“ޕޮލިސް ފޯސް" ނަމަކަށް ކިޔުނު ސްޓްރީން ސީރީސްގައި އެންމެ ފަހުން ފެނުނު ބޮލީވުޑް ތަރި ޝިލްޕާ ޝެޓީ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. މި ތަރި ވަނީ އިއްޔެ އޭނާގެ އިންސްޓަގްރާމްގައި، ފިރިމީހާ ރާޖް ކުންދްރާ އަދި އެ ދެމަފިރިންގެ ދަރިންނާއެކު ރާއްޖޭގައި ނަގާފައިވާ އެތައް ފޮޓޯތަކަކާއި ވީޑިއޯތަކެއް ހިއްސާ ކޮށްފައެވެ.
އޭނާ ވަނީ އޭނާގެ "ފުރަތަމަ ފަހަރު" ތަކުގެ ވާހަކަ ބަޔާންކުރުމަށް ދިގު ނޯޓެއް ވެސް ލިޔެފައެވެ. އެ ޕޯސްޓުގައި ލިޔެފައިވަނީ މަންޑޭ މޯޓިވޭޝަން: މިއަދަކީ ގިނަ ކަންތައްތަކެއް ފުރަތަމަ ފަހަރަށް ކުރި ދުވަހެކެވެ. އޭގެ ތެރޭގައި ޖެޓް ސްކީ ދުއްވުމާއި ސަބްމެރިނެއްގައި ކަނޑު އަޑި ބެލުން އަދި ސޫޝީ ހަދަން ދަސްކުރުން ހިމެނޭ ކަަމަށް ވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ، ދިރިއުޅުމުގައި އެއްވެސް އެއްޗެއް ފަސޭހައިން ނުލިބޭ ކަމަށެވެ. ފުރުސަތު ލިބޭ ހިނދު އާ ހުނަރެއް ދަސްކުރުމަށް ޝައުގުވެރިވާން ޖެހޭ ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފައި، އެ ތަޖުރިބާ އުފަލާއެކު ކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ. މި ދަތުރު މިހާ ފޯރިގަދަ އަދި ހަނދާނުގައި ބެހެއްޓޭ ގޮތަށް ހަދައިދިންކަމަށްޓަކައި @jumeiraholhahaliisland އަށް ޝުކުރު އަދާކުރާކަމަށްވެސް ޕޯސްޓުގައިވެއެވެ.
ޝިލްޕާ އަދި އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖުމެއިރާ އޮޅަހަލި ރިސޯޓުގައެވެ. މި ދަތުރުގައި އޭނާ ވަނީ ރާއްޖޭގެ ޓުއަރިޒް މިނިސްޓަރު ފައިސަލް އިބްރާހީމް، އެމްއެމްޕީއާރްސީގެ ސީއީއޯ ޝިއުރީ އިބްރާހީމް އަދި އެމްއެމްޕީއާރްސީގެ ޗެއާމަން އަބްދުއްﷲ ގިޔާސްއާ ބައްދަލުކޮށް އެކީ ނަގާފައިވާ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ.
ޝިލްޕާ ވަނީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައެވެ.