ގޯލްޑަން ފުޓްސަލް ޗެލެންޖް

ގދ. އަތޮޅު ސެމީގެ ފަހު ޖާގަތައް ގައްދޫއާއި ތިނަދޫއަށް

މުޙައްމަދު ޝަމްޢޫން

ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގދ. އަތޮޅުގެ ސެމީ ފައިނަލް ފަހު ދެ ޖާގަ، ގައްދުއާއި ތިނަދޫން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ ގދ. އަތޮޅު ގްރޫޕް ސްޓޭޖުގެ ފަހު ދެމެޗު ކުޅެފައެވެ. ގދ. އަތޮޅުން ޖުމުލަ ހަ ޓީމު މުބާރާތުގައި ވާދަކުރަމުންދާ އިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ.

ރޭގެ މެޗުތަކަށް ނުކުތް އިރުވެސް ގްރޫޕް އޭގެ އެއްވަނަ މަޑަވެލިން ޔަގީންކޮށްފައިވާ އިރު، ދެވަނަ ކަނޑައެޅީ ރޭ ފަރެސްމާތޮޑާ އާއި ތިނަދޫ ވާދަކުރި މެޗުންނެވެ. އެމެޗު ތިނަދޫން ކާމިޔާބުކުރީ 4-2 އިންނެވެ.

ތިނަދޫގެ އިބްރާހީމް މުހައްމަދާއި އިބްރާހީމް އަހުމަދު، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، ފަރެސްމާތޮޑާގެ ގޯލުތައް ޖެހީ ޝައިސުﷲ އަޝްރަފާއި ސައްފާހް ހަސަނެވެ.

އެ އަތޮޅު ގްރޫޕް ބީ އެއްވަރު އެއްވަރުކޮށް ދިޔަ އިރު، އެއްވަނަ ވާދުއަށް ކަށަވަރުވީ ރޭ ގައްދޫން ފިޔޯރީ ކައިރިން އެއްވަރުވުމުންނެވެ. ރޭގެ މެޗަށް ނުކުތްއިރު ފިޔޯރީއަށް މޮޅެއް މަޖުބޫރުވެފައި އޮތް އިރު، ގައްދޫއަށް ޕޮއިންޓަކުންވެސް ދެވެން އޮތެވެ.

މެޗުގެ ފަހު މިނެޓުކޮޅުގައި ދެ ގޯލު ފެނުނު އިރު، ފުރަތަމަ ގޯލު ޖެހީ ފިޔޯރީންނެވެ. އެއީ އަބްދުﷲ މަހީލް މުއްތަލިބު ޖެހި ގޯލެކެވެ. އެ ގޯލާއެކު ފިޔޯރީއަށް ސެމީ ޔަގީންވިހެން ހީވި ނަމަވެސް ސިކުންތުކޮޅެއްގެފަހުން އައްނު އަބްދުﷲ ގައްދުއަށް ގޯލު ޖަހައިދީ، އެޓީމަށް ސެމީ ޔަގީންކޮށްދިނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މިއަދު ހަވީރު އޮންނަ މެޗުތައް

16:00
ގްރައުންޑް 1: ހއ. މާރަންދޫ - ހއ. ފިއްލަދޫ
ގްރައުންޑް 2: ހއ. ބާރަށް - ހއ. ކެލާ

17:00
ގްރައުންޑް 1: ހއ. ވަށަފަރު - ހއ. އިހަވަންދޫ
ގްރައުންޑް 2: ހއ. ދިއްދޫ - ހއ. އުތީމު

މިރޭ އޮންނަ މެޗުތައް

20:00
ގްރައުންޑް 1: ހދ. ހަނިމާދޫ - ހދ. ފިނޭ
ގްރައުންޑް 2: ހދ. މަކުނުދޫ - ހދ. ނޭކުރެންދޫ

21:00
ގްރައުންޑް 1: ހދ. ކުމުންދޫ - ހދ. ނައިވާދޫ
ގްރައުންޑް 2: ހދ. ވައިކަރަދޫ - ހދ. ނޮޅިވަރަން

22:00
ގްރައުންޑް 1: މ. ވޭވަށް - މ. ދިއްގަރު
ގްރައުންޑް 2: މ. މުލަށް - މ. މަޑުއްވަރި

23:00
ގްރައުންޑް 1: މ. ނާލާފުށި - މ. ކޮޅުފުށި