ފަރަހް ޚާން ވަނީ އޭނާގެ ގާތް ރަހުމަތްތެރިޔާ އަދި ބޮލީވުޑްގެ ސުޕަސްޓާރ ޝާހުރުކް ޚާނާ ބެހޭ ގޮތުން ކުރީން ނޭނގޭ ވާހަކައެއް ހިއްސާކޮށްފައެވެ. ފަރަހް ބުނި ގޮތުގައި އެ ދެމީހުން އެކީ މަސައްކަތް ކުރާ ކޮންމެ ފިލްމެއް ނިންމުމަށްފަހު ޝާހު އޭނާއަށް ކާރެއް ހަދިޔާ ކުރެއެވެ.
ފަރަހް އާއި ޝާހުގެ ދިގު މުއްދަތުގެ ރަހުމަތްތެރިކަމާއި ޕްރޮފެޝަނަލް ގުޅުމުގެ ސަބަބުން ވަނީ "އޯމް ޝާންތީ އޯމް" އަދި "މެއިން ހޫން ނާ" ފަދަ ބްލޮކްބަސްޓާ ހިޓް ފިލްމުތަކެއް އުފެއްދިފައެވެ.
ފަރަހް މި ވާހަކަ ދެއްކީ އަރްޗަނާ ޕުރާން ސިންގްގެ ގެއަށް ޒިޔާރަތްކުރި ވަގުތެއްގައެވެ. މި ބައްދަލުވުމުގައި އަރްޗަނާ އަދި އޭނާގެ ފިރިމީހާ ޕަރްމީޓް ސެޓީވެސް ބައިވެރިވިއެވެ.
އެ ބައްދަލުވުމުގައި އަރްޗަނާ ފަރަހްއާ ކުރި ސުވާލަކީ މަޝްހޫރު މީހެއްގެ ފަރާތުން ލިބިފައިވާ އެންމެ އަގުބޮޑު ހަދިޔާއަކީ ކޮބައިތޯއެވެ.
ފަރަހް ހިނިތުންވެލަމުން ބުނެފައިވަނީ ކޮންމެ ފިލްމަކަށްފަހު ޝާހު އޭނާއަށް ކާރެއް ދޭ ކަމަށެވެ.
އަރްޗަނާ މަޖާ ވެފަ އެހެންވިއްޔާ އަވަހަށް ފިލްމެއް ހަދަންވީ ނޫންހޭ ބުނުމުން ފަރަހްވެސް ވަނީ އެއަށް އެއްބަސްވެ އެވަގުތު އައިސް ޖެހިއްޖެ ކަމަށް ބުނެފައެވެ.
ފަރަހްގެ ފިރިމީހާ، ޕްރޮޑިއުސަރް، ޝިރީޝް ކުންދާރްގެ ފަރާތުން ލިބުނު އެންމެ ރަނގަޅު ހަދިޔާއަކީ ކޮބައިތޯ އެހުމުން، އޭނާ ބުނީ އެއީ ލިބުނު ތިން ދަރިން ކަަމަށެވެ.