ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ޝަރުއީ ދާއިރާ މިނިވަން ކުރުމަށް، މިހާރު މިހާރަށް ގާނޫނުއަސާސީ އިސްލާހު ކުރަންޖެހޭ: ޖާބިރު

އިބްރާހިމް ޒަކީ

ޝަރުއީ ދާއިރާ މިނިވަން ކުރުމަށްޓަކައި، މިހާރު މިހާރަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ކާށިދޫ ދާިރާގެ މެންބަރު އަބުދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ޖާބިރު މިކަމަށް ގޮވާލެއްވީ، ޖުޑީޝަލް ސަރވިސް ކަމިޝަން (ޖޭއެސްސީ)ގައި މަޖިލިސް ތަމްސީލް ކުރައްވާ މެންބަރުން ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމަށް ނަން ހުށަހެޅުމަށް ހުޅުވާލެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ، ޖުޑިޝަރީއަށް އަތް ނުބާނާ މެކޭނިޒަމެއް މަޖިލީހުން ގާއިމް ކުރުމަކީ އުފާކުރައްވާކަމެއް ކަމަށެވެ.

"މިއަދު ގާނޫނުއަސާސީ ސީދާ އަޅުގަނޑުމެންނަށް ބަދަލު ކުރެވޭގޮތަށް މިއޮތީ މި މަޖިލީހަށް ފުރުސަތު ލިބިފަ. މިއަދުން މިއަދަށް ގާނޫނުއަސާސީ ބަދަލުކޮށް އަޅުގަނޑަށް ފެންނަނީ ރާއްޖޭގެ ޖުޑިޝަރީ މިނިިވަންކޮށް އަޅުގަނޑުމެންނަށް އެއްޗެތިކިޔަން ޖުޑިޝާރީއާ ދިމާލަށް އެއްޗެތި ކިޔަން މި އޮންނަ ފުރުސަތު ހަނިކުރަން،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ޖުޑިޝަރީއާ ދިމާއަށް އެއްޗެތި ކިޔަމުންދާތާ ވަރަށް ޒަމާންވެއްޖެ ކަމަށާއި، ޖުޑިޝަރީ މިނިވަން ކުރުމުގެ ވާހަކަ ދައްކަަމުން އަންނައިރު، ޖުޑިޝަރީ މިނިވަންކުރަން ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ސިޔާސީ ބޭފުޅުން އެ މަގާމަށް ނުދިޔުން ކަމަށެވެ.

"ޖޭއެސްސީގައި ރައީސް އައްޔަން ކުރާ ބޭފުޅަކާއި ބަންޑާރަ ނާއިބާއި މި މަޖިލީހުގެ ރައީސާއި މަޖިލީހުން އުފަންކުރާ އެހެން މެންބަރަކާއި އަދި ދެންވެސް އަތްބާނައިގެން ޖުޑިޝާރީ ތެރެއިން މޮހޮރު ޖަހައިގެން ކަންތައްތައް ކުރާނެ މެކޭނިޒަމެއް މި ރާއްޖޭގައި މި އޮންނަނީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރާއްޖޭގެ ޖުޑިޝަރީގައި ބަންޑާރަނާއިބު އިންނަވާއިރު ދައުލަތުގެ މައްޗަށް ކުރާ ދައުވާތަކަށް ބަންޑާރަ ނާއިބު ރެސްޕޮންޑް ކުރައްވާ ކަމަށާއި، ރައްޔިތުންގެ މަޖިލިހުގެ ރައީސް ޖުޑިޝަލް ސާވިސް ކޮމިޝަންގައި އިންނަވައިގެން ރާއްޖޭގެ ސިޔާސީ ކަންކަން ޖޭއެސްއީއަށް ވައްދާފައިވާކަމަށެވެ.

ޖާބިރު މިމޭރުމުން ވާހަކަ ދެއްކެވިއިރު، ޖޭއެސްސީގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ނަން މިއަދު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.