ބޮލީވުޑްގެ ތަރި ކްރިތީ ސަނޯން، އާނަންދް އެލް. ރާއީގެ އަންނާން އޮތް ލޯބީގެ ޑްރާމާ ފިލްމު "ތޭރޭ އިޝްކް މޭ" ގައި ދެކުނު އިންޑިޔާގެ މަޝްހޫރު އެކްޓަރު ދަނުޝްއާ އެކު ބައިވެރިވެއްޖެއެވެ.
މީގެ ކުރިން އާނަންދް އާއި ދަނުޝް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބުނު "ރާންޖަނާ" އަދި "އަތުރަންގީ ރޭ" ފިލްމުގައި މަސައްކަތް ކޮށްފައެވެ.
އިއްޔެ "ތޭރޭ އިޝްގް މޭ" ފިލްމުގެ ޓީމުން ވަނީ ކްރިތީ ސެނޯން ފީޗާކޮށްފައިވާ ވަރަށް ފުން، އަސަރުކުރުވަނިވި ފުރަތަމަ ލުކް ވީޑިއޯއެއް ދައްކާލައިފައެވެ. މި ވީޑިއޯގައި ފެންނަނީ އެކްޓަރު އަލިފާން ފުޅިއެއް އަތުން ހިފައިގެން ހަމަނުޖެހުމެއްގެ ތެރެއިން ހިނގާފައި ދާ މަންޒަރެވެ. އޭނާ ހިންދީ ބަހުން ވަރުގަދަ މޮނޮލޮގެއް ކިޔައިދެއެވެ.
"ތިބާ އަހަރެން ދެކެ ލޯބިވާކަން އަހަރެންނަށް އެނގޭ. އެކަމަކު އަހަރެން ތިބާ ދެކެ ލޯބިވާކަށް ނުޖެހޭ. ތިބާގެ ޖޯޝުގައި މުޅި ސިޓީ ހަލަބޮލިކޮށްލައިފާނެ. ތިބާގެ ހިތާމައިގެ ސަބަބުން އަހަރެން ބިރުގަތުމަކީ ހުއްޓުވޭނެ ކަމެއް ނޫން. އެކަމަކު އަހަރެން އެ ބިރަށް ބޯލަނބާކަށް ނުޖެހޭ. ތިބާ މަންދިރުތަކުގައާއި ބުދުތަކުގެ ކުރިމަތީގައި ސަޖިދަ ޖަހައިފާނެ. އެކަމަކު ތިބާއަށް ސަލާމަތްކަން ލިބޭނެ ކަން ކަށަވަރެއް ނުވޭ."
މި ކްލިޕް ނިމެނީ މުކްތީ (ކްރިތީ) އޭނާގެ ގައިމައްޗަށް ކަރާސިން އަޅައި، ސިނގިރޭޓެއް ރޯކުރާ މަންޒަރުންނެވެ. ބަލާ މީހުންގެ ހިތުގައި ސުވާލުތަކެއް އުފެދޭ ގޮތަށެވެ.
އާނަންދް އެލް. ރާއީ ޑައިރެކްޓްކޮށް، ހިމާންޝު ޝަރްމާ، ބޫޝަން ކުމާރު، އަދި ކްރިޝަން ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމުގެ މިޔުޒިކް ކޮމްޕޯސްކުރަނީ މަޝްހޫރު އޭ.އާރު. ރަހުމާނެވެ. އަދި ޝާއިރީގެ ގޮތުގައިވާ ލިރިކްސްތައް ލިޔެފައިވަނީ އިރްޝާދު ކާމިލްއެވެ.