މުނިފޫހިފިލުވުން

ދަރިފުޅުވަނީ ފްރޭމްކޮށްފައި ކަމަށް ސައިފަށް ހަމަލާދިން މީހާގެ ބައްޕަ ބުނެފި

އޭނާގެ ދަރިފުޅު ވަނީ ފްރޭމް ކޮށްފައި ކަމަށް ބޮލީވުޑް އެކްޓަރު، ސައިފް އަލީ ޚާނަށް ހަމަލާދިން މުހައްމަދު ޝަރީފުލް އިސްލާމްގެ ބައްޕަ މުހައްމަދު ރޫހުލް އަމީން ފަކީރު ބުނެފިއެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ފަކީރު ބުނީ މި މުޅި މައްސަލައިގައި ހަމަނުޖެހޭ، ދިމާ ނުވާ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކޮށްފައެވެ. ހާއްސަކޮށް ތުހުމަތުކުރެވޭ މީހާ ދައްކުވައިދޭ ސީސީޓީވީ ފުޓޭޖްގެ ވާހަކަ އޭނާ ބުންޏެވެ. ސީސީޓީވީގައި ދައްކާ ގޮތަށް އެއްވެސް އިރެއްގައި އޭނާގެ ދަރިފުޅު އިސްތަށިގަނޑު ދިގުކޮށްފައި ނުބަހައްޓާ ކަމަށް އޭނާ ބުންޏެވެ. އަދި ދަރިފުޅު ފްރޭމްކުރެވެމުން ދާ ކަމަށް ތަކުރާރުކޮށް އޭނާ ބުނެފައިވެއެވެ. ފުޓޭޖްގައި ފެންނަ މީހާއާއި އޭނާގެ ދަރިފުޅާ ދެމެދު ވައްތަރުކަމެއް ނެތްކަމަށް ވެސް އޭނާ ބުނެއެވެ.

ޝަރީފުލްއަކީ ބަންގްލަދޭޝްގެ މީހެކެވެ. އޭނާގެ އަމިއްލަ ގައުމުގެ ސިޔާސީ ހަމަނުޖެހުންތަކުން ސަލާމަތްވުމަށްޓަކައި އިންޑިއާއަށް ބަދަލުވެފައިވާ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ އަކީ ބަންގްލަދޭޝްގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީގެ މެންބަރެއްކަމަށްވެސް ފަކީރު ވަނީ ބުނެފައެވެ.

އޭނާގެ ދަރިފުޅަކީ ރަނގަޅު ފުރުސަތުތަކަށްޓަކައި އެ ސިޓީއަށް ބަދަލުވި މަސައްކަތްތެރި މީހެއްގެ ގޮތުގައި ސިފަކުރަމުން، ފަކީރު ބުނީ، އޭނާ މަސައްކަތްކުރަމުން ދިޔައީ މުސާރަ ލިބޭ ތަނެއްގައި ކަމަށާއި ވަޒީފާ އަދާކުރަމުން ދިޔަ ފަރާތުން އޭނާއަށް އިނާމުވެސް ދީފައިވާކަމަށެވެ.

ފަކީރު އިތުރަށް ބުނެފައިވަނީ އޭނާގެ ދަރިފުޅު މުމްބާއީގައި މަސައްކަތްކުރަން ނިންމީ އެ ސިޓީގެ ހޮސްޕިޓަލިޓީ ދާއިރާގައި މުސާރަ ރަނގަޅުވީމާ ކަމަށެވެ.

އޭނާގެ ދަރިފުޅާ ދެކޮޅަށް ކުރެވިފައިވާ ސީރިއަސް ތުހުމަތުތަކާ ގުޅިގެން، ފަކީރު ބުނޮގޮތުގައި އިންޑިއާގެ ފުލުހުން އޭނާއާ ގުޅައިފައެއްވެސް ނުވެއެވެ.

"ވާހަކަ ފެތުރިފައިވާ ފަދަ އެއްވެސް ކަމެއް ހިނގާފައެއް ނުވެއެވެ. އެއްވެސް ތަނަކުން އެއްވެސް މީހަކު އައިސްފައެއް ނުވެއެވެ. އަހަރެމެންނަށް އިންޑިއާގައި އެއްވެސް މީހަކު ނޭނގެއެވެ. އަހަރެމެންނަށް އިންޑިއާގައި އެއްވެސް އެހީތެރިކަމެއް ނެތެވެ،" ބަންގްލަދޭޝްގައި ހުރި ފަކީރާ ހަވާލާދީ ހަބަރުތައް ބުނެފައިވެއެވެ.

މުމްބާއީ ފުލުހުން ވަނީ ބާންދްރާގައި ހުރި ސައިފްގެ ގެއަށް ވަދެ ވަޅިން ހަމަލާދިނުމުގެ ހާދިސާއާ ގުޅިގެން ސައިފުގެ ބަޔާން ނަގާފައެވެ. ޖޮއިންޓް ކޮމިޝަނަރު އޮފް ޕޮލިސް (ލޯ އެންޑް އޯޑަރ) ސަތިޔަނާރާޔަން ޗައުދަރީ ކަށަވަރުކޮށްދީފައިވާ ގޮތުގައި އެ އެކްޓަރުގެ ބަޔާން ނަގާފައިވަނީ ބުރާސްފަތި ދުވަހު އޭނާގެ ގެ 'ސަތްގުރު ޝަރަން' ގައި ކަމަށެވެ. "މީގެ ކުރިން، ބާންދްރާ ފުލުހުން ވަނީ ކަރީނާ ކަޕޫރުގެ ބަޔާންވެސް ނަގާފައި،" ޗައުދަރީ ބުންޏެވެ.

ތަހުގީގުގެ ތެރޭގައި، ފުލުހުންނަށް ވަނީ ކުށުގެ ވެށިން ތުހުމަތުކުރެވޭ މީހާގެ އިނގިލީގެ ނިޝާންތަކެއް ފެނިފައެވެ. މި ނިޝާންތައް ފެނިފައިވަނީ އިމާރާތުގެ ސިޑިން، ފާޚާނާގެ ދޮރުން، އަދި ސައިފާއި ކަރީނާގެ ދަރިފުޅު ޖެހްގެ ކޮޓަރީގެ ދޮރުގެ ތަޅުވަތްގަނޑުންނެވެ.

ފުރަތަމަ ހޯދުންތަކުން ދައްކާ ގޮތުގައި، ތުހުމަތުކުރެވޭ މީހާ ވަނީ ސައިފުގެ ގެއަށް ދިޔުމުގެ ކުރިން އިތުރު ތިން ގެއަކަށް ވަންނަން މަސައްކަތްކޮށްފައެވެ. އެއީވެސް ވައްކަންކުރުމުގެ ނިޔަތުގައެވެ.

މުމްބާއީ ފުލުހުން ބުނެފައިވާ ގޮތުގައި އެއްކުރެވުނު އިނގިލީގެ ނިޝާންތައް މި މައްސަލަ ހައްލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ. އިސް އޮފިޝަލަކު ބުނެފައިވަނީ މި ހެކިތަކުން ތުހުމަތުކުރެވޭ މީހާ ކުށާ ގުޅުވައިދޭ ސާފު މަގެއް ދައްކުވައިދެއެވެ.

މުމްބާއީގެ ކޯޓަކުން ވަނީ ޝަރީފުލްގެ ބަންދު ޖަނަވަރީ 29 އާ ހަމައަށް އިތުރުކޮށްފައެވެ. މިއީ އިތުރަށް ތަހުގީގުކުރުމަށާއި މުހިންމު ހެކިތައް ހޯދުމަށް މަގުފަހިކުރުމަށްޓަކައެވެ. މީގެ ތެރޭގައި އެ ހާދިސާ ހިނގި ރޭ އޭނާ ލައިގެން ހުރި ހެދުންވެސް ހިމެނެއެވެ.