ގޯލްޑަން ފުޓްސަލް ޗެލެންޖް

އައްޑޫ ފައިނަލުގައި ޗެމްޕިއަން ހިތަދޫ ނުކުންނާނީ ފޭދުއާ ދެކޮޅަށް

ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އައްޑު އަތޮޅު ފައިނަލަށް އެންމެފަހުގެ ޗެމްޕިއަން ހިތަދުއާއި ފޭދޫ ދަތުރުކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުޅެމުންދާއިރު، ރޭ ވަނީ އައްޑު އަތޮޅު ދެ ސެމީ ފައިނަލް ކުޅެފައެވެ.

ފުރަތަމަ ސެމީގައި ފޭދޫން މީދުއާ ދެކޮޅަށް ނުކުތްއިރު، ފޭދޫ މޮޅުވީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ މީދޫންނެވެ. އެއީ އަހުމަދު ސޮބާހު ޖެހި ގޯލެކެވެ. އެ ގޯލާއެކު މީދޫން ލީޑު ނެގި ނަމަވެސް 30 ވަނަ މިނެޓުގައި ހުސައިން ގައްސާން ލަބީބު (ހުސީ) ވަނީ ފޭދުއަށް އެއްވަރުކޮށްދީފައެވެ. ފޭދޫ މޮޅުވި ގޯލު ފަހު މިނެޓު ކޮޅުގައި ޖެހީ އަލީ ނާފިއު (ކަޅޭ) އެވެ.

ހިތަދޫ ކުޅުނު ސެމީގައި މަރަދޫފެދޫ ކައިރިން 3-1 އިން މޮޅުވި އިރު، ހިތަދޫން ވަނީ ކުރީކޮޅުގައި ލީޑު ނަގައިފައެވެ. އެ ގޯލު ޖެހީ މުހައްމަދު ދާނިޝް އިބްރާހީމެވެ. އެ ގޯލަށްފަހު އީމާން ނަޒީރު ޖެހި ގޯލުން ހިތަދޫ ލީޑު ފުޅާކުރިއެވެ.

ނަމަވެސް ހިލޭ ޖެހުމެއްގައި މަރަދޫފޭދޫގެ އިސްމާއީލް އަބްދުﷲ ގޯލު ޖަހައި ހިތަދޫ ހާސްކޮށްލިއެވެ. އެ ވަގުތު މެޗު ހޫނުވެ، ވަރަށް ގިނަ ކާޑުތައް ފެނިފައިވާއިރު، ހިތަދުއަށް ފަސޭހަވީ މުހައްމަދު އިންޝާލް ޖަހައިގެން ތިންވަނަ ގޯލާއެކުގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މިއަދު އޮންނަ މެޗުތައް

16:00
ގްރައުންޑް 1: ށ. މިލަންދޫ - ށ. ކަނޑިތީމު (ފައިނަލް)
ގްރައުންޑް 2: ނ. މިލަދޫ - ނ. ވެލިދޫ

މިރޭ އޮންނަ މެޗުތައް

20:00
ގްރައުންޑް 1: ފ. މަގޫދޫ - ފ. ދަރަނބޫދޫ
ގްރައުންޑް 2: ފ. ބިލެތްދޫ - ފ. ފީއަލި

21:00
ގްރައުންޑް 1: ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ
ގްރައުންޑް 2: ބ، ފެހެންދޫ - ބ. އޭދަފުށި

22:00
ގްރައުންޑް 1: މ. ދިއްގަރު - މ. މުލި (އަތޮޅު ސެމީ ފައިނަލް)
ގްރައުންޑް 2: މ. ކޮޅުފުށި - މ. މުލައް (އަތޮޅު ސެމީ ފައިނަލް)