ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އދ. އަތޮޅު ފައިނަލަށް އެންމެފަހުގެ ޗެމްޕިއަން މަހިބަދުއާއި މަންދޫ ދަތުރުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުޅެމުންދާއިރު، ރޭ ވަނީ އދ. އަތޮޅު ސެމީ ދެ މެޗު ކުޅެފައެވެ. އެ ދެ މެޗުވެސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާއިރު، މަންދޫ މުޅިން އަލަށް އަތޮޅު ފައިނަލަށް ދަތުރުކުރީ 3-2 އިން ދަނގެތި ބަލިކޮށްގެންނެވެ.
މެޗުގެ ކުރީކޮޅުގައި ހަސަން އިރުޝާދު ޖެހި ގޯލާއެކު މަންދޫން ލީޑު ނެގި އިރު، ދެވަނަ ހާފަށް ނުކުމެ މާގިނައިރެއް ނުވެ، އަހުމަދު ޝާހީން މަންދުއަށް ލީޑު ފުޅާކޮށްދިނެވެ. އެ ގޯލަށްފަހު ދަނގެތީގެ މުހައްމަދު ނާއިމް ގޯލެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، މަންދޫގެ އިސްމާއީލް ޝިޔާޒް އަނެއްކާ އެ ޓީމަށް ހަމަޖެހުމެއް ހޯދައިދިނެވެ.
ދަނގެތިން މެޗު އެއްވަރުކުރަން ކުރި މަސައްކަތުގައި 39 ވަނަ މިނެޓުގައި ނާއިމް ޖެހި ގޯލަކުން އިތުރަށް ފަރަގު ކުޑަކުރި ނަމަވެސް، އިތުރު ގޯލެއް ނުޖެހި މަންދޫ ފުރަތަމަ ފަހަރަށް އަތޮޅު ފައިނަލަށް ދިޔައެވެ.
އެ އަތޮޅު އެންމެފަހުގެ ޗެމްޕިއަން މަހިބަދޫން ކުނބުރުދޫ ކައިިރިން މޮޅުވީ 3-0 އިންނެވެ. މަހިބަދޫގެ ގޯލުތައް ދެވަނަ ހާފުގައި ފެނުނު އިރު، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި އިބްރާހީމް އުސާމާ ހަސަން މަޖީދު ގޯލު ޖެހިއެވެ. އަނެއް ގޯލަކީ ކުނބުރުދޫގެ ހަސަން ޖައިލަމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
16:00
ގްރައުންޑް 1: ށ. މިލަންދޫ - ށ. ކަނޑިތީމު (ފައިނަލް)
ގްރައުންޑް 2: ނ. މިލަދޫ - ނ. ވެލިދޫ
20:00
ގްރައުންޑް 1: ފ. މަގޫދޫ - ފ. ދަރަނބޫދޫ
ގްރައުންޑް 2: ފ. ބިލެތްދޫ - ފ. ފީއަލި
21:00
ގްރައުންޑް 1: ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ
ގްރައުންޑް 2: ބ، ފެހެންދޫ - ބ. އޭދަފުށި
22:00
ގްރައުންޑް 1: މ. ދިއްގަރު - މ. މުލި (އަތޮޅު ސެމީ ފައިނަލް)
ގްރައުންޑް 2: މ. ކޮޅުފުށި - މ. މުލައް (އަތޮޅު ސެމީ ފައިނަލް)