ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ހުރީ ހަގީގަތާ ހިލާފު މައުލޫމާތު، މިއީ ޒިންމާދާރުކަން ކުޑަ ރިޕޯޓެއް: އެޗްއާރުސީއެމް

ޝަހީދާ އަބްދުﷲ ސައީދު

މީހުން ބަންދުކޮށްފައި ތިބޭ ތަންތަން އޮޑިޓް ކުރުމަށް އުފެއްދި ކޮމެޓީން އެތަންތަން އޮޑިޓްކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓަކީ ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ނެރެފައިވާ ރިޕޯޓެއް ކަމަށް ހިއުމަން ރައިޓްސް އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އޯޑިޓްއިން ތައްޔާރުކޮށް، އިއްޔެ ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ ''ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓު 2019'' އަކީ ގާނޫނުން ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި، އެންޓި-ޓޯޗާގެ ގާނޫނުގެ ދަށުން އެކޮމިޝަނުން ބަލަމުންދާ ޓޯޗާގެ މައްސަލަތަކާއި، ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭ ގޮތަށް ބަންދުގައި ތިބޭމީހުންގެ އެންމެހައި ހައްގުތައް ކަށަވަރުކުރުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި، އެރިޕޯޓު އެކުލަވާލުމަށް އެކޮމިޝަނުން، ކޮމިޝަން ފޮރ ޕްރިޒަންސް އޯޑިޓްއަށް ފޯރުކޮށްދީފައިވާ މައުލޫމާތުތަކަށް ރިޔާއަތްކުރުމެއް ނެތި، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ނެރެފައިވާ ޒިންމާދާރުކަން ކުޑަ ރިޕޯޓެއްކަމަށެވެ.

ރަނގަޅު ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ އެޗްއާރްސީއެމުން އެކި ފަހަރު މަތިން އެކި އިދާރާތަކަށް ހުށަހެޅި ކަންކަން ކަމުގައި ވެސް އެބަޔާނުގައިވެ އެވެ. އަދި އެ ހުށަހެޅުންތައް ތަންފީޒު ކުރުމަށް މިހާރުވެސް އެތައް މަސައްކަތެއް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައި ވެއެވެ.

"ޕްރިޒަންސް އޮޑިޓް ކޮމިޓީ" އިން ޖަލުތަކުގެ ހާލަތު ބެލުމަށްފަހު ތައްޔާރުކުރި ރިޕޯޓުގައިވާގޮތުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތްކަން ފާހަގަކޮށްފައިވެއެވެ.

އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ގިނަކަމާއި، މަސްތުވާތަކެތީގެ ގާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ގާނޫނުގެ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބައިތިއްބުމާއި، މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަން ފާހަގަކޮށްފައިވެއެވެ.

ޖަލުތައް އޮޑިޓް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ކޮމިޓީން ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ޖަލުތަކެއްގެ ހާލަތު ބަލާފައިވެއެވެ.