މުނިފޫހިފިލުވުން

ސައިފަށް ދިން ހަމަލާ: ހައްޔަރުކުރެވުނު މީހާގެ އިތުރު ބައިވެރިން ތިބިތޯ ބަލަނީ

ސައިފު އަލީ ޚާނަށް ހަމަލާ ދިނީ ބާންޑްރާގައި ހުރި އޭނާގެ ގެއަށް ވަތް މީހެކެވެ. މިއީ ވައްކަމެއް ކުރަން އުޅުނު ކަމަށް ބެލެވޭ ހާދިސާއެކެވެ. އެ މީހާ ވަނީ ސައިފަށް ވަޅީން ހަމަލާދީފައެވެ.

މި ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރެވުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޝަރީފުލް އިސްލާމް މިމަހު 29 ވަނަ ދުވަހާ ހަމައަށް ފުލުހުންގެ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެއެވެ. ހުކުރު ދުވަހު ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި މުންބާއީ ފުލުހުން ކޯޓުގައި ބުނެފައިވަނީ ޝަރީފުލް އިސްލާމަށް އެހީތެރިވެދިން އިތުރު ބައިވެރިޔަކު ހުރުމުގެ ފުރުސަތު އޮތްތޯ ބަލަމުން އަންނަ ކަމަށެވެ.

ބޮލީވުޑް ރިޕޯޓުތަކުގައިވާ ގޮތުން، ބާންޑްރާ ކޯޓަށް ހުށަހެޅި ރިމާންޑް އެޕްލިކޭޝަންގައި ފުލުހުން ބުނެފައިވަނީ، "ތަހުގީގުގައި ޝައްކުކުރެވެނީ ހައްޔަރުކުރެވުނު މީހާގެ އިތުރު ބައިވެރިން ތިބި ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން ހައްޔަރުކުރެވުނު މީހާއާ ސުވާލުކުރަމުން ދާ ކަމަށެވެ."

ކޯޓުން ވަނީ މި މައްސަލައިގައި ފާހަގަކުރެވޭ ވަރުގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި މިކަމާ ގުޅުންހުރި އެހެނިހެން ކަންކަން ތަހުގީގުކުރަން ޖެހޭކަން ފާހަގަކޮށްފައިވެއެވެ. މި ކުށަކީ ސެޝަންސް ކޯޓެއްގައި ޝަރީއަތް ކުރެވޭވަރުގެ ސީރިއަސް ކުށެއް ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ. ތުހުމަތުކުރެވޭ މީހާގެ ކުށެއް ނެތްކަން ސާބިތުކުރުމަށްޓަކައި ތަހުގީގު ކުރިއަށް ގެންދިއުމުގެ މުހިންމުކަން ކޯޓުން ފާހަގަކޮށްފައިވެއެވެ. ހައްޔަރުކުރުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިނގާފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށްވެސް ކޯޓުން ބުނެފައިވެއެވެ.

ކުށުގައި ބޭނުންކުރި ހަތިޔާރު ލިބުނު ތަނެއް ބުނެދިނުމުގައި ތުހުމަތުކުރެވޭ މީހާ އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ކޯޓަށް އަންގާފައިވެއެވެ. އަދި ސީސީޓީވީ ފުޓޭޖް ބޭނުންކޮށްގެން މޫނު ދެނެގަތުމުގެ ޓެސްޓެއް ހަދަން ޖެހޭ ކަމަށާއި، މިކަމަށް ޓަކައި ތުހުމަތުކުރެވޭ މީހާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން، ކުށް ކުރިއިރު ތުހުމަތުކުރެވޭ މީހާ ލައިގެން ހުރި ފައިވާން އަދިވެސް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ފޮރެންސިކް ތަހުލީލުތައް ދަނީ ކުރިޔަށެވެ. މައްސަލަ ހުށަހެޅި ފަރާތާއި، ގެއްލުން ލިބުނު ފަރާތްތަކާއި، އެހެނިހެން ހެކިންގެ އަންނައުނާއި، ތުހުމަތުކުރެވޭ މީހާގެ ލޭގެ ސާމްޕަލްތައް ވަނީ ނަގައިފައެވެ.

މީގެ އިތުރުން، ހަމަލާގައި ބޭނުންކުރި ހަތިޔާރާއި، ޝަރީފުލްގެ އަންނައުނާއި، މޯބައިލް ފޯނާއި، ސިމް ކާޑާއި، ބޮލުގައި އެޅި ފޮތިގަނޑާއި، ދަބަހެއް ވެސް ފުލުހުން ވަނީ އަތުލައިފައެވެ. ދައުލަތުން ވަނީ ހަމަލާ ދިނުމުގައި ޝަރީފުލް ލައިގެން ހުރި ފައިވާން ހޯދުމާއި، ހަތިޔާރު ލިބުނު ގޮތް ދެނެގަތުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި، ސައިފުގެ ގޭގައާއި ސިޑީގެ އެހެނިހެން ސަރަހައްދުތަކުގައި ޝަރީފުލް ހުރި މަންޒަރު ހުރި ސީސީޓީވީ ފުޓޭޖް ލިބިފައިވެއެވެ.

ޝަރީފުލްގެ އަތުން ފެނުނު މޯބައިލް ފޯނާއި ސިމް ކާޑު ލިބުނު ގޮތް ބެލުމަށް ވެސް ފުލުހުން ބޭނުންވެއެވެ. އޮފިސަރުން ފާހަގަކޮށްފައިވާ ގޮތުގައި، ޝަރީފުލްގެ ފޮޓޯ ޖަހާފައިވާ ވިޖޭ ދާސްގެ ނަމުގައި އޮތް ދޮގު އާދާރު ކާޑެއް ފެނިފައިވެއެވެ. އަދި މި ކާޑު ލިބުނު ގޮތް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހަބަރުތަކުގައި ވާގޮތުގައި ހަމަލާދިން މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ބައްޕަ، މުހައްމަދު ރޫހުލް އަމީން ފަކީރު، ވަނީ މި ހާލަތާ ގުޅޭ ގޮތުން ފާހަގަކޮށްލެވޭ ބަޔާންތަކެއް ދީފައެވެ. އޭނާ ވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއަށް ހުށަހަޅައި، ޑާކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގެ އެހީތެރިކަން ހޯދައިގެން އޭނާގެ ދަރިފުޅު ދޫކޮށްލުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ.

އޭނާ ބުނެފައިވާ ގޮތުގައި، ދަރިފުޅު ހައްޔަރުކުރިކަން އޭނާއަށް އެނގުނީ ފޭސްބުކާއި ނޫސްތަކުންނެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އޭނާއާ ގުޅާފައި ނުވާ ކަމަށް ބުނެފައިވެއެވެ.