ބްލޭކް ލައިވްލީ އާއި އޭނާގެ "އިޓް އެންޑްސް ވިތް އަސް" ފިލްމުގެ ޑައިރެކްޓަރު އަދި އެކުގައި މަސައްކަތްކުރި ތަރި، ޖަސްޓިން ބަލްޑޯނީ އާ ދެމެދު އުފެދިފައިވާ، ގާނޫނީ ދެބަސްވުމުގެ ޝަރީއަތުގެ ތާރީހު ކަނޑައަޅައިފިއެވެ. ހޮލީވުޑް ހަބަރުތަކުގައިވާ ގޮތުގައި، މި މައްސަލައިގެ އަޑުއެހުން ހަމަޖެހިފައިވަނީ 9 މާރޗު 2026 ގައި ނިއު ޔޯކުގައެވެ.
ބްލޭކްގެ ދައުވާގައި ޖަސްޓިންއަށް ތުހުމަތުކޮށްފައިވަނީ 2024 ގައި ނެރުނު ކޮލީން ހޫވާގެ "އިޓް އެންޑްސް ވިތް އަސް" ގެ އެޑެޕްޓޭޝަން އުފެއްދުމުގެ ތެރޭގައި އޭނާއަށް ޖިންސީ ގޯނާކުރި ކަމަށެވެ. އޭނާގެ އަމިއްލަ އަބުރު ސަލާމަތްކުރުމަށް ޓަކައި ބްލޭކްގެ އަބުރަށް ގެއްލުން ދިނުމަށް ކެމްޕޭނެއް ހިންގުމަށް ކްރައިސިސް ޕީއާރު މާހިރެއް ހޯދި ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.
ހަބަރުތައް ބުނާ ވާގޮތުގައި މި މައްސަލައިގެ ޝަރީއަތުގައި ބްލޭކްގެ މައްސަލަ އާއި ޖަސްޓިންގެ އިދިކޮޅު ދައުވާ އެއްކޮށްލާނެ އެވެ. ޖަސްޓިންގެ އިދިކޮޅު ދައުވާގައި އޭނާ އެދެނީ 400 މިލިއަން ޑޮލަރުގެ ބަދަލެކެވެ. ޖަސްޓިން ތުހުމަތުކުރަނީ ބްލޭކް އޭނާއާ ދެކޮޅަށް ބަދުނާމުކުރުމުގެ ކެމްޕޭނެއް ހިންގި ކަމަށާއި އަދި ފިލްމުގެ ޑައިރެކްޓަރުގެ ގޮތުގައި އޭނާގެ ދައުރު ވަގަށް ނެގުމަށް މަސައްކަތްކުރި ކަމަށެވެ.
ކޯޓުން ވަނީ ޝަރީއަތުގެ ކުރީގެ ބައްދަލުވުމެއް އަންނަމަހު 3 ގައި ބޭއްވުމަށް ވެސް ހަމަޖައްސާފަ އެވެ. މި ބައްދަލުވުމުގައި ދެފަރާތުގެ ގާނޫނީ ޓީމުތަކުން ޖަސްޓިންގެ ވަކީލު، ބްރަޔަން ފްރީޑްމަން އާ ދެކޮޅަށް ބްލޭކް ކުރިން އެދިފައިވާ އަމުރަކާ މެދު މަޝްވަރާކުރާނެ އެވެ. މި އަމުރަށް އެދިފައިވަނީ ގާނޫނީ މަރުހަލާގެ ތެރޭގައި "އެކަށީގެން ނުވާ އަމަލުތަކެއް" ހިންގިކަމުގެ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށެވެ.
ވަކި މައްސަލައެއްގެ ގޮތުގައި، ޖަސްޓިން ވަނީ ދަ ނިއު ޔޯކް ޓައިމްސްއާ ދެކޮޅަށް ލިބެލްގެ ދައުވާއެއް ވެސް ކޮށްފައެވެ.
އެކަމާ ގުޅިގެން ބްލޭކް އާއި ދަ ނިއު ޔޯކް ޓައިމްސް އިން ވަނީ އެއްވެސް ކުށެއް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. ބްލޭކްގެ ގާނޫނީ ޓީމުން ޖަސްޓިންގެ ދައުވާއަށް ނިސްބަތްކޮށް ބުނެފައިވަނީ އެއީ އޭނާގެ އިތުބާރު ގެއްލުވާލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
ހަމައެފަދައިން، ދަ ނިއު ޔޯކް ޓައިމްސް އިން ވަނީ ރިޕޯޓު ދިފާއުކޮށް، ޖަސްޓިންގެ ދައުވާތަކާ ދެކޮޅަށް ވާދަކުރުމަށް ނިންމައިފައެވެ.