މުނިފޫހިފިލުވުން

މަހޭޝް ބާބޫ އާއި ޕްރިޔަންކާ އެސްއެސް ރާޖަމައުލީގެ ފިލްމުގެ ތައްޔާރީތައް ފަށައިފި

މަހޭޝް ބާބޫ އާއި ޑައިރެކްޓަރު އެސްއެސް ރާޖަމައުލީ "އެސްއެސްއެމްބީ29" ގެ ތައްޔާރީތައް ފަށައިފިއެވެ. މި ފިލްމުގައި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ވެސް ލީޑް ރޯލުން ފެނިގެންދާނެއެވެ.

ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި، މި ފިލްމުގެ ލީޑުރޯލު އަދާކުރާ އެކްޓަރުންވެސް ވަނީ ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފައެވެ. އެ އެކްޓަރުން އަންނަނީ ހައިދަރްބާދުގައި ބާއްވާ ވޯކްޝޮޕްތަކުގައި ބައިވެރިވަމުން ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.

މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، މަހޭޝް ބާބޫ އާއި ޕްރިޔަންކާ ވަނީ މި މަސައްކަތުގެ ތެރެއިން ސްކްރިޕްޓް ސެޝަންތަކުގައި ބައިވެރިވެ، ލުކް ޓެސްޓްތައް ހަދާފައެވެ. ޕްރިޔަންކާ ބައިވެރިވުމުން މި ފިލްމުގެ މަގުބޫލުކަން އިތުރަށް މައްޗަށް ދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އެތައް އަހަރެއް ފަހުން ޕްރިޔަންކާ އިންޑިއަން ސިނަމާއަށް އަނބުރާ އަންނާތީއެވެ.

ޕްރިޔަންކާ ދާދި ފަހުން ވަނީ ޓޮރޮންޓޯއިން އިންޑިއާއަށް ދަތުރުކޮށްފައެވެ. އަދި އޭނާ 'އެސްއެސްއެމްބީ29' ގެ މަސައްކަތް ފެށުމުގެ ކުރިން، އެތަނުގެ މަޝްހޫރު ތަންތަނަށް ޒިޔާރަތްކޮށްފައިވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

މި ފިލްމު އުފެއްދުމުގެ މަސައްކަތް މި އަހަރު އޭޕްރީލް މަހު ފެށޭނެ ކަމަށް ހަބަރުތައް ބުނެއެވެ.

'އެސްއެސްއެމްބީ29' އަކީ ދެ ބަޔަށް ބަހާލައިގެން ހަދާ އެޑްވެންޗާ ފިލްމެކެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖަންގަލީގައި ކުރާ ދަތުރުތަކެއްގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. މި ފިލްމުގެ ބަޖެޓު 1000 ކްރޯޑަށް އަރާނެ ކަމަށް ބައެއް ހަބަރުތައް ބުނެއެވެ. ފިލްމުގެ ޝޫޓިންގް އަންނަ އަހަރާ ހަމައަށް ކުރިއަށްދާނެ ކަމަށް ރިޕޯޓުތައް ބުނާއިރު، ފިލްމު ރިލީޒްކުރުމަށް ރޭވިފައިވަނީ 2027 އަދި 2028 ވަނަ އަހަރުގައެވެ.

މި ޕްރޮޖެކްޓަކީ މަހޭޝް ބާބޫ އާއި ޕްރިޔަންކާއާ ދެމީހުން ވެސް ރާޖަމައުލީގެ ޑައިރެކްޝަންގެ ދަށުން މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

މަލަޔާޅަމް ސުޕަސްޓާރު ޕްރިތުވިރާޖް ސުކުމާރަން މި ފިލްމުގައި ވިލަން ގެ ދައުރު އަދާކުރާނެ ކަމަށް ބައެއް ހަބަރުތައް ބުނެއެވެ. ފިލްމުގެ ސިނަމެޓޮގްރަފީ ކުރާނީ ޕީއެސް ވިނޯދެވެ. އޭނާ ވަނީ ކުރިން 'ގުންޓުރު ކާރަމް' ގައި މަހޭޝް ބާބޫއާއެކު މަސައްކަތްކޮށްފައެވެ. ފިލްމުގެ މިޔުޒިކް ކޮމްޕޯޒްކުރާނީ އެމްއެމް ކީރަވާނީއެވެ.

ފިލްމުގެ ވާހަކަ ލިޔެފައިވަނީ ވިޖަޔެންދްރަ ޕްރަސާދެވެ. އޭނާއަކީ ރާޖަމައުލީގެ ބައްޕައެވެ. އޭނާއަކީ 'ބާހްބަލީ' އަދި 'އާރްއާރްއާރް' ފަދަ ބްލޮކްބަސްޓާ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.