އަލީ ހުސައިން

މަސީހުގެ ނިގޫ ފިތުނީމަ ހުންނަން ޖެހެނީ ރައީސް ޔާމީންގެ ގޮނޑި ކޮއްކޮއެއްގެ ގޮތުގައި: އަލީ ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ކޮންމެވެސް ޖަރީމާއެއް ހިންގައިގެން އެ ހުންނެވީ ނިގޫ ފިތިފައި ކަމަށާއި ނިގޫ ފިތުނީމާ ދެން ހުންނަން ޖެހެނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގޮނޑި ކޮއްކޮއެއްގެ ގޮތުގައި ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ރައީސް ޔާމީން ފުރަތަމަ ކުރައްވާ ކަމަކީ މީހުން ލައްވައި ގޯސް ހެއްދުން ކަމަށާއި އެގޮތަށް ކޮންމެވެސް ހިސާބަކުން މަސީހު ލައްވައި ވެސް އޮންނާނީ ގޯސްތަކެއް ހައްދުވާފައި ކަމަށެވެ.

"މަސީހު އެ ހުރީ ކޮންމެވެސް ގޮތަކުން ނިގޫ ފިތިފަ. އެހެންވީމާ ނިގޫ ފިތުނީމާ ދެން މިވާ ގޮތަކީ އޭނާ ބަދަލު މިވަނީ ރައީސް ޔާމީންގެ ގޮނޑި ކޮއްކޮއަކަށް. އިނގިރޭސި ބަހުން ދަންނަވަނީ ނަމަ، ޕަޕެޓަކަށް. މަސީހު އަކީ ރައީސް ޔާމީންގެ ގޮނޑި ކޮއްކޮއެއް. އެއް ފަހަރު ޖަރީމާއެއް ހިންގައި ދިނުމުގައި ބައިވެރިވީމަ، ދެން ވާގޮތަކީ ހުރިހާ ޖަރީމާއެއް ވެސް އެބަޖެހޭ ހިންގައިދޭން. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނަން، އެއީ ކޮންމެ ގޮތެއް ހަދާފަވެސް، އެ ދިދަ ޖެހި ކާރު ދުއްވާފައި އެމްއެންޑީއެފްގެ ސެކިއުރިޓީއާ އެކުގައި އުޅެން،" އޭނާ ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މަސީހު ދުރުކުރަން ނިންމީ ރައީސް ޔާމީނާ އެކީގައި ހުރިހާ ޖަރީމާއެއް ހިންގުމުގެ މުގުލުގައި ހުރި މީހަކީ މަސީހު ކަމުގައި ވާތީ ކަމަށާއި ހުރިހާ ޖަރީމާއެއް ހިންގުމުގައި ރައީސް ޔާމީނަށް އެހީތެރިކަން ފޯރުކޮށްދިން ބަޔަކު ވެސް ތިބޭނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންނަށް އެބަ އެނގޭ ރައީސް ޔާމީނުގެ އޮންނާނީ ދެ އަތް، ދެ ފައި. އެހެންވީމާ ރައީސް ޔާމީނަށް ޖަރީމާތައް ހިންގައިދިން މީހުން މި ގައުމުގައި އެބަތިބި. ރައީސް ޔާމީނަށް ގޮސް މީހުންނެއް ހައްޔަރެއް ނުކުރެވޭނެ. ރައީސް ޔާމީނަކަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް އަމިއްލައަކަށް ގެއްލުވައެއް ވެސް ނުލެވޭނެ. ރައީސް ޔާމީނަކަށް ހުރިހާ ލީޑަރުން ހިފާ ހައްޔަރެއް ވެސް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ރައީސް ޔާމީނަކަށް މީހުންގެ ލޮލަށް ޕެޕާ ސްޕްރޭއެއް ނުޖެހޭނެ ކަމަށާއި ރައީސް ޔާމީނަށް ހުރިހާ އިންސްޓިޓިއުޝަންތަކެއް ހިފައި، އެތަންތަނުގައި ތަޅުއަޅުވައި ޕެރަލައިޒެއް ވެސް ނުކުރެވޭނެ ކަމަށެވެ. އަދި އެންމެ ބޮޑު ޖަރީމާއެއް ހިންގުމުގައި އެހީތެރިވި މީހަކީ މަސީހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަދި ރައްޔިތުން މަޖިލީސް ހިސާރުކޮށް، މިހުރިހާ ކަމެއް ވެސް ނުކުރެވޭނެ. އެހެންވީމަ ރައީސް ޔާމީނަށް މިކަންކަން ކޮށްދިން މީހުން އެބަތިބި. އެ ކޮށްދިން މީހުންގެ ތެރެއިން އެންމެ ބޮޑެތި ޖަރީމާތައް ހިންގައިދިން، މުޅި ރައްޔިތުންގެ ގެ ހަލާކުކޮށްލާ، ހަރާބުކޮށްލާ، ވެއްޔާ މޮޑެލި މީހަކީ ސީދާ މަސީހު،" އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެޖެންޑާކުރަން ނިންމައި މެމްބަރުންނަށް މިހާރު ވަނީ ނޯޓިސް ފޮނުވައިފައެވެ.