ސައިފް އަލީ ޚާންއަށް ވަޅިން ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ބަންގްލަދޭޝް މީހާ އެ ހާދިސާ ހިނގި ގޮތް ފުލުހުންނަށް ކިޔައިދީފިއެވެ. ބާންޑްރާ ފުލުހުން ވަނީ ސައިފަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ސައިފްގެ ގެޔަށް ގެންގޮސް، އެ މަންޒަރު ކުޅުވައިފައެވެ.
މި ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ބަންގްލަދޭޝްގެ ޖަލޯކަތީ ޑިސްޓްރިކްޓްގެ އުފަން ރައްޔިތެއްކަމަށްވާ ޝަރީފުލް އިސްލާމް ޝެހްޒާދް މުހައްމަދު ރޮހިއްލާ އަމީން ފަކީރު (30) އެވެ.
އޭނާ ބުނިގޮތުގައި، ވައްކަންކުރުމުގެ ނިޔަތުގައި ސަތުގުރް ޝަރަން އިމާރާތުގައި ހުރި އެކްޓަރުގެ ފްލެޓަށް ވަނީ ފާޚާނާގެ ކުޑަދޮރުންނެވެ.
ގޯތީގެ ވަށާފާރުމަތީން އަރައި، އިމާރާތުގެ ގޯތިތެރެއަށް ވަދެފައިވާއިރު، އިމާރާތުގައި ތިބި ދެ ސެކިއުރިޓީ ގާޑުންވެސް އެވަގުތު ތިބީ ނިދާފައި ކަމަށް އޭނާ ބުންޏެވެ. އިމާރާތުގެ މައި ދޮރުގައި ނުވަތަ ކޮރިޑޯގައި އެއްވެސް ސީސީޓީވީ ކެމެރާއެއް ހަރުކުރެވިފައި ނެތުމުގެ ސަބަބުން، އެތެރެއަށް ވަން މީހާ ފާހަގަ ނުވެ ވަދެވިފައިވާ ކަމަށް ވެސް ބުންޏެވެ.
އަޑު މަޑުކުރުމަށް ޓަކައި، އެތެރެއަށް ވަނީ ފައިވާން ބާލައި ދަބަހަށް ލައި ފޯނުވެސް ނިއްވާލައިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ގެއަށް ވަތް ފަހުން، އެކްޓަރުގެ މުވައްޒަފުންނަށް އޭނާ ފެނިގެން، ޒުވާބު ކުރަން ފެށިކަމަށާއި އެ ވަގުތު ސައިފް އެތަނަށް ގޮސް، ނުރައްކަލެއް އޮތްކަން އިހުސާސް ވެ އޭނާގެ ކުރިމަތިން ވަރުގަދައަށް ހިފަހައްޓާފައިކަމަށް އޭނާ ބުނެފައިވާ ކަމަށް ބާންޑްރާ ފުލުހުން ބުނެއެވެ.
ތުހުމަތުކުރެވޭ މީހާ ސަލާމަތް ވާނެ ގޮތެއް ނުލިބުމުން، ސަލާމަތް ވުމަށްޓަކައި އެކްޓަރުގެ ބުރަކައްޓަށް ވަޅިން ހަމަލާދޭން ފެށިއެވެ. ސައިފަށް މި ހަމަލާގައި އަނިޔާވުމާއެކު، އެ މީހާއަށް ވަނީ އޭނާގެ ހިފެހެއްޓުމުން ސަލާމަތް ވެވިފައެވެ. އޭގެ ފަހުން، ހަމަލާދިން މީހާ ގޭތެރޭގައި ހުރި ކަމަށް ހީކޮށް، ސައިފް ވަނީ އޭނާގެ ފްލެޓުގެ މައި ދޮރު ތަޅުލައިފައެވެ. ނަމަވެސް، ތުހުމަތުކުރެވޭ މީހާ ވަނީ އޭނާ ވަދެފައިވާ މަގުން ފިލައިގެން ގޮސްފައެވެ.
ތުހުމަތުކުރެވޭ މީހާ ކިޔައިދިން ގޮތުގައި، އޭނާ ވަނީ އޭގެ ފަހުން ގޭގެ ތިރިއަށް ގޮސް ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން އިމާރާތުގެ ގަސްތަކުގެ ތެރޭގައި ފޮރުވިގެން އޮވެފައެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ތުހުމަތުކުރެވޭ މީހާގެ އިނގިލީގެ ނިޝާންތައް ވަނީ ކުށުގެ ވެށީން ފެނިފައެވެ. މީގެ ތެރޭގައި އޭނާ ވަދެ ނުކުތް ފާޚާނާގެ ކުޑަދޮރު، ޑަކްޓް ޝާފްޓް، އަދި އޭނާ ޑަކްޓުން ވަނުމަށް ބޭނުންކުރި ސިޑި ހިމެނެއެވެ.
މި ހަމަލާގައި ސައިފުގެ ހަށިގަނޑުގެ ގިނަ ތަންތަނަށް ވަނީ ވަޅިން ހަމަލާ އަރައިފައެވެ. އަދި ލީލާވަތީ ހޮސްޕިޓަލުގައި ކުއްލި ސަރޖަރީއެއް ވަނީ ހަދާފައެވެ. ޑޮކްޓަރުން ވަނީ އެކްޓަރުގެ މައިބަދަ ކައިރީ އޮތް ތޫނު އެއްޗެއްވެސް ނަގައިފައެވެ. އެއީ ވަޅީގެ ތިލައެއް ކަމަށް ހަބަރުތައް ބުނެފައިވެއެވެ.
ސައިފަށް ހަމަލާދިން، ބަންގްލަދޭޝްގެ ޖަލޯކަތީ ޑިސްޓްރިކްޓްގެ އުފަން ރައްޔިތެއްކަމަށްވާ ޝަރީފުލް އިސްލާމް ޝެހްޒާދް މުހައްމަދު ރޮހިއްލާ އަމީން ފަކީރު (30)، ވޭތުވެދިޔަ 5 މަސް ދުވަހަށްވުރެ ގިނަ ދުވަހު މުންބާއީގައި ދިރިއުޅެމުން އައިސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ އެކި ކުދިކުދި މަސައްކަތްތައް ކުރަމުން އައިސްފައިވާ އިރު، ހައުސްކީޕިން އޭޖެންސީއަކާ ގުޅިފައިވެސް ވެއެވެ. މުންބާއީގެ ކޯޓަކުން ވަނީ އާދިއްތަ ދުވަހު ތުހުމަތުކުރެވޭ މީހާ 5 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ސައިފްއަށް ހަމަލާދިންތާ 5 ދުވަސް ފަހުން، އިއްޔެ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.