ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އދ. އަތޮޅުގެ ފައިނަލުގައި މިރޭ މަހިބަދުއާއި މަންދޫ ނުކުންނާނެއެވެ.
އެންމެފަހުގެ އަތޮޅު ޗެމްޕިއަނަކީ މަހިބަދޫ ނަމަވެސް، އެ ޓީމަށް މިފަހަރުގެ ތަށިވެސް ހާއްސަ ނުވާ އެއްވެސް ސަބަބެއް ނެތެވެ. އަތޮޅުގެ ފުޓްސަލް ޗެމްޕިއަންކަމުގައި އިތުރު އަހަރެއް ދަންމާލުން އެއީ ކޮންމެހެންވެސް މުހިއްމު ކަމެކެވެ. އެހެންކަމުން އަތޮޅު ތަށީގެ ހާއްސަކަން މަހިބަދުއަށް ބޮޑެވެ.
"ވަރަށް ރަނގަޅަށް ދިޔައީ ސެމީ މެޗު. ދެން ފައިނަލުގައިވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. ގްރޫޕް ސްޓޭޖުގައި މަންދޫއާ ދެކޮޅަށް ކުޅުނު މެޗުވެސް ރަނގަޅަށް ދިޔައީ. އިރާދަކުރެއްވިއްޔާ ތަށްޓަށް މި ނުކުންނަނީ. މަހިބަދުއަށް އަތޮޅު ތަށި ވާނެ ބޮޑު ތަށްޓަކަށް. އެއީ މަހިބަދުއަކީ ފުޓުބޯޅަ ކުޅޭ ރަށެއް. ރަށުގައި ނުވެސް އޮންނާނެ ފުޓްސަލް ދަނޑެއްވެސް. އެހެންވީމަ ގޯލްޑަން އަތޮޅު ތަށި ނަގާލެވުން ވާނީ ވަރަށް ބޮޑު އެއްޗަކަށް،" ސެމީ މެޗަށްފަހު މަހިބަދޫގެ އެންމެ މުހިއްމު ކުޅުންތެރިޔާ، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ބުންޏެވެ.
ސެމީގައި މަހިބަދޫން ވަނީ ކުނބުރުދޫ ކައިރިން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ސެމީއަށް ދިޔުމަށް އަތޮޅު ގްރޫޕް ސްޓޭޖުގައި މަހިބަދޫން މަންދުއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު މަންދޫން ފުރަތަމަ ފަހަރަށް އަތޮޅު ފައިނަލަށް މިރޭ ނުކުންނާނީ ބަދަލު ހިފާށެވެ. މަންދޫން ސެމީގައި ވަނީ ދަނގެތި ބަލިކޮށްފައެވެ.
"ޓީމު މިހިސާބަށް އައުމުގައި ސަޕޯޓަރުންގެ ސަޕޯޓް އެއީ ވަރަށް ބޮޑު ހިތްވަރެއް. ދެން މިފަހަރު މުބާރާތަށް ނުކުތްއިރުވެސް ފައިނަލަށް ދަތުރުކުރާ ގޮތަށް، އެ ހިތްވަރުގައި ނުކުތީ. ޓީމު ވަރަށް ރަނގަޅު، ހާއްސަކޮށް ކީޕަރު. ބައިވެރިވި ދެވަނަ ފަހަރު މިއީ، ފުރަތަމަ ސެމީން ކެޓީ. ދެން މިއޮތީ ފައިނަލަށް ދެވިފައި. އެހެންވީމަ މިއީ މަންދުއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" މަންދޫގެ ކެޕްޓަން އިބްރާހީމް އިމްރާން ބުންޏެވެ.
އިމްރާން އިތުރަށް ބުނީ މަހިބަދޫއާ ދެކޮޅަށް ފައިނަލަށް ނުކުންނަނީ ބަދަލުހިފަން ކަމަށެވެ.
"މަހިބަދޫ އަތުން ގްރޫޕް ސްޓޭޖުގައި ބަލިވެފައި އޮތީމަ ރިވެންޖަކަށް ނުކުންނާނީ،" އޭނާ ބުންޏެވެ.
މަހިބަދުއާއި މަންދޫ ވާދަކުރާ އަތޮޅު ފައިނަލްވެސް އޮންނާނީ މިރޭ 8:00 ގައެވެ.