ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ވ. އަތޮޅު ޗެމްޕިއަންކަން އަނެއްކާވެސް ކެޔޮދޫން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ފުރަތަމަ ކުޅުނީ ވ. އަތޮޅުގެ ފައިނަލެވެ. އެ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން ކެޔޮދޫން ނުކުތީ ފެލިދުއާ ދެކޮޅަށެވެ.
މިދިޔަ އަހަރު ވ. އަތޮޅުން ދެ ޓީމު ވާދަކުރި އިރު، އެފަހަރު ފެލިދުއާއި ކެޔޮދޫ ކުޅުނީ ދެ ލެގުގެ ފައިނަލެކެވެ. އެ ފައިނަލުންވެސް މޮޅުވެ ތަށި ހޯދީ ކެޔޮދޫންނެވެ.
ރޭގެ ފައިނަލަށް ނުކުތް އިރު، ފެލިދޫން ލީގު ބުރުގައި ކެޔޮދޫ ބަލިކޮށްފައި އޮތް ނަމަވެސް، ކެޔޮދޫން ރޭ ވަނީ 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް އަތޮޅު ތަށި އުފުލައިލާފައެވެ.
ރޭގެ މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. އެ ގޯލަކީ ލިތޯފް އަހުމަދު ފިރާގު، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ކެޔޮދޫން ޖެހި ގޯލެކެވެ.
މެޗުގެ ފަހު ކޮޅުގައިވެސް ހަމަލާތައް ގިނަކޮށް ފެނިގެން ގޮސްފައިވާ އިރު، ފެލިދޫގެ ދެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެގެން ގޮސްފައިވެއެވެ. އަނެއްކޮޅުން އަހުމަދު ރަޝީދު (އަންމަޑޭ) ކެޔޮދުއަށް ނުރައްކާ ކުރި ނަމަވެސް، އިތުރު ގޯލެއް ފެނިގެން ނުދިޔައެވެ.
ވ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ކެޔޮދޫގެ ލިތޯފަށެވެ. އެ އަތޮޅުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ކެޔޮދޫގެ އަންމަޑޭއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: އދ. މަންދޫ - އދ. މަހިބަދޫ (އަތޮޅު ފައިނަލް)
ގްރައުންޑް 2: ގއ. ވިލިނގިލި - ގއ. ދެއްވަދޫ (އަތޮޅު ފައިނަލް)
21:00
ގްރައުންޑް 1: ހއ. މާރަންދޫ - ހއ. ދިއްދޫ (އަތޮޅު ސެމީ ފައިނަލް)
ގްރައުންޑް 2: ހއ. ވަށަފަރު - ހއ. ކެލާ (އަތޮޅު ސެމީ ފައިނަލް)
22:00
ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހދ. ކުމުންދޫ (އަތޮޅު ސެމީ ފައިނަލް)
ގްރައުންޑް 2: ހދ. ނައިވާދޫ - ހދ. މަކުނުދޫ (އަތޮޅު ސެމީ ފައިނަލް)