ގޯލްޑަން ފުޓްސަލް ޗެލެންޖް

ގޯލްޑަން މުޅިން އާ ހަރުފަތަކަށް، އަތޮޅުބުރު ނުނިމެނީސް ބެލުންތެރިންގެ ރެކޯޑުތައް މުގުރާލައި ތާރީހުގެ ތެރެއަށް

ރާއްޖޭގެ އެންމެ ވަރުގަދަ ކުޅިވަރު ބްރޭންޑަކީ މިވަގުތު ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. ކޮންމެ އަހަރަކުވެސް މުބާރާތުން ފެނިގެންދާ ކުރިއެރުމާއި ފޯރިން އެކަން މާ ބޮޑަށްވެސް ސާފެވެ. ރަށްރަށުން ރަށު ރޫހުގައި ނުކުމެ، މުބާރާތަށްވާ ތައްޔާރީންވެސް އެކަން ފެނެއެވެ. އެއާއެކު، ސަޕޯޓަރުންނާއި ބެލުންތެރިން މުބާރަތަށް ހުސްކުރާ ވަގުތުން އެކަމަށް ހެކިދެއެވެ.

މިހާތަނަށް މިއަހަރުގެ މުބާރާތް ފެށިގެން، މިދިޔަ 18 ވަރަކަށް ދުވަހުގައި ފެނުނު މަންޒަރުވެސް، ތަރުހީބަށް އިންގިލީބާ ކުރިއެރުމެއް އައިސްފައިވާކަން ސާފުވެއެވެ. މިދިޔަ ހުރިހާ އަހަރަކަށްވުރެވެސް ގިނައިން މިއަހަރު އަތޮޅު ބުރު ބެލުމަށް ކޮންމެ ދުވަހަކު، ކޮންމެ ރެޔަކު، ރެހެންދި ދަނޑުތައް އަންނަނީ ފުރާލަމުންނެވެ. ވެހެމުންދާ ވާރޭ ތެރޭގައިވެސް އެތައް ބަޔަކު ގުޑިނުލައި މެޗުތައް ބަލަން ތިބޭކަން ވަނީ ފާހަގަވެފައެވެ.

"މިއަހަރުގެ މުބާރާތް މި ފާހަގަކުރެވެނީ ކޮންމެ މެޗަކަށްވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ދާ މުބާރާތެއްގެ ގޮތުގައި. އެއީ މިދިޔަ އަހަރުތަކާ އަޅައި ބަލާފައި ފެނުނު ތަފާތެއް. ރަށްރަށުން ކުޅޭއިރު، އެ ރަށަކުން މާލޭގައި ދިރިއުޅޭ އެންމެން ކަހަލަ ގޮތަކަށް ހަމަ ދަނޑަށް އަންނަކަން ފާހަގަކުރެވޭ،" ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ، މިއަހަރު ސަޕޯޓަރުންގެ ފޯރިއަށް އައި ތަފާތާ ގުޅޭގޮތުން "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ބެލުންތެރިންގެ ރެކޯޑު މުގުރާލައިފި، މިހާރުވެސް 36 މިލިއަން ވިއުސްއަށްވުރެ މަތީގައި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އޭގެ ފަހުން އައި ޑިޖިޓަލް ދުނިޔޭގެ ބަދަލުތަކާއެކު 2019 ހިސާބުގައި މެޗުތައް ލައިވްކޮށް ފެންނަ ގޮތަށް މަސައްކަތް ފެށިއެވެ. އޭރު ވިއުސް އުޅެނީ 3.2 މިލިއަންގައެވެ. އޭގެ ފަހުން، 2022 ގައި ވިއުސްގެ އަދަދު 6.8 މިލިއަނަށް އެރިއެވެ. އަދި 2023 ވަނަ އަހަރު ވިއުސް އުޅުނީ 12 މިލިއަނުގައެވެ. އެ ކުރިއެރުމާއެކު މިދިޔަ އަހަރު މުބާރާތް ނިންމާލި އިރު، ފޭސްބުކާއި ޔޫޓިއުބް މެދުވެރިކޮށް، 20.2 މިލިއަން ވިއުސްއަށް އެރިއެވެ.

އެއީ މުބާރާތަށް އޮތް ލޯތްބާއި މީހުންގެ ޝައުގުވެރިކަން އިތުރުވި މިންވަރެވެ. ރަށްރަށުގެ ޖޯލިފަތިތަކާއި ހަރުގެތަކުގައި މިފަހަރުވެސް ބަރާބަރަށް މެޗު އަޅުވައި، ރައްޔިތުން އެއްވެގެން މެޗު ބަލަމުން އަންނައިރު، ފޭސްބުކް ވިއުސް އެކަނިވެސް މިދިޔަ އަހަރުގެ އަދަދު ހުރަސްކޮށްފިއެވެ. މިހާތަނަށް މިއަހަރުގެ މުބާރާތަށް ފޭސްބުކް ވިއުސްގެ ގޮތުގައި 31.5 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. އޭގެ އިތުރުން ޔޫޓިއުބް ޗެނަލް ޗެނަލަށް 5.1 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

"އަޅުގަނޑުމެން މިހާ ހިސާބަށް އައިއިރު ހުރިހާ މެޗެއްވެސް ޔޫޓިއުބް އަދި ފޭސްބުކް މެދުވެރިކޮށް ގެނެސްދީފައި ވާނީ. އެއީ ސަޕޯޓަރުންނާ ގާތުން އެކަން ކުރެވޭނެ އިންތިޒާމަކީ އެއީ ކަމަށްވާތީ. މިދިޔަ އަހަރުތަކާ އަޅައިބަލާއިރު، މިހާރު ހުރިހާ މެޗެއްވެސް ލައިވްކޮށް، ބަރާބަރަށް ގިނަ ބަޔަކު މެޗުތައް ބަލަމުންދާކަން ފާހަގަވެފައިވޭ،" ރިލުވާން ވިދާޅުވިއެވެ.

ރިލުވާން ފާހަގަކުރީ އަތޮޅު ބުރުގެ ފައިނަލްތައްވެސް ނުފެށެނީސް ބެލުންތެރިންގެ ރެކޯޑު މުގުރާލެވުމަކީ ގޯލްޑަންއަށް ލިބުނު އިތުރު ކާމިޔާބީއެއް ކަމަށާއި، އެއީ ސަޕޯޓަރުން މުބާރާތަށް ދޭ ލޯބި ކަމަށެވެ. ރިލުވާން ފާހަގަކުރީ ކުޅިވަރު އިވެންޓްތަކަށް އެންމެ ރަނގަޅު ޕްލެޓްފޯމަކީ ސޯޝަލް މީޑިއާ ކަމަށާއި، ކުރިމަގުގައިވެސް މެޗުތައް ސްޓްރީމް ކުރުމުގެ ފޯކަސް ހުރީ ހަމަ ސޯޝަލް މީޑިއާއަށް ކަމަށެވެ.

އޭގެ އިތުރުން ރިލުވާން ވިދާޅުވީ، މުބާރާތުގެ ޕްރޮމޯޝަނަށް ޕާޓްނާޝިޕް މީޑިއާތަކުގެ އިތުރުން، ރާއްޖޭގެ އެކިއެކި ތަފާތު މީޑިއާތަކުން ކުރަމުން ގެންދާ މަސައްކަތް ބަލައިގަންނަ ކަމަށެވެ.

ގޯލްޑެންގެ މި ރެކޯޑު ތަކަކީ ފުޓްސަލްގައި އަދި ރާއްޖޭގެ ކުޅިވަރުގައި ތާރީހީ އަދަދުތަކެކެވެ.

ބެލުންތެރިންގެ ރެކޯޑު އަދަދުތަކުން އެނގިގެންދަނީ ގޯލްޑަންއަށް ކުރާ އިތުބާރެވެ. އެ ބްރޭންޑް ރާއްޖޭގައި ވައިގައި ހިފާފައިވާލެއް ބޮޑުކަމެވެ. މިހާތަނަށް ކޮންމެ މެޗަކަށްފަހު މީޑިއާއާ ވާހަކަ ދެއްކި ކޮންމެ ކުޅުންތެރިއެއް އަދި ކޯޗުންވެސް ބުނަނީ އެއް ވާހަކައެކެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް ކަމަށެވެ.

"އަތޮޅު ތަށި" ނުހޯދިއްޖެނަމަ، އެކަމާވެސް ރައްޔިތުން، ސަޕޯޓަރުން ހިތްހަމަ ނުޖެހޭނެ ކަމަށާއި، އެވާހަކަ އަހަރެއް ވަންދެން ދައްކާނެތީ، އެ ސަޕޯޓަރުންނަށް ޗެމްޕިއަންކަން ހޯދައިދޭން ޖެހޭ ކަމަށް އެތައް ކުޅުންތެރީންނެއް އަބަދުވެސް ބުނެއެވެ. އެއީ މުބާރާތުގެ ނުފޫޒު، އަތޮޅުތަކުގެ އެންމެ އާއްމު ރައްޔިތު މީހާއާ ހަމައަށް ފޯރާފައިވާ މިންވަރެވެ. މުބާރާތުގެ ފޯރި އަދި އޮތީ ކުރިޔަށެވެ.

މި އަހަރު ގޯލްޑަން ފުޓްސަލްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.