ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އއ. އަތޮޅުގެ ތަށި، މަތިވެރިން ދިފާއުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، މިއަދު ހަވީރު ކުޅުނު އއ. އަތޮޅު ފައިނަލުގައި މަތިވެރިން ތޮއްޑޫ ބަލިކުރީ ޕެނަލްޓީގައެވެ. މުޅިން އަލަށް އަތޮޅު ފައިނަލަށް ނުކުތް ތޮއްޑޫ ކައިރިން ޕެނަލްޓީގައި މަތިވެރިން މޮޅުވީ 4-2 އިންނެވެ.
މެޗު ޕެނަލްޓީއަށް ދިޔައީ 0-0 އިން އެއްވަރުވެގެންނެވެ. މަތިވެރިން ޖުމުލަ ތިން ފަހަރު އަތޮޅު ތަށި ހޯދާފައިވާ އިރު، ތޮއްޑުއާއި މަތިވެރިވެސް ވަނީ ޒޯނަށް ކޮލިފައިވެފައެވެ.
މެޗުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ދެޓީމުންވެސް ކުޅުނީ ފިޒިކަލް ވަރުގަދަ މެޗެކެވެ. ތޮއްޑޫން މަތިވެރި ހިފަހައްޓަން ކުރި މަސައްކަތުގައި އަލީ އަލްސަންއާއި އަބްދުﷲ ފިޒާން އަބްދުލް ގަފޫރުގެ ހަމަލާތައްވެސް ތޮއްޑޫން ހުއްޓުވިއެވެ.
ރަނގަޅު ޑިފެންސިވް ކުޅުމަކާއެކު ދެޓީމުންވެސް މެޗު އެއްވަރުކޮށްގެން ނިންމާލި އިރު، ޕެނަލްޓީއަށް ނުކުމެ މަތިވެރިއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިސްމާއީލް ނަސީމް (ބޯވަ) އާއި އަރުޝަދު އަބްދުލް ލަތީފާއި އަލްސަން އަދި އަހުމަދު ފިރާޝްއެވެ.
ތޮއްޑުއަށް ކާމިޔާބުވީ އަލީ އިޒްމީލް އަހުމަދާއި އިބްރާހީމް އުޝާމަތު ޖެހި ޕެނަލްޓީއެވެ. އއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް އަލްސަންއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ކ. ދިއްފުށި - ކ. ގާފަރު
ގްރައުންޑް 2: ކ. ހިންމަފުށި - ކ. މާފުށި
21:00
ގްރައުންޑް 1: ކ. ގުރައިދޫ - ކ. ތުލުސްދޫ
ގްރައުންޑް 2: ކ. ގުޅި - ކ. ކާށިދޫ
22:00
ގްރައުންޑް 1: އއ. ދަނގެތި - އއ. މަންދޫ (ސެމީ ފައިނަލް)
ގްރައުންޑް 2: އއ. މަހިބަދޫ - އއ. ކުނބުރުދޫ (ސެމީ ފައިނަލް)
23:00
ގްރައުންޑް 1: ސ. ފޭދޫ - ސ. މީދޫ (ސެމީ ފައިނަލް)
ގްރައުންޑް 2: ސ. ހިތަދޫ - ސ. މަރަދޫފޭދޫ (ސެމީ ފައިނަލް)