ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ނ. އަތޮޅު ތަށި މިލަދޫން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އެންމެ ފޯރިގަދަ ހިސާބަށް މެޗުތައް ގޮސްފައިވާ އިރު، މިރޭ ވަނީ ހަތަރު ފައިނަލެއް ކުޅެފައެވެ. ނ. އަތޮޅު ފައިނަލުގައި ހޮޅުދުއާއި މިލަދޫ ވާދަކުރި އިރު، މިލަދޫން ފައިނަލުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
މިލަދުއާއި ހޮޅުދޫންވެސް މުޅިން އަލަށް އަތޮޅު ފައިނަލަށް ނުކުތް އިރު، މިލަދޫން ހޯދި ތާރީހީ ތަށްޓާއެކު އެޓީމުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. ހޮޅުދުއާއި މިލަދޫން ލީގު ބުރުގައި ކުޅުނު މެޗު، ހޮޅުދޫން 3-2 އިން ކާމިޔާބުކުރި ނަމަވެސް، މިރޭގެ މެޗުގައި މިލަދޫ ފެނުނީ މާ ބޮޑަށްވެސް ވަރުގަދަކޮށެވެ.
މެޗުގެ ފުރަތަމަ ހާފުގައިވެސް މިލަދޫގެ ހަމަލާތައް ބޮޑަށް ނުރައްކާކޮށް ފެނުނު އިރު، އެޓީމުން ފުރަތަމަ ގޯލު ޖެހީ ދެވަނަ ހާފުގައެވެ. ހަސަން އަބްދުލް ސަމަދު ޖެހި އެ ގޯލާއެކު ލީޑު ނަގައިގެން ކުޅެމުން ގޮސް، ދެވަނަ ގޯލެއް ޖެހީ މެޗު ނިމެން ދަނިކޮށެވެ.
އެ ގޯލުވެސް ހަސަން ޖެހި އިރު، އެ ގޯލު އޭނާ ޖެހީ އަމިއްލަ ހާފު ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. އެ ހަމަލާ އޭނާ ފޮނުވާލި އިރު، ހޮޅުދޫގެ ކީޕަރު މުހައްމަދު އަފްރާހު އޮތީ ކުރިއަށް ޖެހި އަނެއް ހާފުގައި ކަހަލަ ގޮތަކަށެވެ.
ނ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މިލަދޫގެ ހަސަންއެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ހޮޅުދޫގެ އަބްދުލް ވަދޫދެވެ.
ނ. އަތޮޅުގެ ޗެމްޕިއަން ވާދަކުރާނީ ޒޯން ދޭއްގައެވެ. އެ ޒޯނުގައި ދެން ވާދަކުރާނީ ރ. އަތޮޅުގެ ޗެމްޕިއަން އިނގުރައިދުއާއި ރަނަރަޕް ދުވާފަރު އަދި ބ. އަތޮޅުގެ ޗެމްޕިއަނުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މާދަމާ ރޭވެސް ފޯރިއާއެކު ކުރިއަށްދާނެ އެވެ.
މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: މ. ދިއްގަރު - މ. މުލައް (އަތޮޅު ފައިނަލް)
ގްރައުންޑް 2: ފ. ދަރަނބޫދޫ - ފ. މަގޫދޫ (އަތޮޅު ފައިނަލް)
21:30
ގްރައުންޑް 1: ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ (އަތޮޅު ފައިނަލް)