އިބްރާހިމް ޒަކީ
އަންނަ މަހުގެ 7 އިން 8 އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެގޮތަށް ފާސްކުރީ، ޖަލްސާގައި ތިއްބެވި 82 މެންބަރުންގެ ތެރެއިން 80 މެންބަރުން ވޯޓު ދެއްވައިގެންނެެވެ. އެކަމަށް ހުއްދަދޭން ނުފެންނަކަމަށް އެއްވެސް ބޭފުޅަކު ވޯޓެއް ނުދެއްވައެވެ.
މި ހުއްދަ އިންޑިޔާގެ ބޮޑުވަޒީރަށް ދެއްވުންއެދި މަޖިލީހުގެ ރައީސް ނަޝީދުގެ ކިބައިން އެދި ވަޑައިގެންނެވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
އެހުށަހެޅުން ފާސަކުރަން ހުށަހަޅަހަޅުއްވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، އަވައްޓެރި އެފަދަ ބޮޑު ގައުމެއްގެ ބޮޑުވަޒީރަކު މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ އިތުރުން، އެބޭފުޅާއާ މަޝްވަރާކޮށްލަން ލިބުމަކީ މުހިއްމުކަމެއް ކަމަށެވެ.
ޝަރީފުގެ ހުށަހެޅުމަށް ތާއީދު ކުރައްވައި، ހިތަދޫ އުތުރުދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މީގެ ކުރިންވެސް އިންޑިޔާގެ ބޮޑުވަޒީރަކު ރާއްޖެއަށް ވަޑައިގެންނެވީވެސް އެމްޑީޕީގެ ސަރުކާރުގައި ކަމަށާއި، މިފަހަރުވެސް އެމްޑީޕިގެ ސަރުކާރެއްގައި އިންޑިޔާގެ ބޮޑުވަޒީރަށް މިފަދަ ފުރުސަތު ލިބުމަކީ މުޅި ރާއްޖެއަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެކަމުން އެމްޑީޕީގެ ސަރުކާރަށް އިންޑިޔާގެ ސަރުކާރުގެ ތާއީދު އޮތް މިންވަރު ފެނިގެންދާކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ، ރާއްޖެއިން އިންޑިޔާއާ ގުޅުން ބަދަހި ކުރާއިރު އެހެން ގައުމުތަކާވެސް ގުޅުން ބަދައިކުރަން ޖެހޭކަމަށެވެ. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ، އިންޑިޔާއާ ގުޅުން ބަދިކުރާ ވާހަކަދައްކާއިރު ޗައިނާ ފަދަ ގައުމުތަކާ އޮންނަ ގުޅުން ހީނަރުވާ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެކަމަށެވެ. އަދި ޔޫރަޕުގެ ގައުމުތަކާވެސް ރާއްޖޭން ގުޅުން ބަދަހި ކުރަން ޖެހޭނެކަމަށް އާމިރު ވިދާޅުވިއެވެ.