ބިގް ބޮސްގެ ސީޒަން 18 ނިންމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ރޭ ވަނީ ބާއްވައިފައެވެ. ސަލްމާން ޚާން ހުށަހަޅާ މި ކޮންޓްރޯވަރޝަލް ރިއަލިޓީ ޝޯ ވަނީ، ނުހުއްޓޭ ޑްރާމާތަކާއި ޖަގަޑާތަކުގެ ސަބަބުން މަޝްހޫރު ވެފައެވެ. ގްރޭންޑް ފިނާލޭ ނިމުމާއެކު، ޝޯގެ ވަނަތައް ވަނީ ހޮވައިފައެވެ.
ތިން މަސް ދުވަހުގެ ކޮންޓްރޯވަރސީތަކާއި ހުއްޓުމެއް ނެތް ޑްރާމާތަކުގެ ދަތުރު ނިމުމަކަށް އައީ ކަރަންވީރް ޓްރޮފީ ނެގުމާ އެކުގައެވެ. އޭނާ މި ޝޯއަށް ދިޔައީ "ޚަތްރޯން ކޭ ކިލާޑީ 14" ގައި ކާމިޔާބު ހޯދުމަށްފަހުގައެވެ. މި އެކްޓަރަށް 50 ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.
އޭނާގެ މި ކާމިޔާބީއަކީ ބިގް ބޮސް ގޭގައި ހޭދަކުރި ވަގުތުގައި ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލައި، ދެމިހުރުމުގެ ގާބިލުކަމާއި ވާދަވެރި ރޫހު ދައްކުވައިދޭ މުހިންމު ކާމިޔާބީއެކެވެ. ކަރަންވީރް ވަނީ ގޭމްގައި އޭނާގެ ޝަހުސިއްޔަތު ބަދަލު ނުކޮށް، އަމިއްލަ ނަފުސަށް ތެދުވެރިވެ މުޅި ޝޯގައި އެކަން ދަމަހައްޓާފައެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ހުނަރަކީ ހިޔާލުތަކާއި އިހުސާސްތައް ސާފުކޮށް އަދި ފޯރިގަދަކަމާއެކު ފާޅުކުރުމުގެ ގާބިލުކަމެވެ. މިކަމުގެ ސަބަބުން އޭނާގެ އަޑު އަބަދުވެސް އިވިފައިވެއެވެ.
ގްރޭންޑް ފިނާލޭގައި ރާޖަތް ދަލާލް ވަނީ ތިންވަނަ ޖާގައިން ބޭރުވެފައެވެ. އަވިނާޝް މިޝްރާ އަދި ޗަމް ދަރަންގް ވަނީ ހަތަރުވަނަ އަދި ފަސްވަނަ ޖާގައިން ބޭރުވެފައެވެ. އީޝާ ސިންގަކީ ފައިނަލިސްޓުންގެ ތެރެއިން އެންމެ ފުރަތަމަ ބޭރުވި ބައިވެރިޔާ އެވެ.
ބިގް ބޮސް 18 ފެށިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 6 ވަނަ ދުވަހުއެވެ. މި ޝޯގައި ތަފާތު ދާއިރާތަކުގެ ބައިވެރިން ހިމެނުނެވެ. އޭގެ ތެރޭގައި ޔޫޓިއުބަރުން، އެކްޓަރުން، ވަކީލުން، ސޯޝަލް މީޑިއާ އިންފްލުއެންސަރުން، އަދި މޮޑެލުން ހިމެނެއެވެ.