މިހާރު ކުރިއަށްދާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން އެ ކުންފުނިން ނިންމައިފިއެވެ.
އުރީދޫން ބުނީ ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސް ދުވަހު ހުޅުމާލޭ ރެހެންދި ދަނޑުތައް ކައިރީ ބެހެއްޓިފައި ހުރި އުރީދޫ ޓެންޓުން އުރީދޫގެ ހިދުމަތެއް ހޯދައިގެން، ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ސުޕަނެޓް ހިދުމަތާއި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް ލަކީ ޑްރޯގައި ބައިވެރި ވެވޭނެއެވެ. ޕްރޮމޯޝަނުގައި އަގުހުރި އެތައް އިނާމެއް ހިމެނިފައިވާއިރު، އޭގެތެރޭގައި ޓީވީ، ފްރިޖް، ސޯފާ، މައިކްރޯވޭވް ފަދަ ބޭނުންތެރި އިނާމުތައް ވަނީ ހިމަނައިފައެވެ. އަދި ޕްރޮމޯޝަނުގެ ހާއްސަ އިނާމެއްގެ ގޮތުގައި ފިޓްސް އެއާގެ ފަރާތުން ދެމީހަކަށް ކޮލޮމްބޯ ދެކޮޅު ޓިކެޓު ލިބޭނެ ކަމަށް އުރީދުން ބުނެއެވެ.
ގޯލްޑަންއާ ގުޅިގެން އުރީދޫން ކުރިއަށް ގެންދާ ޕްރޮމޯޝަން ކުރިއަށްދާނީ ފެބުރުއަރީ މަހު 25 ވަނަ ދުވަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާ ހަމައަށެވެ. މެޗުތައް ކުރިއަށްދާ ކޮންމެ ދުވަހަކު ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އުރީދޫއަކީ މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕްލެޓިނަމް ޕާޓްނަރެކެވެ.