ރައްޔިތުންގެ މަޖިލިސް

ޖޭއެސްސީއަށް ހިސާންގެ ނަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކަމިޝަން(ޖޭއެސްސީ)ގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ ގޮތުގައި، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ނަން ފާސްކޮށްފިއެވެ.

ނަން ހުށަހެޅުމަށް ހުޅުވައި ލެއްވި ފުރުސަތުގައި ހުށަހަޅުއްވާފައިވެސް ވަނީ ހިސާންގެ ނަން އެކަންޏެވެ.

މަޖިލީހުން ހިސާންގެނަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 82 މެންބަރުންގެ ތެރެއިން ވޯޓުދެއްވި 81 މެންބަރުންގެ އިއްތުިފާގުންނެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކާއި، ބަންޑާރަ ނައިބާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި، އާންމުންގެ ތެރެއިން މެންބަރެއްގެ ގޮތުގައި މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ގާނޫނީ ވަކީލެކެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަންކުރައްވައި އެކަމުގެ ލިޔުން، ރައީސް އިބްރާހިމް މުހައްމަދު ސާލިހްވަނީ ރޭ ރައީސް ނަޝިދާ ހަވާލުކުރައްވައިފައެވެ.

ޖޭއެސްސީއަށް މަޖިލީހުން ކަނޑައެޅި މެމްބަރެއްގެ ގޮތުގައި މި ނިިމިދިޔަ ރައްޔިތުން މަޖިލީހުން އައްޔަންކުރައްވާފައިވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނެވެ.