްބާން' ގައި ސައިފާއެކު މަސައްކަތްކުރި ޑައިރެކްޓަރު، އެމީހުން ފުރަތަމަ ބައްދަލުވި ދުވަސް ހަނދާންކޮށް ބުނެފައިވަނީ، ސައިފާ ފުރަތަމަ ބައްދަލުކުރީ އާނަންދް މަހެންދްރޫގެ އޮފީހުގައި ކަމަށާއި އެވަގުތު އޭނާ ހުރީ ޒުވާން، ފަންވަރު ހުރި، ގަދަރުވެރި އަދި ހީވާގި، ހަމަ އިބްރާހީމާ ފުރަތަމަ ބައްދަލުވި ވަގުތު އޭނާ ހުރި ގޮތަށް ކަމަށެވެ. އަދި ޖީލުން ފެށިގެން ނަސީބު ރަނގަޅުކަމުން ދަރިންނާ ހަމައަށް ދެމިގެންދާ ވަރުގަދަ ރަހުމަތްތެރިކަމެއް އުފެދިފައިވާކަމަށްވެސް ބުންޏެވެ.

"މި އާއިލާއާ ގާތް ގުޅުން އޮންނަތާ 40 އަހަރު ވެއްޖެ." ކަރަން ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާ އިބްރާހިމްގެ ދައްތަ ސާރާ ޢަލީ ޚާނާއެކު 'ސިމްބާ' ގައި މަސައްކަތްކުރި ކަމަށާއި، އޭނާއާއެކު އިތުރު ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

ކަރަން އިތުރަށް ބުނެފައިވަނީ، ފިލްމުތަކަކީ އެމީހުންގެ ލޭގައި، ޖީންތަކުގައި އަދި ޝައުގުވެރިކަމުގައި ހުރި އެއްޗެކެވެ. މި މަގުފަހިކުރަނީ ހުނަރުވެރިކަމުގެ އާ ރާޅަކަށެވެ. އެއީ ދުނިޔެއަށް ދައްކަން އިންތިޒާރު ނުކުރެވޭ ވަރުގެ ރާޅެއްކަމަށް ފާހަގަކުރިއެވެ.

މިއީ އިބްރާހިމްގެ ފުރަތަމަ އެކްޓިން ޕްރޮޖެކްޓް ކަމުގައިވިޔަސް، މީގެ ކުރިން އޭނާ ވަނީ ރަންވީރް ސިންގް އަދި އާލިއާ ބަޓް ސްޓާކޮށްފައިވާ 'ރޮކީ އައުރް ރާނީ ކީ ޕްރޭމް ކަހާނީ' ގައި ކަރަން ޖޯހަރުގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.