މުނިފޫހިފިލުވުން

އޮސްކާ ނޮމިނޭޝަން 2025: 13 ނޮމިނޭޝަނާއެކު އެންމެ ކުރީގައި "އެމީލިއާ ޕޭރެޒް"

97 ވަނަ އެކަޑަމީ އެވޯޑްގެ އިންތިޒާރުކުރަމުން އަންނަ ނޮމިނޭޝަންތައް އިއުލާނުކޮށްފިއެވެ.

އަހަރުގެ އޮސްކާ ނޮމިނޭޝަންތަކުގައި 'އެމީލިއާ ޕޭރެޒް' މި ފިލްމަށް 13 ނޮމިނޭޝަނާއެކު އެންމެ ގިނަ ނޮމިނޭޝަން ލިބިފައިވާއިރު، ދެވަނައަށް އެންމެ ގިނަ ނޮމިނޭޝަން ލިބިފައިވަނީ 'ވިކެޑް' އަށެވެ.

މި ޝަރަފުވެރި އެވޯޑަށް ވާދަކުރާނެ ފިރިހެން އަދި އަންހެން އެކްޓަރުންގެ ނަންތައް އާންމުކުރީ ބޮވެން ޔަންގް އަދި ރޭޗެލް ސެނޮޓް އެވެ. ސިންތިއާ އެރީވޯ ވަނީ 2024 ވަނަ އަހަރުގެ ބްލޮކްބަސްޓަރ ފިލްމު 'ވިކެޑް' ގައި އަދާކުރި ރޯލަށް އެންމެ ރަނގަޅު ލީޑް ރޯލު އަދާކުރި އަންހެން އެކްޓަރުގެ ގިންތީގައި ނޮމިނޭޓް ވެފައެވެ.

އޭނާއާއެކު މި ގިންތީގައި ނޮމިނޭޓްވެފައިވަނީ 'އެމީލިއާ ޕޭރެޒް' ފިލްމުން މަޝްހޫރުވި ކާރްލާ ސޮފީއާ ގަސްކޯން، 'ދަ ސަބްސްޓަންސް' ފިލްމުން ޑެމީ މޫރް، 'އަނޯރާ' ފިލްމުން މައިކީ މެޑިސަން، އަދި 'އައިމް ސްޓިލް ހިއަރ' ފިލްމުން ފަރްނަންޑާ ޓޯރެސް އެވެ. އެންމެ ރަނގަޅު ލީޑް ރޯލު އަދާކުރި ފިރިހެން އެކްޓަރުގެ ގިންތީގައި ނޮމިނޭޓްވެފައިވަނީ މިދިޔަ އަހަރުގެ އެންމެ ރަނގަޅު ޕަރފޯމަންސްތައް ދެއްކި ފަރާތްތަކެވެ.

'އަ ކޮމްޕްލީޓް އަންނޯން' ފިލްމުގައި ބޮބް ޑިލަންގެ ރޯލު އަދާކުރި ޓިމޮތީ ޝަލަމޭ އަދި 'ދަ ބްރޫޓަލިސްޓް' ފިލްމުގައި އަދާކުރި ރޯލަށް އެޑްރިއަން ބްރޯޑީ ވަނީ މި ގިންތީގައި ނޮމިނޭޓްވެފައެވެ. އެހެން ފަރާތްތަކުގެ ތެރޭގައި ކޯލްމަން ޑޮމިންގޯ 'ސިންގ ސިންގ' ފިލްމަށް، ސެބަސްޓިއަން ސްޓޭން 'ދަ އެޕްރެންޓިސް' ފިލްމަށް، އަދި ރާލްފް ފައިންސް 'ކޮންކްލޭވް' ފިލްމަށް ނޮމިނޭޓްވެފައިވެއެވެ.

މި އަހަރުގެ އެކަޑަމީ އެވޯޑްސް ހަފުލާ ބާއްވާނީ ލޮސް އެންޖެލެސްގެ އަލިފާނުގެ ހާދިސާގައި ޝިކާރައަކަށްވި މީހުންނަށް އެހީތެރިވުމަށް ފްރޮންޓްލައިންގައި މަސައްކަތްކުރި މުވައްޒަފުންނާއި އެހީތެރިންގެ ޝަރަފުގައެވެ.