ގޯލްޑަން ފުޓްސަލް ޗެލެންޖް

މަހިބަދުއަށްވެސް ގްރޫޕްގެ އެއްވަނަ، މަންދުއާއި ކުނބުރުދޫވެސް ސެމީއަށް

ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އދ. އަތޮޅުގެ ސެމީ ފައިނަލް ޓީމުތައް ޔަގީންވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ އދ އަތޮޅު ދެ ގްރޫޕުގެ ފަހު މެޗުތައް ކުޅެފައެވެ.

ރޭގެ މެޗުތަކަށް ނުކުތް އިރުވެސް ދަނގެތިން ގްރޫޕް އޭގެ އެއްވަނަ ޔަގީންކޮށްފައި އޮތް އިރު، ސެމީގެ ފަހު ޖާގައަށް ރޭ ކުނބުރުދުއާއި ހަންޏާމީދޫ ވާދަކުރި މެޗު ކުނބުރުދޫން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި ކުނބުރުދޫގެ ގޯލުތައް ޖެހީ މުހައްމަދު ޔާސިރު މޫސާއާއި މުހައްމަދު ސަމާހު މޫސާ ފަތުހީ އަދި ހަސަން ޝަޒީމެވެ.

އެއަތޮޅު ގްރޫޕް ބީގެ އެއްވަނަ މަހިބަދޫ ޔަގީންކުރީ ދެމެޗުން ހަ ޕޮއިންޓާއެކުގައެވެ. ރޭ މަހިބަދޫން އޮމަދޫ ކައިރިން 4-1 އިން މޮޅުވުމާއެކު އެ ގްރޫޕްގެ ދެވަނަ ލިބިފައި ވަނީ މަންދުއަށެވެ. އެއީ ދެމެޗުން ތިން ޕޮއިންޓާއެކުގައެވެ.

މަހިބަދުއަށް ރޭ ގޯލުތައް ޖެހީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި އާދަމް ފަހުމާންގެ އިތުރުން ހަސަން ނާއިމްއެވެ. އޭގެ އިތުރުން އޮމަދޫގެ އަލީ އަޒުމީ އަތުން ބައިކޮޅަށް ގޯލެއް ވަދެފައިވާ އިރު، އޮމަދޫގެ ގޯލު ޖެހީ އަލީ ޝާޒް ހިލްމީއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މިއަދު ހަވީރު އޮންނަ މެޗުތައް

16:00
ގްރައުންޑް 1: ށ. މިލަންދޫ - ށ. ނަރުދޫ (ސެމީ ފައިނަލް)
ގްރައުންޑް 2: ށ. ބިލެއްފަހި - ށ. ކަނޑިތީމު (ސެމީ ފައިނަލް)

17:00
ގްރައުންޑް 1: ނ. ހޮޅުދޫ - ނ. މިލަންދޫ

މިރޭ އޮންނަ މެޗުތައް

20:00
ގްރައުންޑް 1: ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ

21:00
ގްރައުންޑް 1: ގދ. ފަރެސްމާތޮޑާ - ގދ. ތިނަދޫ
ގްރައުންޑް 2: ގދ. ގައްދޫ - ގދ. ފިޔޯރީ

22:00
ގްރައުންޑް 1: ސ. ހުޅުދޫ - ސ. ފޭދޫ
ގްރައުންޑް 2: ސ. މީދޫ - ސ. ހިތަދޫ

23:00
ގްރައުންޑް 1: ފ. ފީއަލި - ފ. ނިލަންދޫ
ގްރައުންޑް 2: ފ. ދަރަނބޫދޫ - ފ. ބިލެއްދޫ