ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގއ. އަތޮޅުގެ ފައިނަލަށް ވަގުތު ކުޑަވެއްޖެއެވެ. މިރޭ އޮންނަ ފައިނަލަށް ދެއްވަދުއާއި ވިލިނގިލި ނުކުންނަ އިރު، އެ އަތޮޅުން މުޅިން އާ ޗެމްޕިއަނެއް މިރޭ ކަނޑައެޅޭނެއެވެ. ދެއްވަދުއާއި ވިލިނގިލިންވެސް މިހާތަނަށް އަތޮޅު ތަށި ހޯދާފައެއް ނުވެއެވެ.
އަތޮޅުތަކުން އާ ޗެމްޕިއަނުންނަށް ފުރުސަތު ފަހިވެފައި އޮތުމަކީ މުބާރާތުގެ އަތޮޅު ބުރުގެ ވާދަވެރިކަން ފުރިހަމައަށް ދައްކުވައިދޭ ރަމްޒެކެވެ. އަތޮޅު ތަށްޓަށް ހުރިހާ ޓީމަކުންވެސް ވަރުގަދައަށް ކުރާ މަސައްކަތް މިފަހަރު ވަރަށް ބޮޑަށް ފާހަގަވެގެން ދެއެވެ. ސްކޮޑުތައް ވަރުގަދަ ކުރުމާއި ތައްޔާރީތައް ދުރާލާ ފެށުންވެސް އެއީ އެކަމުގެ ހެއްކެކެވެ.
ވިލިނގިލިން ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ދާންދޫ ކައިރިން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕް ސްޓޭޖު ނިމި، ސެމީއާ ހަމައަށް ދިޔަ އިރު، ވިލިނގިލި ދިޔައީވެސް ފޯމު ރަނގަޅުވަމުންނެވެ. ސެމީގެ ނަތީޖާގެ ފަރަގު ބޮޑުވުމުން ފެނިގެންދަނީ އެޓީމުގެ ރަނގަޅު ފޯމެވެ.
"އެންމެ ފުރަތަމަ ޝުކުރު ދަންނަވާލާނީ ރަށު ކައުންސިލަށް. ވަރަށް ބުރަ މަސައްކަތެއް ކޮށްގެން، އަހަރެމެން އެންމެން މިތަނަށް މިއައީ. އިރާދަކުރެއްވިއްޔާ މިފަހަރު އަތޮޅު ތަށި ކާމިޔާބުކުރާނަން. ކީޕަރު އެކަންޏެއްވެސް ނޫން ޓީމު ހުރިހާ ކުޅުންތެރިންވެސް ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން މިކަން މި ހާސިލުކުރެވުނީ. އެހެންވީމަ ވަރަށް ޖޯޝުގައި ފައިނަލް ނަގަން ބޭނުންވަނީ،" ވިލިނގިލީގެ ގޯލްކީޕަރު އިބްރާހީމް ޒިމާން އަހުމަދު (ބޮބް) ސެމީ މެޗަށްފަހު ބުންޏެވެ.
ޒިމާން ބުނީ ފައިނަލަށް މިހާރަށްވުރެވެސް ބޮޑު ސަޕޯޓު ބޭނުންވާ ކަމަށާއި، އެކަމަށް ހުރިހާ ސަޕޯޓަރުންވެސް މަސައްކަތް ކޮށްދިނުމަށް އެދޭ ކަމަށެވެ.
ދެއްވަދުއާއި ވިލިނގިލި ގްރޫޕް ސްޓޭޖުގައި ވާދަކުރީ އެއް ގްރޫޕެއްގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުގައި 6-1 އިން ދެއްވަދޫ މޮޅުވެފައި އޮތް ނަމަވެސް، ދެއްވަދޫގެ ކެޕްޓަން އަހްނަފް ރަޝީދު (އަހުއްކޮ)ގެ ނަޒަރުގައި، އެމެޗުގެ ނަތީޖާއިން ފައިނަލަށް އަސަރެއް ނުކުރާނެއެވެ.
"ދެއްވަދޫ އެސްސީ ހަޔާތުގައި އަދި އަލަށް ފައިނަލަށް މިދިޔައީ. އެކަމަށްޓަކައި ހަމަ އަލްހަމްދުﷲ. ގްރޫޕް ސްޓޭޖު މެޗުގައި ވިލިނގިލި ކައިރިން މޮޅުވެފައި އޮތަސް، ފައިނަލް މެޗު ވާނީ މުޅިން ތަފާތު މެޗަކަށް. ވިލިނގިލިންވެސް ނުކުންނާނީ ވަރުގަދަކޮށް، އެކަމަކު އިރާދަކުރެއްވިއްޔާ ދެއްވަދޫވެސް ނުކުންނާނީ ހަމަ ވަރުގަދައަށް ކިކްގައި. ސަޕޯޓަރުން އަދިވެސް ހަމަ ކުޑަ ތަންކޮޅަށް ބޮޑަށް ސަޕޯޓު ކޮށްދެއްވަންވީ،" އަހުއްކޮ ބުންޏެވެ.
ދެއްވަދުއާއި ވިލިނގިލި ބައްދަލުކުރާ ގއ އަތޮޅުގެ ފައިނަލް އޮންނާނީ މިރޭ 8:00 ގައެވެ.