ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ މ. އަތޮޅުގެ ފައިނަލަށް މިރޭ ނުކުންނަނީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަނުންނެވެ. 2023 ވަނަ އަހަރުގެ ޗެމްޕިއަން ދިއްގަރުން މިރޭ ނުކުންނާނީ މިދިޔަ އަހަރުގެ ޗެމްޕިއަން މުލަކާ ދެކޮޅަށެވެ. ފައިނަލް ފޯރިގަދަ ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.
މުލަކުގެ ކެޕްޓަން، ތަޖުރިބާކާރު ކުޅުންތެރިޔާ އާދަމް ޝަހީމް (އާނާ) ގެ ވިސްނުމުގައި ވެސް ތަށި ދިފާއުކުރުން ނޫން އެހެން ކަމެއް ނެތެވެ. އެއީ އަތޮޅު ބުރު ފެށުނީއްސުރެން މުލަކުން ކުރާ އުންމީދެވެ.
"ހުރިހާ ކުޅުންތެރިންނާ މެނޭޖުމަންޓްގެ ބުރަ މަސައްކަތުން މި ހިސާބަށް މި އާދެވުނީ. އެހެންވީމަ އެއީ ވަރަށް ބޮޑު ކާމިޔާބީއެއް. ފުރަތަމަ މުބާރާތަށް ނުކުތް އިރު، މިފަހަރު ވެސް އެންމެ ފުރަތަމަ ޓާގެޓަކީ ހަމަ ގޯލްޑަން އަތޮޅު ބުރުގެ ތަށި. އެހެންވިޔަސް އެއީ ޗެލެންޖިން ކަމަކަށްވާނެ. އެއީ މިފަހަކަށް އައިސް ގޯލްޑަން މި ފެންނަނީ އަހަރަކަށްވުރެ އަހަރެއް ވަރުގަދަވަމުންދާތަން. އެހެންވީމަ އެ ޗެލެންޖް އޮންނާނެ،" ސެމީ މެޗުގެ ކުރިން އާނާ ބުންޏެވެ.
އާނާ އިތުރަށް ބުނީ ފައިނަލުގައި ސަޕޯޓަރުން ބޭނުންވާނެ ކަމަށާއި އަބަދުވެސް ސަޕޯޓަރުން ދޭ ހިތްވަރަކީ ޓީމުން ފާހަގަކުރާ ކަމެއް ކަމަށެވެ.
ދިއްގަރުން 2023 ވަނަ އަހަރު އަތޮޅު ތަށި ނަގައި، އެފަހަރު ތަފާތު ރޫހެއްގައި ކުޅެފައިވާ އިރު، އެފަހަރު ފައިނަލުގައި ދިއްގަރު މޮޅުވީ ނާލާފުށި ކައިރިންނެވެ. އެ ކާމިޔާބީ ތަކުރާރުކޮށް އަލުން އަތޮޅުގެ ރަސްކަމަށް އަރަން ދިއްގަރުން މަސައްކަތް ކުރަމުންދާ އިރު، އެޓީމަށް އޮތް ޗެލެންޖްތައް ގިރާކުރަނީ ހިތްވަރުންނެވެ.
"ޓީމަށް އޮތް އެންމެ ބޮޑު ދައްޗަކީ އެއްކޮށް ކޮށްލަން ލިބޭ ޕްރެކްޓިސްތައް މަދުވުން. ގިނަ ކުދިންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ކުދިން ކަމަށްވާތީ، ހަމަ މެޗު ނިންމާފަ ގޮސްފައި އަނެއްކާ މި އަންނަނީ. އެހެން އުޅެން ޖެހުނަސް، ޓީމު ކުދިން ކުރި ހިތްވަރުން އަސްލު މިހާ ހިސާބަށް މި ދެވުނީ،" ޓީމުގެ ތަރި އަހުމަދު މިދުހަތު މަހުމޫދު ސެމީ މެޗުގެ ކުރިން ބުންޏެވެ.
މިދުހަތު ބުނީ މިދިޔަ އަހަރަކީ ޓީމަށް ދަށް އަހަރެއް ކަމަށާއި މިފަހަރު ނުކުތީ އެ ފޯމު ރަނގަޅު ކުރަން ކަމަށެވެ. އެކަމަށް އެންމެ ފުރަތަމަ ވެސް ކަނޑައެޅި ޓާގެޓަކީ އަތޮޅު ތަށި ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.
ސަޕޯޓަރުންނާ ގުޅޭ ގޮތުން މޮރޭ ބުނީ ދިއްގަރުގެ ސަޕޯޓަރުންނަކީ ބަދަލެއް ނުވެ އަބަދު ވެސް ޓީމާއެކު ތިބޭ ސަޕޯޓަރުންތަކެއް ކަމަށާއި ރަށުގައި ބޮޑު ސްކްރީން އަޅުވައިގެން މެޗު ބަލައި، މާލޭގައި ދަނޑަށް ގޮސް ޓީމަށް ދޭ ހިތްވަރަށް ޝުކުރު އަދާކުރާ ކަމަށެވެ.
ދިއްގަރާއި މުލައް ވާދަކުރާ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.