އިބްރާހިމް ޒަކީ
މިއަދު ފެނިގެންދަނީ، އެމްޑީޕީ ނޫން މީހަކަށް އެއްވެސް ފުރުސަތެއް ނެތްގޮތަށް ހަނިވެގެންދާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ގަވާއިދު އިސްލާހު ކުރުމާބެހޭގޮތުން ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، މަޖިލިސް ގަވާއިދު އިސްލާހު ވާން ޖެހޭނީ، އަމިއްލަ ގޮތުން މަޖިލީހަށް ހޮވިފައިތިބި މެންބަރުންނަށް ވެސް ހުރިހާ ކަމެއްގައި ފުރުސަތު އޮންނަ ގޮތަށް ކަމަށެވެ.
ޖާބިރު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކުގައި ތިބެންވާނީ ހަމައެކަނި އެމްޑީޕީގެ މެންބަރުން ނޫން ކަމަށެވެ.
ހާއްސަކޮށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ހިމެނެންވާނީ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުން ފިޔަވައި ދެންތިބި މެންބަރުން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
"ކޮމިޓީގައިވެސް އެމްޑީޕީގެ މެންބަރުން އެކަންޏެއްނޫން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ތިބެންވާނީ، އެމްޑީޕީ ފިޔަވައި ދެންް ތިބޭ މީހުން، އެމްޑީޕީނޫން އެހެން މީހުންނަށް ރާއްޖޭން އެހެން އެއްވެސް ފުރުސަތެއް ނުލިބޭ ގޮތަކަށް ވެގެންނުވާނެ، އަޅުގަނޑުމެންނަށް މއިަދު ފެނިގެންދާ މަންޒަރަކީ އެމްޑީޕީ މީހަކު ނޫން މީހަކަށް އެއްވެސް ފުރުސަތެއް ނެތްގޮތަށް ހަނިވެގެންދާ މަންޒަރު އެކަން ރާއްޖޭގެ ރައްޔިތުން ބޭނުމެއްނުވާނެ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ކިތަންމެ މަދުން ނަމަވެސް އެމްޑީޕީ ނޫން މީހުން މަޖިލީހުގައިވެސް ތިބޭނެ ކަމަށެވެ.
"އެކަމަށްވެސް އިހުތިރާމް ކުރަންޖެހޭނެ، ގަވާއިދު ހެދިގެންދާއިރު އެކަމަށް އިހުތިރާމް ކުރެވެންޖެހޭނެ، އަމއިްލަގޮތުން ހޮވިފައި ތިބޭ މީހުންނަށްވެސް ކޮމިޓީތަކުން ފުރުސަތު އޮންނަންވާނެ، އެމީހުންގެ ހައްގުތަކެއްވެސް އޮންނަންވާނެ،" ޖާބިރު ވިދާޅުވިއެވެ.